ކުރީގެ އަދަދާއި ގުޅޭ:

" އޭ ރައު. ދެން މަށަށް ވެސް ޝައްކު ކުރަނީތަ؟ ސާބަސް." އަފްޒާ ބުންޏެވެ.

Ad
rt

" މި ވަރުން ދަންޏާ އަދި މަގޭ މޮޔަވާނެ ކަންނޭނގެ." އެނދުމަތީ އިށީންނަމުން ރައުދާ ބުންޏެވެ.

" ދެން ތި ވާހަކަ ބާއްވާ. ސާމިހްގެ މަންމަމެން ކޮން ދުވަހަކުންތަ އަންނަނީ؟" އަފްޒާ އެހިއެވެ.

އެއާއެކު އަނެއްކާ ވެސް ރައުދާގެ މޫޑު ހަރާބު ވެއްޖެއެވެ. އެނދު ހުރަހަށް ވެއްޓިގަންނަމުން ރައުދާ މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ.

" މާދަމާ ކަންނޭނގެ. އެ މީހުން އައީމަ އަހަރެން ދެން ވަރަށް ވައި ވާނެ. މޫވީ ނައިޓެއް ވެސް ދެން މި ގޭގައި ނުބޭއްވޭނެ." ރައުދާ ބުންޏެވެ.

ރައުދާގެ ވާހަކަތަކަށް އަފްޒާ މާ ބޮޑު އެއްބާރުލުމެއް ނުދިނެވެ. އޭނާ ބޭނުންވަނީ ރައުދާއަށް އަދިވެސް ވިސްނައިދޭށެވެ. ރައުދާގެ ވިސްނުން ހުންނަ ގޮތުން ބައެއް ފަހަރު އަފްޒާއަށް ވެސް އޭނާއާއެކު އުޅެން އުނދަގޫވާ ކަހަލައެވެ.

" އެ މީހުން އެ އަންނަނީ މުޅި އުމުރަކަށް ނޫނެއްނު. އެހެން ނޫނަސް ސާމިހްގެ މައިންބަފައިންނަށް އަޅާލުމަކީ ރައުއަށް ވެސް ވާޖިބެކޭ. އެ ފަދަ ފުރުސަތުތައް ދޫކޮށްލާކަށް ނުވާނެ." އަފްޒާ ބުންޏެވެ.

" އަދި މީނަ މެރީ ވެސް ނުކޮށް ހުރި މީހަކަށް މާ އެނގޭ ދޯ ކަންތައްތައް. " ރައުދާ ބުނެލީ ފޫހި ގޮތަކަށެވެ.

" އާނ ދެން މަށަށް އެއްޗެހި ގޮވަން ނަހަދާ. އަހަރެން މި ދަނީ ބޭރަށް ދާން ވެގެން." އަފްޒާ ބުންޏެވެ.

އަފްޒާއަށް ވުރެ ކުރިން މި ފަހަރު ފޯނު ކަނޑާލީ ރައުދާއެވެ. އަފްޒާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ އެއީ ކަންތައްވާނެ ގޮތްކަން އޭނާއަށް އެނގޭތީއެވެ. ކަންތައްތައް މަޝްވަރާ ކުރަން ގުޅާފައި، ގިނަ ފަހަރު އަފްޒާއާ ދެބަސް ވެގެން ފޯނު ކަނޑާލާނީ ވެސް ހަމަ ރައުދާއެވެ.

" ވަރެއްގެ ކުއްޖެކޭ." އަފްޒާއަށް ބުނެވުނެވެ.

ރޭގަނޑުގެ ދަން ވަގުތެކެވެ. އޮފީހުގެ ބައެއް މަސައްކަތްތައް ނިންމާފައި ސާމިހް ގެއަށް އައި އިރު ވެސް ރައުދާ އިނީ ޓީވީ ބަލާށެވެ. ސޯފާއާ އަރާ ހަމަވުމަށްފަހު ސާމިހް ރައުދާއަށް ބަލައިލީ ހިނިތުންވުމާ އެކުއެވެ. ނަމަވެސް އޭނާގެ މޫނު ފެނުމާއެކު އަނެއްކާ ވެސް ސާމިހްގެ ހިތް ނުތަނަވަސް ވެއްޖެއެވެ. އަދިވެސް ރައުދާގެ މޫޑު ރަނގަޅު ނުވާކަން ސާމިހްއަށް އެނގުނެވެ. އެހެންވެ، އެއްޗެއް ނުބުނެ އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިތުމާއެކު ރައުދާ ތެދުވެ ސާމިހްއަށް ގޮވާލިއެވެ.

