ހއ. އިހަވަންދު އާއި ށ.ފުނަދޫ ހިމެނޭހެން 4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާން ކޮށްފިއެވެ.
މި މަޝްރޫއުތައް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިންނެވެ.
އިސްލާމީ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު އަދި ގއ. ވިލިނގިއްޔެވެ. މި މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ އަގު 102،000 ރުފިޔާ އާއި 126،000 ރުފިޔާއާ ދެމެދުގައި ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ 10 ރަށެއްގައި މިސްކިތް އެޅުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ރަށްތަކުގެ ތެރޭގައި ރ. މީދޫ، ކ. ގުޅި، އއ. މަތިވެރި، އދ. ފެންފުށި، ފ. ފީއަލި، ދ. ރިނބުދޫ، ގދ. ނަޑެއްލާ، ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ އަދި ގދ. ފަރެސްމާތޮޑާ ހިމެނެއެވެ.
މި މަޝްރޫއުތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ފީ ދެއްކުމުގެ މުއްދަތު މި މަހުގެ 30 އިން އަންނަ މަހުގެ 15 އަށް ހަމަޖެހިފައިވާއިރު، ފައިސާ ބަލައިގަންނާނީ ބަންޑާރަ ޕޯޓަލް މެދުވެރިކޮށެވެ.
ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2025 ވާ ބުދަ ދުވަހުގެ 14:00 ކަމަށްވާއިރު، ބިޑު ހުޅުވުން އޮންނާނީ ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. ބިޑު ހުށަހެޅޭނީ ހަމައެކަނި ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ބިޑު ހުށަހެޅުމުގެ މަދުވެގެން 3 ދުވަސް ކުރިން ޕޯޓަލްގައި ރަޖިސްޓަރީ ވާންޖެހޭނެ ކަމަށް މިނިސްޓްރީން އަންގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!