ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން އިން ގުޅިގެން ކުޅުދުއްފުށީގައި ހިންގާ ޕަންޗް ނީޑްލިންގ ދަސްކޮށްދިނުމުގެ ތަމްރީނު ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މި ތަމްރީނު ކޯހުގެ މަޤުސަދަކީ، އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސޓީގެ ރައްޔިތުންނަށް، ހާއްސަ ކޮށް އަންހެނުންނަށް އާމްދަނީ ހޯދުމަށް މަގުތަނަވަސް ކޮށްދިނުމަށެވެ.
މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމަކީ، އުފައްދާ އުފެއްދުންތައް އިތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، އަންހެނުންގެ މެދުގައި ވިޔަފާރި ކުރުމުގެ ރޫހު އުފައްދައި، އަމިއްލަ ނަފްސަށް ބަރޯސާ ވުމަށް ހިތްވަރު ލިބިދިނުމަށާއި، ދިވެހި އުފެއްދުންތަކުގެ އަދު ހިފެހެއްޓުމާއި އެ އުފެއްދުންތަކަށް ބާޒާރުން ޖާގަ ހޯދުމަށް އެހީތެރިވުމުގެ ބޭނުމުގައި ހިންގޭ ޕްރޮގްރާމެކެވެ.
ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖުލައި 2025 އިން 18 ޖުލައި 2025 އަށް ލަގޮނޑި މާލިމީ މާލަމުގައި (އެން.އޯ.ސީ އިމާރާތުގެ 02 ވަނަ ފަންގިފިލާ) ގައި ކަމަށެވެ. އަދި މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ސިޓީން ޖުމްލަ 20 ފަރާތަކަށް ލިބޭނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެގޮތުން މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެނދުރު 12:00 ގެ ކުރިން ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
އަދި މި ތަމްރީނު ކޯހުގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ އަލްފާޟިލް އާމިނަތު ޝިހާނާ (އާބުޑީ) އެވެ.
ސިޓީ ކައުންސިލުން ދަނީ އަންހެނުން މުޖުތަމަޢުތެރެއަށް ނެރުމަށް ބާރު އެޅުމުގެ ގޮތުންނާއި އުނގަންނައި ދިނުމަށްޓަކައި މިފަދަ އެތަށް ފުރުޞަތުތަކެއް ފަހި ކޮށްދިނުމަށް މިކަހަލަ ތަމްރީން ޕްރޮގްރާމްތަކާއި މައުލޫމާތު ސެޝަންތައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!