" ހަމަ އަނގައިން ވެސް ނުބުނެ ތި ދަނީ ކީއްވެ؟" ރައުދާ އެހިއެވެ.

އެއާއެކު ކޮނޑުގައި އޮތް ލެޕްޓޮޕް ދަބަސް އަތްދަނޑިމައްޗަށް ވައްޓާލަމުން ސާމިހް ހީލިއެވެ.

" މާ ރުޅި އައިސް ހުރެ މަށަށް ބަލައިލީމަ." ސާމިހް ދިނީ ސާފު ޖަވާބެކެވެ.

އެއާއެކު ރައުދާ ކުޑަކޮށް ހީލިއެވެ. އަދި ޓީވީ ނިއްވާލުމަށްފަހު ގޮސް ސާމިހްގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު ރައުދާގެ މޫނުމަތީގެ ކުލަވަރު ވަނީ މުޅިން ބަދަލުވެފައެވެ. އޭނާ ގޮސް ސާމިހްގެ އަތުން ދަބަސް ނެގިއެވެ.

" މިރޭ ކައިގެންތަ ތި އުޅެނީ؟" ރައުދާ އެހިއެވެ.

އެ ވަގުތު ސާމިހް ބޯ ޖަހާލަމުން ދެ ޖީބަށް އަތް ޖަހާލިއެވެ.

" ކިހިނެއްވީ މިރޭ ކެއިންތޯ ތި އަހަނީ؟ " ސާމިހް ވެސް ކުރީ ސުވާލެކެވެ.

" ދެން އަހާލެވިދާނެ އެއްނު. އަހަރެން ވަރަށް ބަނޑުހައި. ކާއެއްޗެއް ގެނެސްދެވި ދާނެތަ؟" ރައުދާ އެދުނެވެ.

" އާނ ދެން ވައިފް ބުނީމަ ކޮށްދޭން ޖެހޭނެތާ. ސާޔާ ނިދީ ކައިގެންތަ؟" ސާމިހް އެހިއެވެ.

" ކައިގެން ކަންނޭނގެ ނިދީ. ބަތް ކެއްކި ތެލި އޮތް ދޮވެފަި." ރައުދާ ބުންޏެވެ.

އެއާއެކު އަނެއްކާ ވެސް ހީލަމުން ސާމިހް އެނބުރިލިއެވެ. ސާމިހްއަށް ބަލަހައްޓައިގެން ހުރި ރައުދާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ.

" ސާމި." ރައުދާ ގޮވާލީ ލޯތްބާއެކުއެވެ.

އޭރު ސާމިހް ހުރީ ބޭރު ދޮރާ ދިމާލަށް މިސްރާބު ޖަހާފައެވެ. ނަމަވެސް ރައުދާ އެހާ ލޯބިން ގޮވާލުމުން ސާމިހް އެނބުރިލީ ހިނިތުންވުމާއެކުއެވެ.

" މިއަދު ވީ ކަންތަކާ ވަރަށް ބޮޑަށް ސޮރީ. އަހަންނަށް މާ ބޮޑަށް ރުޅި ގަދަ ވެވުނީ." ރައުދާ ބުންޏެވެ.

" ދެން އެކަން އެ ނިމުނީއެއްނު. ސޮރީ އޭ ނުބުންޏަސް އަހަރެން ރައު ދެކެ ރުޅިއެއް ނާދެއޭ. " ސާމިހް ބުނެލިއެވެ.

" އެނގޭ އެކަން. ދެން... ދެން މަންމަމެން އަންނަނީ ކޮން ދުވަހަކުންތަ؟" ރައުދާ އަހާލީ އާދައިގެ ގޮތަކަށެވެ.

" މާދަމާ ހެނދުނު ފްލައިޓުން އަންނާނެ." ސާމިހް ހިނގައިގަންނަމުން ބުންޏެވެ.

ގަދަކަމުން ހިނިތުންވެލީ ނަމަވެސް ސާމިހް ދިޔުމާއެކު ރައުދާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެގެން ދިޔައެވެ. އަތުގައި އޮތް ދަބަސް ހިފައިގެން ކޮޓަރިއަށް ގޮސް ވަތް އިރު އޭނާ ހުރީ ރުޅިގަނޑު ހައްދުފަހަނައަޅާ ގޮހެވެ.

" އަނެއްކާ ތި މީހުން އެނބުރި ދާނެބާ؟ " ރައުދާއަށް ބުނެވުނެވެ.

އެނދުމަތީ އިށީނދެލައިގެން އިނދެ އޭނާ ސާމިހްއަށް އިންތިޒާރު ކުރަމުން ދިޔައީ ހިތްހަމަ ނުޖެހުމާއެކުއެވެ. އޭރު ވެސް އޭނާ ހުރީ އިންތިހާއަށް ބަނޑުހައިވެފައެވެ.

ކާރުގައި އިން ސާމިހް، ސާޔާގެ އިންތިޒާރުގައި އިންދާ އަވަސް އަވަހަށް އައިސް އޭނާ ކާރަށް އެރިއެވެ.

" ލަސްވީތަ ދޮންބޭ؟" ސާޔާ އެހިއެވެ.

ސާމިހްގެ މޫނުމަތީގައިވާ ނުތަނަވަސްކަން ސާޔާއަށް އިހްސާސް ކުރެވުނެވެ. ސާމިހްއަކީ އެއްވެސް ވަރަކަށް ސާޔާދެކެ ރުޅި އައިސްގެން ވާހަކަ ދައްކާ މީހެއް ނޫނެވެ. އޭނާގެ އަމަލުތަކުންނާއި ބަސްމަގު ހުންނަ ގޮތުން ވެސް ސާޔާދެކެ ލޯބިވާވަރު ސާޔާއަށް އެނގެއެވެ.

" މަންމަމެން އަލަށް އަންނައިރު އެތާ ނެތިއްޔާ ކިހާ ދެރަވާނެ." ސާމިހް ބުންޏެވެ.

" ކޮބާ ދައްތަ؟ " ސާޔާ އަހާލިއެވެ.

" ނިދާފަ." ސާމިހް ބުންޏެވެ.

" ދޮންބެ ކީއްވެ ދައްތައަށް ނުގޮވީ؟ މަންމަމެން އުއްމީދު ކުރާނެ ދައްތަ ހުންނާނެ ކަމަށް." ސާޔާ ބުންޏެވެ.

ސީޓްގައި ބޯ ޖައްސާލަމުން ސާޔާ ބޭރު ބަލައިލީ ދެރަވެގެންނެވެ. އެއްވެސް ހާލެއްގައި މަންމައާއި ބައްޕަ ދެރަކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

" އަދި އަލަށް ދޯ ދައްތަ ވެސް ފެންނާނީ." އެހެން އިނދެ ސާޔާ އަނެއްކާ ވެސް ބުނެލިއެވެ.

" ދެން ގޭގައި އުޅެންޏާ ފެންނާނެއެއްނު. ރޭގަ ވަރަށް ލަހުން ރައު ނިދީ. އެހެންވެ ގޮވަން ނުކެރުނީ." ސާމިހް ބުންޏެވެ.

އެއާއެކު ދެ ބުމަ ކައިރި ކޮއްލަމުން ސާޔާ ސާމިހްއަށް ބަލައިލިއެވެ.

" ފަތިސް ނަމާދަކަށް ވެސް ނުގޮވަންތަ؟ ގައިމު އަހަންނަށް އިވޭ ދޮންބެ ނަމާދަށް ދާން ދޮރު ހުޅުވާ އަޑު. އަހަރެން ހީކުރީ ދައްތަ ވެސް ފަތިހު ތެދުވާ ކަމަށް." ސާޔާ ބުންޏެވެ.

" ފަތިހު ނުތެދުވޭ ގޮވިޔަސް. ފަހަރެއްގައި ތެދުވެފައި ވެސް ކޮށްފާނެ." ސާމިހް ބުންޏެވެ.

ސާޔާ އިތުރަށް އެ މައުޟޫއަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ދައްތަގެ އެއްވެސް ކުށެއް ދޮންބެއަށް ނުފެންނަކަން ސާޔާއަށް އެނގެއެވެ. ނޫނީ ސާމިހް އެނގޭ ކަމަށް ނަހަދަނީއެވެ.

ދެ އަތް އުރާލައިގެން ސާޔާ އިނީ އަނގައިން ބަހެއް ބުނުމެއް ނެތިއެވެ. ބާރު ދުވެލީގައި ގޮސް އޭރު ކާރު އެއާޕޯޓަށް ވަންނަނީއެވެ. އެތައް ދުވަހަކަށް ފަހު މަންމައާއި ބައްޕަ ފެންނާތީވެ ސާޔާގެ އިތުރުން ސާމިހް ވެސް ހުރީ އިންތިހާއަށް އުފާވެފައެވެ.

" މިހާރު ކިއުގައި ތިބީ." ފޯނު ކަންފަތުން ނައްޓާލަމުން ސާމިހް ބުނެލިއެވެ.

