ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.
މި ޖުލައި 21 ވަނަ ދުވަހު ރައީސް ފެއްޓެވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ނ.މާފަރަށެވެ. ފަހު މަންޒިލެއް ގޮތުގައި މިއަދު ހެނދުނު ވަޑައިގަތީ ޅޮއްސަށެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވިއެވެ. މީގެ އިތުރުންވެސް ރަށްރަށުގެ ސްކޫލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސް މި ދަތުރުފުޅުގައި ފައްޓަވައިދެއްވިއެވެ.
ރައީސް ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!