އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް، އެ މަރްޙޫމް ނިސްބަތްވެވަޑައިގެންފައިވާ ހއ. ހޯރަފުށީގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވައިފިއެވެ.
ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި ޖަލްސާގައި ވަޙީދުގެ ޢާއިލާ އާއި، ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ އާއި، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމްއާއި، ދިވެހި ބަހުގެ އުސްތާޛް އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އާއި މުޙައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އަދި ހޯރަފުށީ ކައުންސިލާއި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ޖަލްސާ ތަޢާރަފްކުރުމުގެ ގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ދެއްކި ވާހަކާގައި މަރްޙޫމް ވަޙީދުގެ ހިދުމަތުގެ އަގު ވަޒަންކުރަށްވައި ވިދާޅުވީ އިންސާނެއްގެ މުޅި ޙަޔާތް ބައި ގަރުނު އަދަބިއްޔާތަށް ޚިދުމަތްކުރުމަކީ ލައްކަ ގިނަ ކަންކަން އެ ދާއިރާއިން ތަޖުރިބާ ކުރެވިގެންދާނެ ކަމެއްކަމަށެވެ.
''އެފަދަ މީހެއްގެ ދިރިއުޅުން ގުޅިފައިވާނީ ޝައްކެތްނެތް، ދިވެހި ވަންތަކަމާއި ޤައުމިއްޔަތަށްކަން ޔަގީން، މަރްޙޫމް ވަޙީދުގެ ޙަޔާތުގެ ބޮޑުބައި ކުލަޖައްސާފައި ވަނީ ދިވެހި އަދަބީ ފަންނުގެ ފިހިން، މަރްޙޫމް ވަޙީދު އެ ފަސްގަނޑަކަށް އުފަން މި ހޯރަފުށީގެ ހިތު ތެރޭގައި ދައުރު މިވަނީ ހިތި ކަރުނައާއި ފުން އަސަރުތައް، އުތުރި ބަންޑުން ވަނީ ވަޙީދު ހަޔާތީ އަދަބީ ހަނދުމަތައް'' ކައުންސިލްގެ ރައީސް ވިދާޅުވެފަވެއެވެ.
ހޯރަފުށީގައި ބޭއްވި ވަޙީދުގެ ތައުބީން ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވަނީ ވަހީދުގެ ހަޔާތްޕުޅާއި އަދި ކުރުވާހަކަތަކުން ނަންގަވައިދެއްވި ފިލާވަޅުތައް ވަރަށް ތަފުސީލީ ގޮތެއްގައި ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ވަހީދު އެނގިވަޑައިގަތުމުގެ ކުރިން އެނގިވަޑައިގަތީ ވަހީދުގެ މަސައްކަތްޕުޅުތައް ކަމަށެވެ. އަޝްރަފް ސިފަކުރެއްވި ގޮތުގައި މަޑުލު ވަހީދަކީ ބަސް މަދު، ކުރުކޮށް ވާހަކަދައްކަވާ އޯގާތެރި ބޭފުޅެކެވެ.
ވަޙީދުގެ ތައުބީން ޖަލްސާގައި ޑރ. އަޝްރަފް ވާހަކަ ދައްކަވަނީ، ފޮޓޯ: ހޯރަފުށީ ކައުންސިލް
މަޑުލު މުޙައްމަދު ވަހީދުގެ ހަނދާނުގައި މާލޭގައި ވެސް ވަނީ ތަޢުބީންގެ ޖަލްސާއެއް މިމަހުގެ 7 ވަނަ ދުވަހު ބާއްވާފައެވެ. މަޑުލު މުޙައްމަދު ވަހީދުގެ އާއިލާގެ ބޭފުޅުންނާއި އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ގާތް ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. ތަޢުބީނުގެ ޖަލްސާގައިވަނީ މަޑުލު މުޙައްމަދު ވަހީދުގެ ތަޢުޒިޔާގެ ދަފުތަރު އާއިލާއާ ހަވާލުކުރައްވާފައެވެ. މިތަޢުޒިޔާގެ ދަފުތަރާ އާއިލާގެ ފަރާތުން ހަވާލުވެލެއްވީ އަނބިކަނބަލުން ޙަބީބާ މުޙައްމަދުއެވެ.
މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާއެއް ހޯރަފުށީގައި ވެސް ބާއްވަނީ
މީގެއިތުރުން މަޑުލު މުޙައްމަދު ވަހީދުގެ ހަނދާނުގައި "އަޅުގަނޑުމެންގެ މަޑުލު ވަހީދު"ގެ ނަމުގައި ފޮތެއްވަނީ ނެރުއްވާފައެވެ. އަދި މަޑުލު މުޙައްމަދު ވަހީދުގެ ޚިދުމަތުގެ މައްޗަށް ހަދާފައިވާ ޚާއްސަ ވީޑިއޯ ރިޕޯޓަކާއި، ޅެމެއްވެސް މިޖަލްސާގައިވަނީ ހުށައަޅާފައެވެ.
ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު ވަހީދު އަވަހާރަވީ އޭޕްރީލް 14 ގައެވެ.
މަޑުލު މުޙައްމަދު ވަޙީދަކީ ހަތަރު މަތިފުށް ހޯރަފުށީ ބޭފުޅެކެވެ. ކުރިން ނޫސްތަކުގައި ލިޔުއްވީވެސް ހޯރަފުށީ ވަހީދުގެ ނަމުންނެވެ. ފަހުން މާލެއަށް ރަޖިސްޓްރީ ބަދަލުކުރައްވާ ގެއަށް ކިޔުއްވީ، ހޯރަފުށީ ކައިރީގައި އޮންނަ މަޑުލުގެ ނަމުންނެވެ. އެއަށްފަހު ކޮލަމް ތަކާއި އާންމުކޮށް ކިޔާ ނަން މަޑުލު ވަޙީދަށް ބަދަލުވީ އެވެ.
ދިވެހިބަހާއި ސަޤާފަތުގެ ދާއިރާއިން ކުރެއްވި ޤައުމީ ޚިދުމަތްތަކަށް، ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ އިނާމު މަޑުލު ވަޙީދަށް ލިބިވަޑައިގެންނެވިއެވެ.
މަޑުލު މުޙައްމަދު ވަޙީދުވަނީ ބަހުގެ އެކިއެކި ދާއިރާތަކުން 60 އަހަރުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. 1966ވަނަ އަހަރު ރަސްމީ ގޮތުން މަސައްކަތްތައް ފެއްޓެވީ ވުޒާރަތުއް ތިޖާރާގެ އިނގިރޭސި ކާތިބުގެ ވަޒީފާއާއެކުއެވެ. އޭރުވެސް ނުރަސްމީގޮތުން ތަޢުލީމީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ. 1993ވަނަ އަހަރު ޤައުމީ މަރުކަޒުގެ ޚާއްސަ މުޝީރުކަން ކުރެއްވިއެވެ. މީގެއިތުރުން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި ދިވެހި ބަހުގެ އެކެޑަމީގެ އިސް މަޤާމުތައް ފުރުއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!