ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ތަރައްގީކުރި އައު ޓާމިނަލް މިރޭ ހުޅުވައިފިއެވެ.

މި ޓާމިނަލް ހުޅުވައިދެއްވީ، މިކަމަށްޓައި ވީއައިއޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އައު ޓާމިނަލް ހުޅުވުމުގެ ގޮތުން، ޓާމިނަލް މޮޑެލްއެއް ރައީސް މުޢިއްޒަށް ވަނީ އަރުއްވާފައެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެއަރޕޯޓުގެ ތާރީޚާއި ތަރައްޤީ ހިމެނޭ ރިޕޯޓަކާއި، ތިއޭޓްރިކަލް ހުށަހެޅުމަކާއި، ޑްރޯންޝޯއެއްގެ އިތުރުން ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސް، ވީއައިއޭގެ އައު ޓާމިނަލް ހުޅުއްވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް

72،000 އަކަ މީޓަރުގެ މި އާ ޓާމިނަލްގައި ގިނަ ޒަމާނީ ޚިދުމަތްތައް ހިމެނެއެވެ. އެގޮތުން ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރާއި، ރާއްޖެއަށް އާ ބަދަލެއްގެ ގޮތުން 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ހިމެނެއެވެ. އަދި ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރ ޤާއިމްކޮށްފައިވެއެވެ.

އިމިގްރޭޝަން ކައުންޓަރުތައް ދެގުނަ އިތުރުކޮށްފައިވާއިރު، ފުރާ މީހުންނަށް 20 އަށްވުރެ ގިނަ ކައުންޓަރާއި 6 އީގޭޓް ހުރެއެވެ. އަންނަ މީހުންނަށް 28 ކައުންޓަރާއި 7 އީގޭޓް ހުރެއެވެ.

ރައީސް، ވީއައިއޭގެ އައު ޓާމިނަލް ހުޅުއްވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް 12 އެއިރޯ ބްރިޖް މި ޓާމިނަލުގައި ހަރުކޮށްފައިވެއެވެ. މި ބްރިޖްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށްވާއިރު، މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

ބެގޭޖް ސްކޭން ކުރުމަށް އެންމެ ޒަމާނީ ނިޒާމުތަކާއި، ހައި ސްޕީޑް ބެގޭޖް ބެލްޓުތައް މި ޓާމިނަލުގައި ބޭނުންކުރެވޭނެއެވެ. ޓާމިނަލް ބޭނުންކުރަން ފަށާއިރު ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަން އެއާލައިނަށް ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެކެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ދޭން ފަށާނެއެވެ.

މި އެއާޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.