މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރ. އިނގުރައިދޫއިން 62 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ މާލެ / ދަފްތަރު ނަންބަރު 2689، ޢަލީ ޝަރީފް (62 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ޢަލީ ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، މިފަދަ މައްސަލަތައް ހުއްޓުވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!