ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖެއާއި އެ ޤަައުމާއި ދެމެދު ތިން އެއްބަސްވުމެއް (ފަހުމުނާމާ) ގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ސޮއިކުރެވުނު ތިން ފަހުމުނާމާގެ ތެރޭގައި ހިމެނެނީ:

ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެ ސަރުކާރުގެ ދެމެދު ސޮއިކުރި އެއްބަސްވުން:

މި ފަހުމުނާމާގެ ދަށުން ދެޤައުމުގެ ދެމެދުގައި ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ސޮއިކުރި އެއްބަސްވުން:

މި އެއްބަސްވުމުގެ ބޭނުމަކީ ދެޤައުމުގެ ތިމާވެށީގެ ދާއިރާގައި ކުރެވޭ މަސައްކަތްތަކާއި ފަތުރުވެރިކަން ކުރިއެރުވުމަށް އެއްބާރުލުން ދިނުމެވެ.

މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ސޮއިކުރި އެއްބަސްވުން:

މި ފަހުމުނާމާގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ، ޚާއްސަކޮށް ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު އިތުރަށް ތަރައްޤީކުރުމުގައި ސިންގަޕޫރުގެ އެހީތެރިކަން ހޯދުމެވެ.

މި ފަހުމުނާމާތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.