އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް 2020 ގެ ޕީޕީއެމް ޕްރައިމަރީގައި ހދ. އަތޮޅު ކައުންސިލް ރައީސްކަމަށް ކުރިމަތިލީ އެއްވެސް ކެނޑިޑޭޓަކު ވޯޓު ހޯދަން ހަނިމާދޫއަށް ނާންނަ ކަމަށްބުނެ، އެރަށުގެ ޕީޕީއެމް މެމްބަރުން އިއްޔެގެ އެ ވޯޓުގައި ބައިވެރިއެއް ނުވިއެވެ.
ޕީޕީއެމް ޕްރައިމަރީގެ ހަނިމާދޫގެ ވަގުތީ ނަތީޖާ މިހާރު ސޯސަލް މީޑިއާގައި އާންމުވެފައި ވާއިރު އެ ނަތީޖާ ޝީޓްގައި ނޯޓު ޖެހުމަށްފަހު ލިޔެފައިވަނީ " ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި ހދ. އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އެއްވެސް ފަރާތަކުން ޕްރައިމަރީގައި ވޯޓު ހޯދުމަށް ހަނިމާދޫއަށް އައިސްފައިނުވާތީ ހަނިމާދޫގައި ތިބި ޕީޕީއެމްޕީއެންސީ މެމްބަރުން ވޯޓުލާފައި ނުވާކަމަށް ދަންނަވަން" ކަމަށެވެ.

އިއްޔެ އޮތް ޕީޕީއެމް ޕްރައިމަރީގައި ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ދެ ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ދެ ކެނޑިޑޭޓުން ކަމަށްވާ އަބްދުއްރައްޒާގު އަޙުމަދާއި، ނިޒާރު މޫސާއެވެ.
އޭގެ ތެރެއިން ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމުގެ ޓިކެޓް ކާމިޔާބުކުރީ އަބްދުއްރައްޒާގު އަޙުމަދެވެ.
އިއްޔެ އޮތް އެ ޕްރައިމަރީގައި ކުޅުދުއްފުށީ ސިޓީ ފިޔަވައި ހދ. އަތޮޅުގެ ރަށްތަކުން އެ ވޯޓަށް ދިނީ ފިނި ތަރުހީބެކެވެ. ކުޅުދުއްފުށީ ސިޓީގެ ޕީޕީއެމްގެ ދަފްތަރުގައި 939 މެމްބަރުނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ އިރު ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ދިޔަ އެ ޕާޓީގެ ޕްރައިމަރީގައި 573 މެމްބަރުން ވޯޓްލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!