ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ސާވިސް ޕޯޓަލް ޓެސްޓުކުރުމަށް 7 ހިދުމަތާއެކު އާންމުންނަށް މިއަދު ހުޅުވާލެވުނު ކަމުގައިވިޔަސް، އަމާޒަކީ 33 ޚިދުމަތާއެކު 2025 ވަނަ އަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް "ކުންބުޓި ޕޯޓަލް" (އޮންލައިންކޮށް ޚިދުމަތަށް އެދޭ ޕޯޓަލް) ލޯންޗުކުރުމަށް ކަމަށް ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.
މި ޚިދުމަތް ލޯންޗުކުރުމާއި ގުޅިގެން މޭޔަރ އާޠިފް މިއަދު ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޒިންމާދާރުކަމާއެކު ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިނގާނެ ޒަމާނީ ސިޓީ ކައުންސިލެއް އުފެއްދުމާއި، ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކައުންސިލު ރިފޯމް ކުރުމަށް ހުށަހެޅީ މައިގަނޑު 2 ބަދަލު ކަމަށެވެ.
އެގޮތުން އެ ދެ ސިޔާސަތުވެސް މިއަދު ތަންފީޒުވަމުން ދާކަން އުފަލާއެކު ފާހަގަކުރަމުން މޭޔަރ ވިދާޅުވީ، ސިޓީ ކައުންސިލް އަކީ އަމިއްލަ އިންސެގުމުގައި ފުރިހަމައަށް މަޢުލޫމާތު ހާމަކޮށްފައިވާ ދައުލަތުގެ 6 އިދާރާގެ ތެރެއިން ހިމެނިފައިވާ އިދާރާއެއް ކަމަށާއި، އަމިއްލަ އިސްނެގުމަށް މަޢުލޫމާތު ހާމަކޮށް ހާމަކުރަންޖެހޭ މަޢުލޫމާތު ޤާނޫނާއި އެއްގޮތަށް ހާމަކުރި ފުރަތަމަ ކައުންސިލަކީ ކުޅުދުއްފުށި ސިޓީ ކައުންސިލް ކަމަށެވެ.
މީގެ އިތުރުން، ފާހަކޮށްލެވޭ އަނެއް ސިޔާސަތުގެ ތެރޭގައި މިއަދު ޓެސްޓިން ފޭސް އަށް ހުޅުވާލެވުނު "ކުންބުނި ޕޯޓަލް" އަކީ މި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢު ކަމަށްވެސް މޭޔަރ ވިދާޅުވެފައިވެއެވެ.
މޭޔަރ އާޠިފް އިތުރަށް ވިދާޅުވީ، ކުންބުޓި ޕޯޓަލް މިހާ ހިސާބަށް ގެނައުމަށް ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން ބޮޑެތި މަސައްކަތްތަކެއް ބެކް އޮފީހަށް ކޮށްފައިވާކަމަށެވެ.
މީގެ ތެރޭގައި އިދާރީ ހިންގުމުގެ އޮނިގަނޑު ތަރުތީބުކުރުމާއި، ސެކްޝަންތަކާއި ޔުނިޓްތަކުގެ މަސައްކަތު ފްލޯ ރޭވުމާއި، މަސައްކަތްތަކުގެ އެސް.އޯ.ޕީތައް ތައްޔާރުކޮށް، ޚިދުމަތުގެ ފޯމްތައް އަޕްގްރޭޑްކޮށް ޒަމާނަށް ފެއްތުމުގެ އިތުރުން، ދައުލަތުގެ އިދާރާތަކުން ހޯދަންބޭނުންވާ އޭ.ޕީ.އައި ތަކާއި ޕޭމަންޓް ގޭޓްވޭ ފަދަ ކަންކަން ހޯދުމަށް މަސައްކަތް ކޮށްފައިވާކަމަށް މޭޔަރ ފާހަކޮށްފައިވެއެވެ.
މިފަދަ ޚިދުމަތްތައް ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރުމަށް ނިންމި ނިންމެވުމަކީ، ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލުން އޮޓޮމެޓްކުރެވި ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސްދިނުމުގެ ގޮތުން 2021 ވަނަ އަހަރު މޭޔަރ އާޠިފް ގެ ކެމްޕެއިންގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން މުހިންމު އެއް ވައުދުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!