ފީފާ ކްލަބް ވޯލްޑް ކަޕް ސެމީ ފައިނަލުގައި ބްރެޒިލްގެ ފްލުމިނެންސޭ ބަލިކޮށް، މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. ރޭ އެމެރިކާގެ މެޓަލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ޗެލްސީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ބްރައިޓަން ދޫކޮށް ކްލަބް ވޯލްޑް ކަޕަށް ޗެލްސީއާއި ގުޅުނު ޖޮއާއޯ ޕެޑްރޯއެވެ. މިއީ އެ ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

Ad
rt

ރޭ މެޗުގެ ފުރަތަމަ ލަނޑު ޕެޑްރޯ ކާމިޔާބު ކޮށްފައި ވަނީ 18 ވަނަ މިނެޓުގައެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅަ ގޯލުގެ މަތީކަނަށް ފޮނުވާލީ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީއެވެ. މެޗުގެ ދެވަނަ ލަނޑު ޗެލްސީއަށް ޕެޑްރޯ ޖަހައިދީފައި ވަނީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެންޒޯ ހެނާންޑޭޒްގެ އެހީތެރިކަމާއި އެކުއެވެ.

ދެ ލަނޑުން ފަހަތަށް ވެއްޓުމާއިއެކު ފްލުމިނެންސޭއިން ވަނީ ޓީމް ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ފައިނަލުގައި ޗެލްސީ ބައްދަލުކުރަން ޖެހޭ ޓީމެއް ޔަގީންވެގެންދާނީ މިރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗަށް ފަހުއެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ރެއާލް މެޑްރިޑާއި ޕީއެސްޖީއެވެ.