ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ފަރާތުން ހދ. ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ.
ހަނިމާދޫ ކައުންސިލަށް މި ގަސްތައް ހަދިޔާކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަނިމާދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ބުނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހަނިމާދޫ ކައުންސިލަށް ހަދިޔާ ކުރީ 50 ބަނބުކެޔޮ ގަސް ކަމަށެވެ.
މި ގަސްތައް ހަނިމާދޫ ކައުންސިލާއި ހަވާލުކޮށްދެއްވީ ވަޒީރު މާރިޔާއެވެ. އަދި ކައުންސިލްގެ ފަރާތުން ގަސްތަކާއި ހަވާލުވެލެއްވީ ރައީސް އަބުދުއްސައްތާރު ހަސަނެވެ.
މި ޒިޔާރަތުގެ ތެރެއިން ހަނިމާދޫގައި ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަޒީރު އިއްޔެ ވަނީ ހަނިމާދޫ ކައުންސިލާއެކު މަޝްވަރާކުރަށްވާފައެވެ.
ވަޒީރު މިހާރު ހުންނެވީ ހއ. އުލިގަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!