ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ތިލަދެކުނު ޤުރުއާން މުބާރާތް 2025" ހދ. މަކުނުދޫގައި ބާއްވަން ހަމަޖެހިއްޖެއެވެ.
މި މުބާރާތް ބާއްވާ ރަށަކަށް މަކުނުދޫ ހަމަޖެހުނީ މުބާރާތް ހޯސްޓްކުރުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގައި މަކުނުދޫ ކައުންސިލުން ހުށަހެޅި ބީލަން ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތް އިންތިޒާމްކުރުމަށް ހދ އަތޮޅު ކައުންސިލް އިދާރާއިން އެ އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށާއި ރަށު ކައުންސިލްތަކަށް ހުޅުވާލާފައިވަނީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.
މަކުނުދޫގައި މި މުބާރާތް ކުރިއަށް ދާނީ މިއަހަރު އޮގަސްޓް 11 އިން 14 އަށެވެ.
ތިލަދެކުނު ޤުރުއާން މުބާރާތަކީ ހދ. އަތޮޅު ކައުންސިލުން އެ އަތޮޅުގައި ކޮންމެ އަހަރަކުހެން ކުރިއަށްދާ މުބާރާތެކެވެ. މިދިޔަ 2024 ވަނަ އަހަރު މި މުބާރާތް ބާއްވާފައި ވަނީ އެ އަތޮޅު ހަނިމާދޫގައެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި 15 ސްކޫލަކުން 203 ދަރިވަރުން ބައިވެރިވެފައިވާއިރު މުބާރާތުގައި އެންމެ މޮޅު ސްކޫލަކަށް ހޮވުނީ މިއަހަރު މުބާރާތް ބާއްވަ ރަށް، މަކުނުދޫގެ މަކުނުދޫ ސްކޫލެވެ. ދެވަނަ ހޯދާފައިވަނީ ނޮޅިވަރަމް ސްކޫލުންނެވެ. ތިން ވަނަ ލިބިފައިވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!