ފްރާންސުން ޣައްޒާއަށް ފުރަތަމަ ފަހަރަށް އިންސާނީ އެހީ ވައިގެ މަގުން ފޯރުކޮށްދީފިއެވެ.
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، އެ ޤައުމުން ވަނީ ޣައްޒާއަށް ފުރަތަމަ ފަހަރަށް އިންސާނީ އެހީ ވައިގެ މަގުން ފޯރުކޮށްދީފައެވެ.
"ހަލުވި އިންސާނީ ކާރިސާއަކާ ކުރިމަތިވެފައިވާތީ، ދެންމެ އަހަރެމެން ޣައްޒާއަށް ކާބޯތަކެތީގެ އެހީ ވައިގެ މަގުން ފޯރުކޮށްދީފީމު،" މެކްރޯން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
"ނަމަވެސް ވައިގެ މަގުން އެހީ ފޯރުކޮށްދިނުން އެކަނި ފުދޭނެ ކަމެއް ނޫން. ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާތީ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ފުރިހަމަ އެކްސެސް ދޭންޖެހޭ،" އޭނާ ވިދާޅުވިއެވެ.
މެކްރޯން ވަނީ މިކަމުގައި ޖޯޑަން، އެމިރޭޓްސް އަދި ޖަރުމަނު ބައިވެރިން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ފްރާންސުގެ ފޮރިން އަދި ޑިފެންސް މިނިސްޓްރީތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި "އެތައް ދުވަހެއްގެ" މަތިން ޣައްޒާއަށް އެތައް ޓަނެއްގެ ކާބޯތަކެތި ފޯރުކޮށްދޭނެއެވެ.
"އެއްގަމު މަގުން ދަތުރުކުރުމަކީ އާބާދީއަށް ކޮންމެހެން ބޭނުންވެފައިވާ އިންސާނީ އެހީ ބޮޑު މިންވަރަކަށް އަދި ހުރަހެއްނެތި ފޯރުކޮށްދިނުމަށް އެންމެ އެދެވޭ ހައްލު ކަމަށްވާތީ، ފްރާންސުން އެކަމަށްވެސް މަސައްކަތް ކުރަމުންދޭ،" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ފޮރިން މިނިސްޓަރ ޖީން-ނޮއެލް ބެރޯޓް މި ހަފްތާގެ ކުރީކޮޅު ވިދާޅުވި ގޮތުގައި ހުކުރު ދުވަހުން ފެށިގެން ފްރާންސުން ޣައްޒާއަށް 40 ޓަނުގެ އެހީ ވައިގެ މަގުން ފޯރުކޮށްދޭނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ފަލަސްތީނުގެ ޖަމާއަތް ހަމާސްއިން އިސްރާއީލަށް މަރުގެ ހަމަލާއެއް ދިނުމަށްފަހު ފެށުނު 21 މަސް ދުވަހަށްވުރެ ދިގު ހަނގުރާމައަކަށްފަހު، ފާއިތުވި ހަފްތާގައި ޣައްޒާގައި ބަނޑުހައިހޫނުކަމާ މެދު ކަންބޮޑުވުން އިންތިހާ އަށް އިތުރުވެފައިވެއެވެ.
ފްރާންސުން އިސްނަގައި ޣައްޒާ އަށް އެހީ ފޯރުކޮށްދޭން ފަށާފައި މިވަނީ ފްރާންސުން ފަލަސްތީނަށް ތާއީދުކޮށް މަސައްކަތްކުރާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިިން ނަތަންޔާހޫ ނުރުހުންވެ ވާހަކަތައްދައްކައި އިންޒާރުދީފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!