25 ޖޫން 2025 ވަނަ ދުވަހު ކާށިދޫ ކަނޑަށް ބަންޑުންޖަހާލީ ދިޔަވެ ކުއްލިއަކަށް ކަމަށާއި، އެ ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން ހޯދަމުން އަންނަ ބިދޭސީ ފަޅުވެރިޔާ އެވަގުތު ހުރީ ކޮޅުވެއްޓީގެ އިންޖީނު ރޫމް ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ.

Ad
rt

ނޫސްވެރިޔާ އަލީ ސުލައިމާން ވަނީ މި ހާދިސާއާއި ގުޅިގެން ފަސް ސުވާލެއްގެ ޖަވާބު ހޯދުމަށް އެދި އެމްއެންޑީއެފަށް ހުށަހަޅާފައެވެ. އެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން އެތެރޭގެ ތަޙްޤީޤެއް ހިނގާތޯ އަލީ ސުލައިމާނު ކުރި ސުވާލުގެ ޖަވާބުގައި އެކަން ހިނގާދިޔަގޮތުގެ އެތެރޭގެ ތަހްގީގެއް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ދެވަނަ ސުވާލެއްގެ ގޮތުގައި "އެލްސީ 308"އަކީ ދުވަސްވެ ބާވެފައިވުމުގެ ސަބަބުން ދިޔަވާ އުޅަނދެއް ކަމާއި އެއީ ދަތުރުކުރުމަށް އެކަށީގެންވާ އުޅަނދަކަށް ނުވާކަމުގައި، މައުލޫމާތު ލިބިފައިވާކަމަށް ނޫސްވެރިޔާ ވަނީ ބުނެފައެވެ. އަދި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި އެ ދަތުރު ކުރުމަށް، ކެޕްޓަން އިންކާރުކުރި ކަމަށާއި އެހެންނަވެސް ދަތުރަށް ފުރީ، ސިވެކްގެ އިސްވެރިންގެ ޕްރެޝަރުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ނޫސްވެރިޔާ ވަނީ އަހާފައެވެ. އެއީ ތެދެއްތޯ އޭނާ ކޮށްފައިވާ ސުވާލުގެ ޖަވާބުގައި އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓިއަށް އެއްވެސް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުންކަމަށް ވަނީ ބުނެފައެވެ. އަދި އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތަށާއި މޫސުމަށް ބަލާފައި އުޅަނދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށްކަމަށް ބުނެފަވެއެވެ. އެކަންކަމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމަށް އެ އިދާރާއިން ބުނެފަވެއެވެ.

ހާމިދު ވަކިވެގެންދިއުމަކީ ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް: ރައީސް

"އެލްސީ 308" ބަންޑުން ޖަހާލީ ދިޔަވުން ކޮންޓްރޯލް ނުވެގެން ކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި، މޫސުން ރަނގަޅު ދުވަހަކު އެ ކޮޅުވެއްޓި ބަންޑުން ޖަހާލަން މެދުވެރިވީ ކީއްވެގެންތޯ ނޫސްވެރިޔާ ސުވާލުކޮށްފައިވާތީ އެ ސުވާލަށް ދިން ޖަވާބުގައި އެމްއެންޑީއެފުން ބުނީ، ކޮޅުވެއްޓި ބަންޑުން ޖަހައިލީ ޅ. އަތޮޅާ ފަސް ވަރަކަށް މޭލު ކައިރިވެފައިވަނިކޮށް ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވީ، ކޮޅުވެއްޓި ދިޔަވާން ފަށައި، ކުއްލިއަކަށް އަރިއަޅައިލައިގެން ކަމަށް ކެޕްޓަން ބުނެފައިވާކަމަށެވެ. އެކަން ހިނގާދިޔަގޮތް އެމްއެންޑީއެފުން އެ ހާދިސާ ތަހްގީގުކުރުމަށް އެކުލަވާލާފައިވާ ބޯޑުން ބަލަމުން އަންނަކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވީ، ކޮޅުވެއްޓިއަށް ދިޔަވާތީ ދިޔަވާވަރެއް ބެލުމަށް ބަންގްލަދޭޝްގެ ފަޅުވެރިޔާއާއެކު ފަލްކާތެރެއަށް ފައިބައިގެން އުޅެނިކޮށް ކޮޅުވެއްޓި ބަންޑުން ޖަހާލުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި، އެއީ ތެދެއްތޯ ނޫސްވެރިޔާ އަހާފައިވާތީ އެއީ ތެދުވާހަކައެއްނޫންކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ކޮޅުވެއްޓި ދިޔަވެގެން އަރިއަޅާލި ވަގުތު ކެޕްޓަނާއި، މި ހާދިސާގައި ނިޔާވި ސިފައިންގެ ވޮރަންޓް އޮފިސަރު އަލީ ހާމިދު ތިބީ ވީލްހައުސްގެ ތެރޭގައި ކަމަށާއި، މި ހާދިސާގައި ގެެއްލިގެން ހޯދަމުންދާ ބަންގްލަދޭޝް މީހާ އެވަގުތު ހުރީ ލޭންޑިން ކްރާފްޓްގެ އިންޖީން ރޫމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފަވެއެވެ.

''ލޭންޑިން ކްރާފްޓް އަރިއަޅާލައިގެން ދިޔަވަގުތު ހަމަކުއްލިއަކަށް ބަންޑުންޖަހާލިކަމަށް މިހާރު ލިބިފައިވާ މައުލޫމާތުން އެނގެން އޮތުމާއެކު، ސުވާލުގައިވާ ގޮތަށް ކަން ހިނގާފައެއްނުވޭ'' އެމްއެންޑީއެފުން ބުންނެފަވެއެވެ.

މި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ހަށިގަނޑު ނެގީ ލޭންޑިން ކްރާފްޓްގެ ވީލްހައުސްތެރެއިން ކަމަށާއި، ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު އިންޖީނު ރޫމުގެ ތެރޭގައި އޮތްކަމަށް އެމްއެންޑީއެފްގެ ޑައިވަރުން ބުނެފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވާކަމަށާއި، އަދި ބިދޭސީ މީހާގެ ހަށިގަނޑު ފަހުން ނުނެގުނީ، ލޭންޑިން ކްރާފްޓް މިހާރު އޮތީ 500 މީޓަރު ފުނުގައި ކަމަށްވާތީކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވާތީ އެކަން ސާފުކުރުމަށް ނޫސްވެރިޔާ ކުރި ސުވާލުގެ ޖަވާބުގައި އެމްއެންޑީއެފުން ބުނީ އަލީ ހާމިދުގެ ހަށިގަނޑު ނެގީ ވެސް ލޭންޑިން ކްރާފްޓްގެ ވީލްހައުސްގެ ތެރެއިން ކަމަށެވެ، އަދި ގެއްލުނު ބިދޭސީ މީހާ ވީ ވީލް ހައުސް ތެރޭ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

''ސިވެކް ކުންފުނީގެ ކޮޅުވެއްޓި ފެތިފައި އޮތީ، ޅ. އަތޮޅާ އެއް މޭލު ދުރުން، 550 މީޓަރު އަޑިއަށް'' އެމްއެންޑީއެފުން ބުންނެފަވެއެވެ.

މި ހާދިސާގައި އެ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލުނު ވޮރަންޓް އޮފިސަރ 2ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގައި، އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށް އެ ދުވަހު އެމްއެންޑީއެފުން ބުންޏެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދަކީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކޮށްފައިވާ މީހެކެވެ.