" އެހެންތަ؟ އެހެންވިއްޔާ އަހަރެން ފައިބައިގެން މި ދަނީ މަންމަމެން ކައިރިއަށް." ސާޔާ ބުންޏެވެ.

ހަސަން ހުރީ މަރިޔަމްގެ އަތުގައި ހިފައިގެންނެވެ. އޭރު އެ ދެ މީހުންގެ ނަޒަރު ވެސް ހުއްޓިފައި ހުރީ ކާރުތަކާ ދިމާލަށެވެ. ލޯބިވާ ދަރިފުޅު ފެންނާނެ އިރަކަށް އެ ލޯތައް ކެތްމަދުވެފައިވާ ކަހަލައެވެ.

" މަންމާ." މާ ދުރުން ސާޔާ ގޮވާލިއެވެ.

އެ އަޑަށް ހަސަންއާއި މަރިޔަމްއަށް ސާޔާއާ ދިމާލަށް ބަލައިލެވުނީ އުފާވެރިކަމާއެކުއެވެ. އޭރު ބާރުބާރަށް އައިސް ސާޔާ ވެސް އެ މީހުންނާ އަރާ ހަމަވަނީއެވެ.

" މަންމާ. އަޅެ ބައްޕާ." މަންމައާއި ބައްޕަގެ ގައިގައި ސާޔާ ބައްދާލީ ނުހަނު ލޯބިންނެވެ.

" ދަރިފުޅު މިހާރު ހާދަ ރީއްޗޭ. " މަރިޔަމް އެހެން ބުނި އިރު އޭނާ ހުރީ ފެންކަޅި ވެފައެވެ.

" އާވް މަންމަ ވެސް ކިހާ ލޯބި މިހެން ބުރުގާ އެޅީމަ. މާލެ އަންނާތީދޯ މި ހުރީ ދަތި ޖަހާލާފަ." ސާޔާ އެހެން ބުނެ، މަރިޔަމްގެ މޫނުގައި ފިރުމާލިއެވެ.

" މަންމަ އަބަދުވެސް ރީތި ވާނެ." ހަސަން ބުނެލީ މަރިޔަމްއަށް ބަލައިލަމުންނެވެ.

މަންމައާއި ބައްޕަ އެކަކު އަނެކަކު ދެކެ ލޯބިވާވަރު އެ ހުރިހާ ދަރިންނަށް އަބަދު ވެސް އެނގެއެވެ. އެ ދެ މީހުން އެކަކު އަނެކަކާމެދު ބަހައްޓާ އޯގާތެރިކަމާއި ކުރާ އިހްތިރާމް ވެސް ހުރީ ފެނިފައެވެ.

" ބައްޕަ ޔޯ؟ ބައްޕަ ބަލާބަލަ ރީތިކަން." ހަސަންގެ އަތުގެ މުލައްދަނޑީގައި ހިފަމުން ސާޔާ ބުންޏެވެ.

އޭރު ސާމިހްގެ ކާރު އައިސް އޮތީ އެންމެ ކުރީގައެވެ. އެހެންކަމުން ސާޔާ އަވަހަށް މަންމަގެ އަތުގައި ހިފައިގެން ކާރާ ދިމާލަށް ހިނގައިގަތެވެ. އޭރު ވެސް މަރިޔަމްގެ ދެ ލޮލުން އުފާވެރިކަމުގެ ކަރުނަ ވިދަމުން ދެއެވެ.

" ދަރިފުޅުމެން އެކަނިތަ؟ ކޮބާ... ރައުދާ؟" ނަން ހަނދާން ކޮށްލަމުން ހަސަން ބުންޏެވެ.

އެއާއެކު ސާމިހްގެ ނުތަަވަސްވެގެން ދިޔަ މޫނަށް ސާޔާއަށް ބަލައިލެވުނެވެ. މަންމަމެން އެ ސުވާލު ކުރާނެކަން މާ ކުރިން ވެސް ސާޔާއަށް އެނގެއެވެ.

" ކުޑަކޮށް ބަލިވެ އުޅޭތީވެ ގޮވައެއް ނުލަން. މަންމަމެން ގެއަށް ދާނީ ތަނަކަށް ވަދެ، ސައި ބޮއިގެން އިނގޭ." ސާމިހް އަވަސް އަވަހަށް ބުނެލިއެވެ.

އެއާއެކު މަރިޔަމް ސާޔާއަށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ނޫނޭ. ދެން ތަނަކަށް ވަންނާނެ ކަމެއް ނެތް. މަންމަމެން މިއީ އެހާ ގިނައިން ކާ ބައެއް ނޫނެއްނު. ރަނގަޅުވާނެ ބިސްކޯދެއް އޮތަސް." މަރިޔަމް ބުންޏެވެ.

