ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ލޯގޯ އަދި ބްރޭންޑް ހުއްދަނެތި ބޭނުންކޮށްގެން ޖުވާގެ ވެބްސައިޓްތައް އިޝްތިހާރުކުރުމަށް އޭއައި ވީޑިއޯ އާއި އޯޑިއޯ ދައުރުކުރާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ޕީއެސްއެމްގެ ލޯގޯ އަދި ބްރޭންޑް ހުއްދަނެތި ބޭނުންކޮށްގެން، ޖުވާގެ ވެބްސައިޓްތައް އިޝްތިހާރުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާފައިވާ ވީޑިއޯ އަދި އޯޑިއޯ ދައުރުކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

Ad
rt

އެހެންވެ، އެކަން ބަލައި ތަޙުޤީޤުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އިދާރާއިން ބުނެފައެވެ.

ރާއްޖޭގައި ވެސް ބެޓިން ސައިޓްތަކުގެ ނަމުގައި އޮންލައިން ޖުވާ އާންމުވެފައިވާއިރު، މަކަރާއި ހީލަތް ހަދާ މީހުން ދަނީ އެކި ހުއްދަނޫން އެތައް ގޮތްތަކަކަށް މިފަދަ ޢަމަލުތައް ހިންގަމުންނެވެ.

އޮންލައިން ޖުވާގެ ޝިކާރައަކަށް ދިވެހި ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުން ވެސް ހަދާފައިވާއިރު، އެފަދަ ސައިޓްތަކަށް އިންވެސްޓްކޮށް ލިބޭ ގެއްލުން ފޫނުބެދި ބައެއް މީހުން އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ކަންކަން ވެސް ހިނގާފައިވާކަމަށް ވެއެވެ.

މުއްސަނދިކަން ހޯދުމާއި، މާލީ ފުދުންތެރިކަން އިތުރުކުރުމަށް އިސްލާމްދީން ބާރުއަޅާއިރު، އެކަން ލިބިގަތުގައި ކޮންމެހެން ބަލަންޖެހޭ މިންގަނޑުތަކެއް ވެސް ދީނުގައި ވަނީ ކަނޑައަޅުއްވާފަވެއެވެ. މުދަލާއި ފައިސާ ލިބިގަތުން ހުއްދަ މަގުތަކާއި ހުއްދަނޫން މަގުތައް އިސްލާމްދީނުގައި ވަނީ ކަނޑައަޅުއްވައި ބަޔާންކޮށްދެއްވާފައިވެއެވެ. މިގޮތުން ބަލާއިރު ތަނަވަސްކަން ހޯދުމަށްޓަކައި އެއްގޮތަކަށްވެސް ކައިރިވެގެންނުވާނެ އެއް ކަމަކީ ޖުވާ ކުޅުމެވެ.

ޖުވާއަކީ الله ޙަރާމް ކުރައްވާފައިވާ، ޝައިތާނީ ޢަމަލެކެވެ. އަދި އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް އެއްޗެކެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައިހުންނަ ބުދުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިތާނާގެ އަމަލުތަކުގެތެރެއިންވާ މުޑުދާރު ކަންކަމާއި ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."(މާއިދާ: 90) الله ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.