ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ މުހިންމު ބައިވެރިއެއް، ކޯލިޝަން ސަރުކާރުން ވަކިވުމުން އޭނާ އަށް އެ ޤައުމުގެ ޕާލަމެންޓުގެ މެޖޯރިޓީ ގެއްލި، ބޮޑު ސިޔާސީ ލޮޅުމެއް ކުރިމަތިވެއްޖެއެވެ.

އިސްރާއީލުގެ ސިޔާސީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ކިންގްމޭކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަލްޓްރާ-އޯތޮޑޮކްސް ޕާޓީ ޝަސްއިން ވަނީ، އެ ޕާޓީގެ ވޯޓަރުންނަށް ފުޅާ ދާއިރާއެއްގައި މިލިޓަރީ ޑްރާފްޓުން އިސްތިސްނާ ދިނުމަށް ހުށަހަޅާފައިވާ ޤާނޫނަކާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދިގެން، ސަރުކާރުން ވަކިވާން މިއަދު ވަނީ ނިންމާފައެވެ. މިއީ މި ހަފްތާގައި ސަރުކާރުން ވަކިވާން ނިންމި ދެވަނަ އަލްޓްރާ-އޯތޮޑޮކްސް ޕާޓީއެވެ.

Ad
rt

ނަމަވެސް ޝަސްއިން ބުނެފައިވަނީ، އެ ޕާޓީން ސަރުކާރުން ބޭރުގައި ތިބެގެން ނެތަންޔާހޫގެ ކޯލިޝަނަށް ހުރަސްއެޅުމުގެ މަސައްކަތެއް ނުކުރާނެ ކަމަށާއި، ބައެއް ޤާނޫނުތަކަށް ވޯޓުދިނުމުގައި ސަރުކާރާއެކު ވޯޓުދޭނެ ކަމަށެވެ. މިއީ އެހެން ގޮތަކަށް ބަލާއިރު، ވެރިކަން ކުރުން ދަތިވެ، ނެތަންޔާހޫގެ ދިގު މުއްދަތުގެ ވެރިކަން ނުރައްކަލަކާ ކުރިމަތިވެދާނެ ހާލަތެއްގައި، ނެތަންޔާހޫއަށް ލިބުނު ފުރުސަތެކެވެ. ޝަސްގެ މެންބަރުން އިސްތިއުފާ ދިނުމުން، ނެތަންޔާހޫގެ ކޯލިޝަނަށް 120 މެންބަރުންގެ ޕާލިމެންޓުގައި ލިބޭނީ 50 ގޮނޑިއެވެ.

މިހާރުގެ ހާލަތުގައި ނެތަންޔާހޫގެ ވެރިކަމަށް ނުރައްކަލެއް އޮތްކަމަކަށް ނުފެނެއެވެ. ޝަސްގެ މެންބަރުން އިސްތިއުފާ ހުށަހެޅުމުން، އެ އިސްތިއުފާ ރަސްމީވުމުގެ ކުރިން 48 ގަޑިއިރުގެ މުއްދަތެއް އޮވެއެވެ. މި މުއްދަތުގައި އިސްރާއީލުގެ ލީޑަރަށް އޭނާގެ ސަރުކާރު ސަލާމަތްކުރުމުގެ ފުރުސަތު ލިބެއެވެ.

މި ޕާޓީން މިކަން އިއުލާންކޮށްފައިވަނީ، ޕާލިމެންޓު މެންބަރުން ހޫނުމޫސުމުގެ ޗުއްޓީއަށް ދިއުމުގެ ކުރިންނެވެ. މިއީ ނަތަންޔާހޫއަށް، ޕާޓީތައް އަނބުރާ ސަރުކާރަށް ގެނައުމަށް މަސައްކަތްކުރުމަށް، މަދު ނުވަތަ އެއްވެސް ޤާނޫނު ހެދުމުގެ މަސައްކަތެއް ނެތި، އެތައް މަހެއްގެ މުއްދަތެއް ލިބޭނެ ކަމެކެވެ.

މި ސިޔާސީ ހަމަނުޖެހުން ދިމާވެފައިވަނީ އިސްރާއީލަށް ވަރަށް މުހިންމު ދަނޑިވަޅެއްގައެވެ. މިވަގުތު އިސްރާއީލުން ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ އެހީތެރިކަމާއެކު ހަމާސްއާ މަޝްވަރާކުރަމުންނެވެ. ޝަސްގެ މި ނިންމުމުން މި މަޝްވަރާތަކަށް ހުރަސްއެޅޭނެ ކަމަކަށް ނުބެލެވެއެވެ.

ނަމަވެސް ކޯލިޝަން ފަނޑުވަމުންދާއިރު، ނަތަންޔާހޫއަށް އިތުރު ބާރުތަކެއް ކުރިމަތިވާނެއެވެ. އެއީ އޭނާގެ އެހެން ވެރިކަމުގެ ބައިވެރިން، ޚާއްޞަކޮށް ނުފޫޒު ގަދަ ހައްދުފަހަނައަޅާފައިވާ ކަނާތްފަރާތުގެ ބައިވެރިން ހިތްހަމަޖެއްސުމަށެވެ. މި ފަރާތްތަކުން ދެކޮޅުހަދަނީ ހަމާސް ނައްތާނުލައި، 21 މަސްދުވަސް ވެފައިވާ ޣައްޒާގެ ހަނގުރާމަ ނިންމާލުމާ މެދުގައެވެ.

އަންގާރަ ދުވަހު، އަނެއް އަލްޓްރާ-އޯތޮޑޮކްސް ޕާޓީ ކަމަށްވާ ޔުނައިޓެޑް ތޯރާ ޖުޑާއިޒަމްއިން ބުނެފައިވަނީ، މިލިޓަރީ ޑްރާފްޓުން އިސްތިސްނާ ދިނުމުގެ ޤާނޫނު ފާސްކުރުމަށް ނެތަންޔާހޫ ނާކާމިޔާބުވުމާ ގުޅިގެން، އެ ޕާޓީން ސަރުކާރުން ވަކިވާން ނިންމާފައިވާ ކަމަށެވެ.

މިލިޓަރީ ޚިދުމަތަކީ ގިނަ ޔަހޫދީ އިސްރާއީލީންނަށް ލާޒިމު ކަމެކެވެ. އަދި މި ޚިދުމަތުން އިސްތިސްނާ ދިނުމުގެ މައްސަލައަކީ ދިގު މުއްދަތެއް ވަންދެން ޤައުމު ބައިބައިކޮށްފައިވާ މައްސަލައެކެވެ. ޣައްޒާގެ ހަނގުރާމަ ފެށުމާއެކު، މިލިޓަރީ މީހުންގެ ބޭނުން އިތުރުވެ، އެތައް ސަތޭކަ ސިފައިންނެއް މަރުވެފައިވާތީ، މި ބައިބައިވުން އިތުރަށް ފުޅާވެފައިވެއެވެ.