ޖައްބާރު އިސްރާއީލުން ޣައްޒާ ބަންދުކޮށް ކާބޯތަކެއްޗާއި އެހީ ފޯރުކޮށްދެވޭނެ ދޮރުތައް ވެސް ބަންދުކޮށް އެތައް ދުވަހެއް ގުނެމުންދާއިރު، ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ރައްޔިތުން ގުނަމުންދާ ކޮންމެ ދުވަހަކީ ބަނޑުހައިހޫނުކަމުގެ ހިތްދަތި ދުވަހެކެވެ. އެ ރައްޔިތުން މާތްﷲގެ ރަޙްމަދަށް އުންމީދު ކަނޑާނުލައި އިސްރާއީލުން ފުނޑުފުނޑުކޮށްލާފައި ޣައްޒާގެ މަގުތަކާއި އިމާރާތްތަކުގެ ކައިރީ ހިނގާބިވެ އުޅެމުން ދަނީ ކާލާނެ އެއްޗެއް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.

މި ހިތްދަތި މަންޒަރު ބައިނަލްއަގްވާމީ ބައެއް ނޫސްތަކުގައި ވަނީ ސިފަކޮށްދީފައެވެ. ޣާއްޒާގެ އުތުރުގައި ކުރިން އެމީހުން ދިރިއުޅުނު، މިހާރު އިސްރާއީލުގެ ބޮމުގެ ހަމަލާއިން ސުންނާފަތިކޮށްލާފައިވާ ސަރަހައްދުތަކުގައި ބަނޑުހައިވެފައިވާ ފަލަސްތީނުގެ ރައްޔިތުން ހިނގާބިނގާވެ އުޅެއެވެ.

Ad
rt

އެމީހުން ހަވީރު ވަގުތު ހިނގަން ފަށަނީ، އެންމެ ފުރަތަމަ ފުށް ކޮޅެއް ލިބޭތޯއެވެ. ކުރިއަށް އޮތް ގަޑިތަކުގައި ނުވަތަ އެދުވަހު ފުށް ލޯރީތައް އަންނާނެކަން ވެސް އެމީހުންނަކަށް ނޭނގެއެވެ. އެމީހުން ބުނާގޮތުގައި މިއީ ދޫކޮށްނުލެވޭނެ ފުރުސަތެކެވެ. ފުށް ކޮޅެއް ވެސް މިއަދު އެމީހުން ދިރިހުރުމަށް މުހިންމެވެ. ފުށްކޮޅެއް އެކަނި ލިބުނު ނަމަވެސް އެއިން ކާނާއެއް ތައްޔާރުކޮށްލުމަށް އެމީހުން ތިބީ ކެތްމަދުވެފައެވެ.

އިސްރާއީލުން ޣާއްޒާގެ އުތުރަށް މަދު މިންވަރަކަށް ފުށް ވައްދަން މިފަހުން ހުއްދަދީފައިވެއެވެ. ނަމަވެސް އެ ސަރަހައްދުގައި އެހީ ބެހުމުގެ ނިޒާމެއް ނެތުމުން، ލޯރީތަކުން ސީދާ ފުށް ހޯދުން ނޫން އެހެން ގޮތެއް ނެތްކަމަށް ނިކަމެތިވެފައިވާ އާއިލާތަކުން ބުނެފަވެއެވެ.

ޣާއްޒާ ސިޓީގެ ލޯކަލް މާރުކޭޓުގައި ކާނާގެ އެއްވެސް އެއްޗެއް މިހާރު ނުހުރެއެވެ. ދެކުނުގެ ދަނޑުތަކުން ގެންނަ މަދު ތަރުކާރީތައް ވެސް ވަރަށް އަގުބޮޑެވެ. މިސާލަކަށް ބަލާނަމަ އެންމެ ދެ ޓޮމާޓޯގެ އަގަކީ 8 ޑޮލަރެވެ. އެއީ ގިނަ މީހުންނަށް ގަނެވޭނެ އަގެއް ނޫނެވެ.

އެ ސަރަހައްދުގެ މީހުން ބުނާގޮތުގައި އެމީހުން ބަނޑަށް މަރުވާނެއެވެ. ނުވަތަ އެމީހުން ކާނާ ހޯދަން އުޅެނިކޮށް މަރުވާނެއެވެ.

އިސްރާއީލުގެ މި އަނިޔާވެރިކަމަށް ނިމުމެއްނެތެވެ. މިކަން ހުއްޓުވާނެ ބާރެއް ނެތެވެ. މިކަމުގައި ވާގިވެރިވަނީ ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުންކަމަށް ދައުވާކުރާ ދެފުއްކެހެރި ޤައުމުތަކެވެ.

7 އޮކްޓޯބަރު 2023 ގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަން ފެށި އަނިޔާވެރިކަމުގައި މިހާތަނަށް 55،300 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

ފަހަކަށް އައިސް ޣައްޒާގައި ހިނގާ ގިނަ މަރުތައް ގުޅިފައިވަނީ ހަމާސްގެ އަމާޒުތަކަށް އިސްރާއީލުން ދޭ ހަމަލާތަކަށްވުރެ އެހީ ފޯރުކޮށްދޭ ތަންތަނަށް ދޭ ހަމަލާތަކާކަން ފާހަގަކޮށްލެވެއެވެ. އިސްރާއީލުން ދަނީ އެހީ ހޯދަން ގޮސް ތިބޭ ފަލަސްތީނުގެ މީހުންގެ ސީދާ ގަޔަށް ބަޑިޖަހައި ޝަހީދުކުރަމުންނެވެ.