ކުޅުދުއްފުށި ސިޓީގައި ޓޫރިޒަމް އެޑުވައިޒަރީ ބޯޑެއް އެކުލަވާލައި، އެޑުވައިޒަރީ ބޯޑު އިފްތިތާޙް ކުރުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވައިފިއެވެ.
އެގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ބޯޑުގެ މެންބަރުން ވަނީ ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށާއި ބެލެހެއްޓުމާއި މާކެޓްކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެކުލަވާލި މި އެޑުވައިޒަރީ ބޯޑުގެ މެންބަރުންގެ އިޤުރާރުގައި ސޮއިކޮށްފައެވެ.
އަދި މި އެޑުވައިޒަރީ ބޯޑުގެ މެންބަރުންގެ ތެރެއިން އާންމު ރައްޔިތުންގެ ތެރެއިން 6 މެންބަރުންނާއި ސިޓީ ކައުންސިލުގެ ދެ މެންބަރުންނާއި، ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފެއް ހިމެނޭހެން 9 މެންބަރުން ވަނީ މި ބޯޑަށް ހޮވާފައެވެ.
މީގެ ތެރެއިން މި ބޯޑުގެ ޗެއަރ ޕާރސަން އަކަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދު ހަމަޖައްސާފައިވާއިރު، މެންބަރަކަށް ހަމަޖައްސާފައިވަނީ ސިޓީ ކައުންސލުުގެ ކައުންސިލް މެންބަރ ރިޟްވާން މުޙައްމަދެވެ. އަދި އިދާރީ މުވައްޒަފެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ ހެޑް، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ނަހުޒާ ޙަސަން އެވެ.
މީގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ބޯޑަށް ހޮވާފައިވާ އިތުރު 6 މެންބަރުންނަކީ، އަބްދުލް ލަތީފް މުޙައްމަދު އާއި، އަބްދުލް މުހައިމިން އާއި، އަބްދުالله ނިޝާން އާއި، އަޙުމަދު ޖައިލަމް އަބްދުއްސައްތާރުގެ އިތުރުން ހުސެއިން ސިމާދު އަދި އަޙުމަދު އަސްލަމް އެވެ.
މޭޔަރ މުޙައްމަދު އާތިފް ވިދާޅުވީ މި ބޯޑު އެކުލަވާލި މައިގަނޑު މަޤުސަދަކީ، ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކުގައި މިހާރަށްވުރެވެސް ބޮޑަށް މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ހާއްސަ ކަންކަމުގައި އެ އިދާރާތަކުގެ މަސްލަހަތުވެރިންނާއި، ފަންނީ ފަރާތްތަކާއި އެ ދާއިރާތަކުގެ އިލްމާ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަސް ސިޔާސަތު ކަނޑައަޅުމުގައި ހޯދުމަށްކަމަށެވެ.
މި ރަސްމިއްޔާތުގައި މި އެޑުވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާއިރު ބޯޑުގެ މެންބަރުންގެ ތެރޭގައި ވޯޓުލައި، ބޯޑުގެ ވައިސް ޗެއަރ ޕާރަސްގެ މަޤާމަށް ވަކި ފަރާތެއް ވަނީ ހޮވާފައެވެ. އެގޮތުން ކުރިމަތިލި 2 ފަރާތުގެ ތެރެއިން މި ބޯޑުގެ ވައިސް ޗެއަރ ޕާރަސަން އަކަށް ހޮވިފައިވަނީ އަބްދުލް ލަތީފް މުޙައްމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!