ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަބުޑީ މޯލްޑިވްސް އާއި ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އެ ސިޓީގައި ކުރިއަށް ގެންދިޔަ ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޯސް ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި އާމިނަތު ޝިހާނާ (އަބުޑީ) އަދި އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ޙަކީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

އެގޮތުން 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ މި ކޯހުގައި ކުޅުދުއްފުށި ސިޓީންނާއި ހދ. ވައިކަރަދޫ އަދި ކުމުންދޫ އިން ތަމްރީނުވި 25 ފަރާތަކަށް ވަނީ ރޭ ބޭއްވި ރަސްމިއްޔާތިގައި ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ކޯސް ހިންގައިދިން އަބުޑީ އަށް ސިޓީ ކައުންސިލުން އަގު ވަޒަންކުރުމުގެ ލިޔުން ދެނީ، ފޮޓޯ: ސިޓި ކައުންސިލް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބުޑީ ވިދާޅުވީ ކޯހުގައި ބައިވެރިވި ފަރާތްތަކުގެ އަމިއްލަ އުފެއްދުންތެރިކޮށް އިތުރުކޮށް، އަމަލީ ހުނަރުތައް ތަރައްޤީކުރެވުނު އިރު މި ކޯސް މިހާ ކާމިޔާބުކަމާއެކު ނިންމާލެވުނީ ކޯހުގެ ބައިވެރިންގެ އެއްބާރުލުމާއި ސިޓީ ކައުންސިލުގެ މުވައްޒަފުންގެ އިތުރުން އެޓްމޯސްފިއަރ ފައުންޑޭޝަންގެ ފުރިހަމަ އެހީތެރިކަމާއެކު ކަމަށެވެ.

ކޯސް ފުރިހަމަކުރި ބައިވެރިއަކަށް މޭޔަރ އާތިފް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން މި ރަސްމިއްޔާތުގައި އަބުޑީ ވަނީ މި ކޯހުގެ އަނެއް ބައި ފުރިހަމަ ކުރުމުގެ ތެރެއިން އައު އުކުޅުތަކެއް ދަސްކޮށްދިނުމަށް 2026 ވަނަ އަހަރު މި ކޯސް އަލުން ބާއްވާނެކަމަށް އިއުލާނުކޮށްފައެވެ. އެގޮތުން އަބުޑީ ވިދާޅުވީ އަންނަ އަހަރު ކޯހަށް ކުދިން ހޮވާއިރު މި ކޯހުގައި ބައިވެރިވި 25 ބައިވެރިންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި އެ 25 ބައިވެރިންގެ އިތުރުން 5 ފަރާތެއް ހޮވުމަށް ގަސްތުކޮށްފައިވަނީ ސިޓީ ކައުންސިލުގެ މުވައްޒަފުންގެ ތެރެއިންކަމަށެވެ.

މި ކޯހުގެ ބައިވެރިން ވަނީ އަބުޑީގެ ހިންގުންތެރިކަމާއި ބެހެއްޓި ގާތްކަމާއި އަބުޑީ ކޮށްދެއްވި ބުރަ މަސައްކަތާއި ހުނަރު ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން މި ކޯހުން ބައިވެރިންނަށް ވިޔަފާރިވެރިކަމުގެ ވިސްނުން އާލާކުރުމަށް މަގުފަހިކޮށްދީ، ކޯހުގެ ސަބަބުން އަންހެނުންނަށް އަމިއްލައަށް އުފައްދާ ތަކެތި އުފެއްދުމަށާއި، އެ ތަކެތި ވިޔަފާރީގެ އުޞޫލުން ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.