ކުޅުދުއްފުށި ސިޓީގައި ބަށި ބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ގޮތުން ބޭއްވި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ބަށި ބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.
އެގޮތުން މި އޮގަސްޓް މަހުގެ 1 ން 2 އަށް ބޭއްވި މި ޕްރޮގްރާމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގަރާމުގައި ބަށި ބޯޅައިގެ ޤަވާއިދުތަކާއި، މުބާރާތް ހިންގުމުގެ އުސޫލުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ބައިވެރިންނާއި ހިއްސާކުރެވިފައިވާނެކަމަށެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ހދ އަތޮޅަށް ހުޅުވާލައިގެން މިއަހަރު ސެޕްޓެމްބަރ މަހުގެ 4 އިން 6 އަށް ކުޅުދުއްފުށި ސިޓީގައި ބަށި ބޯޅަ މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެހެންކަމުން، މި ޕްރޮގްރާމުގައި ތަމްރީނުވެފައިވާ ފަރާތްތަކަށް މި މުބާރާތުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރުސަތުތައް މަގުފަހިވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ދަނީ ސިޓީގައި ބަށި ބޯޅަ ކުޅިވަރު ދިރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖޭގައި އަތޮޅު ލީގެއްގެ ގޮތުގައި ބަށި މުބާރާތްވެސް ހިންގަނީ ހަމައެކަނި އެ ސިޓީގައެވެ.
މިގޮތުން އެ ސިޓީގައި އެ ކުޅިވަރު އިތުރަށް ދިރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި، އާންމު ރައްޔިތުންގެ ކައިރިން ކުޅުދުއްފުށީ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ސިޓީގައި ބަށި ކޯޓެއް ތަރައްޤީކުރުމަށް ހިޔާލު ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!