ޙައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު "ޙާޖީ އެމްވީ" ނަމުގައި ތަޢާރަފުކޮށްފިއެވެ.

މި އެޕް ރަސްމީކޮށް ލޯންޗުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ޙަސަންއެވެ.

Ad
rt

ޙާޖީ އެމްވީ އެޕަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ފަސޭހަކަމާއެކު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. މި އެޕްގައި ޒިކުރުކުރުމާއި، ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރުކުރުމުގެ އިތުރުން، ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތައް ހިމެނިފައިވެއެވެ.

މި އެޕްގެ ޚާއްޞަ ކަމެއްގެ ގޮތުގައި، ޙައްޖާއި ޢުމްރާއާ ގުޅޭ މަޢުލޫމާތު ހިމެނޭ ވީޑިއޯތަކާއި، މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯތައް ހިމަނާފައިވެއެވެ. މިހާރު ލޯންޗްކޮށްފައިވަނީ އެޕްގެ ފުރަތަމަ ވާރޝަންކަމަށްވާއިރު، މި އެޕް މިވަގުތު ލިބެން ހުންނާނީ ގޫގުލް ޕްލޭސްޓޯރުންނެވެ. އަދި ކުރިއަށް އޮތްތަނުގައި އެޕަލް އެޕް ސްޓޯއިން ވެސް މި އެޕް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މަޢުލޫމާތުތަކެއް މި އެޕްގައި ހިމެނިފައިވާއިރު، މި އެޕްގެ ސަބަބުން ދުޢާފޮތްތަކާއި ޙައްޖާއި ޢުމްރާއާ ބެހޭ ފޮތްތައް ގެންގުޅުމަކާ ނުލައި، ފޯނުން އެކަނި މި ދާއިރާއާ ގުޅޭ މަޢުލޫމާތު ޙާޞިލްކުރެވޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި އެޕް އިތުރަށް ތަރައްޤީކުރެވިގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.