މިއަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް ބާއްވަން ނިންމައި، އެހަރަކާތް އިންތިޒާމްކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.
މި ހަރަކާތް ހިންގުމަށް ހަނިމާދޫ ކައުންސިލުން ބީލަމަށް ހުޅުވާލައިކޮށްފައިވާ ޢިއުލާންގައި ބުނީ، މިނިވަންދުވަހާއި ގުޅިގެން އެ ކައުންސިލުން ހަނިމާދޫ ރައްޔިތުންނަށް ބޭއްވުމަށް ނިންމާފައިވާ އަވެލި މޮޑުމުގެ ޙަރަކާތް އިންތިޒާމްކޮށް، މިހަރަކާތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ ކައުންސިލުން ވަނީ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 ޖުލައި 2025 (ބުރާސްފަތި) ދުވަހު 10:30 އަށް ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައެވެ.
މި ބީލަން ކާމިޔާބުކުރާ ފަރާތުން 500 މީހުންނަށް ވާ ވަރަށް އަވެލި މޮޑެން ބޭނުންވާ އަވެލި، ދޮންކެޔޮ، ގަބުޅި ހުނި، ހަކުރު، ވަޅޯމަސް، ފިނި ފެން، ބޯފެން އަދި ޕްލާސްޓިކް ތަށި ފޯރުކޮށްދޭން ޖެހެއެވެ.
މި ހަރަކާތުގެ އިތުރުން މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ހަނިމާދޫގައި ސަގާފީ ހަވީރެއް ބޭއްވުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި މި ހަރަކާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ވެސް ބީލަމަށް ވަނީ ހުޅުވާލާފައެވެ.
ހަނިމާދޫގައި އިޖުތިމާއީ ގުޅުން ރަނގަޅު ކުރުމަށް އީދުތަކުގައި އަވެލި މޮޑުމުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ. އަދި އީދު ސަޔާއި މި ނޫންވެސް ކެއުންތައް ބާއްވަމުން އާދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!