ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނުން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހދ. ނޮޅިވަރަމް ސްކޫލުގައި މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވާފައިވަނީ ހދ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިނާނެވެ. މި ރަސްމިއްޔާތުގައި ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް ފަޒީލާ ޢަބްދުލްޣަފޫރާއި، ސްކޫލުގެ އިސްވެރިންނާއި، ޓީޗަރުންގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

Ad
rt

އެއް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވުމެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި ދަމަހައްޓާނެ ޖީލެއް ބިނާކުރުމާއެކު، ސްކޫލު ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން ބައިވެރިކުރުމެވެ.

މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ޓްރެފިކް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަމްރީނުގެ އިތުރުން، ސެލްފް ޑިފެންސް ކްލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތައްވެސް ކުރިއަށްގެންދާނެއެވެ. އަދި ރިވެތި ބަހުން މުޢާމަލާތްކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމާއެކު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދޭނެއެވެ.

ނޮޅިވަރަމް ސްކޫލުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެ ސްކޫލުގެ 34 ދަރިވަރުން ބައިވެރިވެފައިވާކަމަށް ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއެވެ.