ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" (އެމް.އެމް.ޕީ.އާރު.ސީ) ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް މިއަދު ބަދަލުކުރައްވައިފިއެވެ.
މި ބަދަލު ގެންނަވައި، މި ބަދަލު ގެންނެވި ރައީސްގެ ޤަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
މީގެ އިތުރުން މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަކީ ވެސް މި ކުންފުންޏާއި މަތިކޮށްފައިވާ ޒިންމާއެކެވެ.
މި ނަން ބަދަލުކުރުމުގެ ބޭނުމަކީ، ކުންފުނީގެ މައިގަނޑު މަޤްޞަދު، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި އިޝްތިހާރުކޮށް، "މޯލްޑިވްސްއަށް ޒިޔާރަތްކުރުމަށް" ބާރުއެޅުން، ނަމުން ވެސް ހާމަކޮށްދިނުމެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސައްތައިިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.
''ވިޒިޓް މޯލްޑިވްސް'' އަކީ ކުރިން އެމް.އެމް.ޕީ.އާރު.ސީން ރާއްޖެ ޕްރޮމޯޓްކުރުމަށް މައުގަނޑުގޮތެއްގައި ބޭނުންކުރަމުން އައި ނަމެވެ. މި ނަމާއެކު ރާއްޖެ ޕްރޮމޯޓްކުރުމަށް ބޭނުންކުރަމުން އަންނަ ޝިއާރަކީ ''ދަ ސަނީ ސައިޑް އޮފް ލައިފް'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!