ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ނިންމައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) "ތިލަދުން" އަށް ވިދާޅުވެފައިވަނީ މި ކޯހަކީ ސިޓީ ކައުންސިލުގެ އެދިލެއްވުމަކަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޖުލައި 3 އަކުން 10 ގެ ނިޔަލަށް ކުޅުދުއްފުށީ އެންއޯސީ ފުނަވަލު މާލަމުގައި ކުރިއަށް ގެންދިޔަ ކޯހެއް ކަމަށެވެ.
އެގޮތުން މި ކޯސް ކުރިއަށް ގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ތިއަރީ އަދި ޕްރެކްޓިކަލް ކޮށެވެ. މީގެ ތެރެއިން ޕްރެކްޓިކަލް ބައި ކުރިއަށް ގެންގޮސްފައިވަނީ މި މަހު ކުޅުދުއްފުށީގައި ބޭއްވި ބެޑްމިންޓަން މުބާރާތުގެ ތެރެއިންނެވެ.
ސިޓީ ކައުންސިލުން ތަމްރީންކުރި އެމްޕަޔަރަކަށް ޑެޕިއުޓީ މޭޔަރު އަލީ ސެޓްފިކެޓް ދެއްވަނީ، ފޮޓޯ: ސިޓީ ކައުންސިލް
ރޯޒޭ އިތުރަށް ވިދާޅުވެފައިވަނީ މި ކޯހުގައި ޖުމްލަ 18 ބައިވެރިން ބައިވެރިވެފައިވާކަމަށާއި، އޭގެ ތެރެއިން ކޯހުން ފާސްވެ ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 17 ބައިވެރިންކަމަށެވެ.
އަދި މި ކޯސް މިހާ ފުރިހަމަ ކަމާއެކު ކުރިއަށް ގެންދެވުނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން އިންސްޓްރަކްޓަރ އަލީ އަބްދުލް ކަރީމް އާއި އަޙުމަދު ޝިހާމް ގެ ފުރިހަމަ މަސައްކަތުން ކަމަށް ރޯޒޭ ފާހަގަކޮށްފައިވެއެވެ.
މި ކޯސް ފުރިހަމަކޮށް ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދު އާއި ސިޓީ ކައުންސިލުގެ މެންބަރުންގެ އިތުރުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކޯހުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
ކުޅުދުއްފުށީ ސިޓީއަކީ ބެޓްމިޓަން ކުޅިވަރަށް ހުނަރުވެރިކުޅުންތެރިންތަކެއްތިބި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!