ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުގެ ދައުލަތާއި ނުވަތަ އިސްރާއީލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފިއެވެ.

އެމްއޭސީއެލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހުޅުވުމުގެ ރަސްމިއްޔާތަށް ހަވާ އެރުވުމަށް އެ ކުންފުނިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިސްރާއީލަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެއްކަމަށް ބުނެ 7 ޖުލައި 2025 ގައި ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީން ސޯޝަލް މީޑިއާގެ މަންސަތަކުގައި ދައުރުކުރަމުންދާ ވީޑިއޯއިން ގެނެސްދީފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.

Ad
rt

އެމްއޭސީއެލްއަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއްކަމަށް ވެފައި ދިވެހިންގެ ވިންދާއި ނުގުޅޭ އެއްވެސް ކަމެއް އެ ކުންފުނިންކޮށްފައި ނުވާނެކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ކުންފުނިން އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ރައްޔިތުންނަށް ދީފައެވެ.

''ހައްދު ފަހަނާއަޅާފައިވާ އިސްރާއީލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިސްރާއީލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެކު މިކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައެއްނުވާނެއެވެ.'' އެމްއޭސީއެލްގެ ބަޔާނުގައި ބުނެފަވެއެވެ.

އެކުންފުނިން ވަނީ ޚާއްޞަގޮތެއްގައި ރާއްޖެ ޓީވީން ދައުރުކުރާ ވީޑިއޯގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް ކުރަމުން ނުދާކަމުގެ ޔަގީންކަން ވެސް ދީފައެވެ. އަދި އެ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް، އެ ކުންފުނީގެ އަގުވައްޓާލުމުގެ ބޭނުމުގައި ފަތުރަމުންދާ ވާހަކަތަކެއްކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްއޭސީއެލުން ވަނީ ރާއްޖެ ޓީވީގެ ޢަމަލު ކުށްވެރިކޮށް، ނޫސްވެރިކަމުގެ އިމުގެ ތެރެއިން ތެދު މައުލޫމާތު ފެތުރުމަށް ރާއްޖެ ޓީވީގެ ކިބައިން އެދިފައެވެ.

އެމްއޭސީއެލްއަކީ ރާއްޖޭގެ މައި ދޮރާށި ބަލަހައްޓާ ކުންފުނިކަމުން، ރާއްޖެ ޓީވީގެ މިވާހަކަތަކަކީ، ސްޓޭކްހޯލްޑަރުންގެ އިތުބާރު އެ ކުންފުނީގެ މައްޗަށް ގެއްލޭފަދަ ވާހަކަތަކެއްކަމަށާއި އެހެންވެ، އެކަމުގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައް ބަލަމުންއަންނަކަމަށް ވެސް އެ ކުންފުނިން ބުނެފަވެއެވެ.

މީގެ އިތުރުން އެ މައްސަލަ މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯށްކޮމް) އަށް ހުށަހަޅަން ތައްޔާރުވަމުން އަންނަކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.