ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސިފައިންނާއި ފުލުހުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައެވެ.

Ad
rt

މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ.

މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން، ރައީސްގެ ޝަރަފުގައި، ޝަރަފްގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ ތެރެއިން ދިގުމުއްދަތެއްގައި ޚިދުމަތްކުރި އަދި މަތިވެރި ޚިދުމަތުގެ މެޑެއްޔާއި ރައީސްގެ މެޑެލި ލިބިވަޑައިގެންނެވި ބޭފުޅުންނަށް މެޑެލި ހަވާލުކޮށްދެއްވާފައެވެ.

މެޑެލި ހަވާލުކޮށްދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިފައިންނާއި ފުލުހުންނަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ފަޚުރުވެރިކަމާއެކު ކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި އެ ބޭފުޅުން އަދާކުރަމުންދާ ޚިދުމަތުގެ އަގު ވަޒަން ކުރައްވާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ރަސްމިއްޔާތު ނިންމާލުމުގެ ކުރިން ސިފައިންނާއި ފުލުހުންގެ ޢަޒުމު އައުކުރުން އޮތެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ އަސްކަރީންނާއި ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.