ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ވެސް، ތަރައްޤީއަށް ވާޞިލުވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ޙާޞިލުކުރެވޭ ކާމިޔާބީގެ ރަމްޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވަނީ މިނިވަން ދުވަހާ ގުޅުވައިގެން އައު ޓާމިނަލް ހުޅުވަން ނިންމެވުމުގެ ފަހަތުގައިވާ ހިކުމަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން، ޤައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތް ގުޅިގެން ދާނީ، ޚާއްޞަކޮށް ފަތުރުވެރިކަން، އަދި ޖުމުލަކޮށް މުޅި އިޤްތިޞާދީ ކުރިއެރުމާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހީންނަކީ، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް އުޅޭ، އެއް މާޒީއެއް ހިއްސާކުރާ، އެއް ބައެއްކަން ހަނދުމަފުޅުކޮށް ދެއްވައި، އަމިއްލަ މަސްލަޙަތާއި ޒާތީ ތަޢައްޞަބަށްވުރެ ޤައުމު އިސްކުރުމަކީ، އަންނާން އޮތް ޖީލުތަކަށް އުފާފާގަތިކަންމަތީ ޤައުމު ވާޞިލުކޮށް ދިނުމަށްޓަކައި، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އައު ޓާމިނަލްގެ މަސައްކަތުގައި ދިހަވަރަކަށް އަހަރު ދުވަސް ހޭދަވެފައިވާކަން ފާހަގަކުރައްވަމުން، މަސައްކަތުގެ އެކި މަރުޙަލާތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ނަންފުޅު އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައިގެ އިތުރަށް މި މަސައްކަތަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވި ހަތަރު ފަންޑު ކަމުގައިވާ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް، އަދި އެ އިދާރާތައް ނިސްބަތްވާ ޤައުމުތަކަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، މަސައްކަތުގެ ދުވެލި ހަލުވިކޮށްދެއްވާ މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ޖުމުލަކޮށް ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތަކަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކާމިޔާބީއަކީ، ގިނަ ބަޔަކު އެކުގައި ކުރާ ބުރަ މަސައްކަތުން ޙާޞިލުކުރެވޭ ކަމެއް ކަމަށާއި، މިރޭ މި ފާހަގަކުރަނީ އެ ފަދަ ތާރީޚީ ކާމިޔާބީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އައު ޓާމިނަލް ހުޅުވުމާއި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް އެކުގައި ފާހަގަކުރަމުންދާ މި ޚާއްޞަ ދަނޑިވަޅުގައި، ޤައުމު އިސްކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސް މުޢިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!