އެއާއެކު ހަސަން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ދަރިފުޅާ. އެހުރީ މަންމަގެ ވާހަކަ ހުންނަ ގޮތް. ގައިމު މާލެ މި ގެނައީ ބަލި ވެގެންނޭ. ޑޮކްޓަރު ބުނި ކެއުން ރަނގަޅު ކުރަން. ތަރުކާރީއާއި މޭވާ ވެސް ރަނގަޅަށް ކާން ޖެހޭ. އެކަމަކު މަންމަ މިހާރު ވެސް އެ ބުނަނީ ބިސްކޯދޭ ކާނީ." ހަސަން ވާހަކަ ދެއްކީ މަޖާ ރާގަކަށެވެ.

" މަންމައަށް ރަނގަޅަށް ކާން ދޭނަން. އެކަމާ ބައްޕަ ހާސްނުވޭ. " ސާމިހް ބުންޏެވެ.

އެއާއެކު ފަހަތު ސީޓުގައި އިން މަރިޔަމްއަށް ބަލައިލަމުން ހަސަން ހީލިއެވެ.

މޯޅިއަކަށް ދެމިލުމަށްފަހު ރައުދާ ތެދުވީ ފޫހި ކަމާއެކުއެވެ. އޭރު ވެސް އޭނާގެ މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ރުޅިވެރިކަމެއް ހުއްޓެވެ.

" ދެން ނޭނގެ މިހެން ނިދާލަން ވެސް އޮވެވޭނެ ކަމެއް. ކަންތަކާ ޖެހުނީއޭ. އަދި ދެ މީހުން އެއް ފަހަރާ އެ ގެންނަނީ. މަށަކަށް ނޭނގޭނެ އެކައްޗެއް ވެސް ކައްކާކަށް. " އެކަނި ހުރެ ވާހަކަ ދައްކަމުން ގޮސް އޭނާ ފާހާނާއަށް ވަނީ ވެސް ނުހަނު ބާރަށެވެ.

" ރައު. ރައު" އިވުނީ ސާމިހްގެ އަޑެވެ.

އެއާއެކު ގައި ހިއްކަން ހުރި ރައުދާ އަވަސް އަވަހަށް ދޮރު ހުޅުވިއެވެ.

" މަންމަމެން އަތުވެއްޖެ. އާދެބަލަ އަވަހަށް. ރައު ދެކިލާހިތުން ތިބީ." ސާމިހް ވާހަކަ ދެއްކީ ނުހަނު އުފަލުންނެވެ.

" ސައިދެނީ ކިހިނެއް؟" ރައުދާ ސުވާލު ކުރީ ރުންކުރު ގޮތަކަށެވެ.

" މި އައީ ތަނަކަށް ވަދެ ސައި ދީގެން." ސާމިހް ބުންޏެވެ.

" ސާމިހް ވެސް ބުއިންތަ؟" ރައުދާ އެހިއެވެ.

" އާނ. ކޮއްކޮއާ މަށާ، މަންމަމެންނާ. ރައުއަށް ގެނައީމޭ." ސާމިހް ބުންޏެވެ.
" ދެން މަ ވީ އެކަނި ކާން؟ މަށާއެކު ސައިބޯން ސާމިހް އައި ނަމަ ސައި ނުބޮއި." ރައުދާ ބުންޏެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.

" ދެން ރައު. މަންމަމެން އެހާ ދުވަސްކޮއްފަ ފެނުނީމަ އެ މީހުންނާއެކު އެއް ސުފުރާއެއްގައި ކައިގެން ތިހާ ރުޅި އަންނަން ޖެހޭނެތަ؟ އެ މީހުން ވެސް އުފާވާނެ އެއްނު." ސާމިހް ބުންޏެވެ.

" ދެން އެ މީހުން އުފާ ކުރުވަން އަހަރެން ވީ އަބަދު ބޭކާރުވެފައި ހުންނަންތަ؟" ރައުދާ ބުންޏެވެ.

" ރައު ކީއްވެތަ އަބަދު އަހަންނާ ދެބަސް ވަނީ؟ ރައު ބޭކާރެއް ނުކުރަމެއްނު. ދެން އާދެބަލަ ތި މޫޑު ބަދަލުކޮއްގެން ބޭރަށް. މާ ލަސްނުވައްޗޭ." ސާމިހް ބުންޏެވެ.

ސާމިހް އެހެން ބުނެ، ނިކުތް އިރު ވެސް ރައުދާ ހުރީ ލޯގަނޑު ކުރިމަތީގައެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)