ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ.

ރައީސް މިހާރު ސިންގަޕޫރަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް ޝަންމުގަރަނަމް ވަނީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވުމުގެ ރަންޔޫބީލް އާއި ދިމާކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާތީ އުފާ ފާޅުކުރައްވައި، ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ، ސިންގަޕޫރުން، އަދި ވަކިން ޚާއްޞަކޮށް ރައީސް ޝަންމުގަރަނަމްގެ ފަރާތްޕުޅުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށާއި ބެހެއްޓެވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުމުގެ މައްޗަށް ނަޒަރު ހިންގަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިކުރުމާއިގުޅޭގޮތުން މަޝްވަރާކުރަށްވާފައެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގާތް ގުޅުން ފާހަގަކުރައްވައި، ތަމްރީނާއި ތަޢުލީމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަދި ޢުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކުން ދެ ޤައުމަށް ފައިދާހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ހަމައެހެންމެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގެ އިތުރުން ތަފާތު ދާއިރާތަކުން އިޤުތިޞާދު، ފުޅާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ގައި ސިޔާސީ ގުޅުން ގާއިމުވިފަހުން، ފާއިތުވި 50 އަހަރުގެ ދިގު ދަތުރުގައި ދެ ޤައުމުގެ ދެމެދުގައި ހިނގާފައިވާ މުހިންމު ކަންކަމާއި، ހާސިލުވި ކުރިއެރުންތައް ހިމެނޭ ހަނދާނީ ފޮތެއް ރައީސް ޝަންމުގަރަނަމް އަށް ހަދިޔާކުރައްވާފައެވެ.