" ރައު ކީއްވެތަ އަބަދު އަހަންނާ ދެބަސް ވަނީ؟ ރައު ބޭކާރެއް ނުކުރަމެއްނު. ދެން އާދެބަލަ ތި މޫޑު ބަދަލުކޮއްގެން ބޭރަށް. މާ ލަސްނުވައްޗޭ." ސާމިހް ބުންޏެވެ.
ސާމިހް އެހެން ބުނެ، ނިކުތް އިރު ވެސް ރައުދާ ހުރީ ލޯގަނޑު ކުރިމަތީގައެވެ.
މަރިޔަމްއާއި ހަސަން ތިބީ ހެވިފައެވެ. ދޮށީ ދަރިފުޅު ސާމިހް އުޅެމުންދާ ތަނަވަސް ދިރިއުޅުން ފެނި އެ މީހުން ތިބީ ނުހަނު އުފާވެސް ވެފައެވެ. ސާމިހް އައިސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީންނަމުން ވާހަކަ ދައްކަން ފެށިއެވެ.
" އެބަ އާދޭ ރައު. އަހަރެން ނުގޮވާ ދިޔައީމަ ވަރަށް ކަންބޮޑުވެފައި ހުރީ. އަދި މަންމަމެންނަށް ބޭރުން ސައި ދިނީމަ ވެސް ވަރަށް ރުޅި އައިސް ހުރީ. ފުރަތަމަ ދުވަހު ވެސް ބޭރުން ނޫން ހޯ ސައި ތި ދިނީ؟" ސާމިހް ބުނެލީ ހެމުންނެވެ.
އެއާއެކު ސާޔާއަށް ބޭއިހްތިޔާރުގައި ހެވުނެވެ. ނަމަވެސް ކޮންޓްރޯލް ކޮށްގެން އޭނާ ހިނިގަނޑު މައިތިރިކޮށްލީ، ސާމިހް އޭނާއަށް ބަލައިލި ގޮތުން ޖެހިލުން ވެގެންނެވެ.
" މިހާރު އެބަ އާދޭ ދޯ؟" މަރިޔަމް އެހިއެވެ.
" އާނ. މިހާރު ރެޑީ ވެއްޖެ." ކޮޓަރިއާ ދިމާލަށް ބަލައިލަމުން ސާމިހް ބުންޏެވެ.
ހަމަޖެހޭ ގޮތް ދެއްކި ނަމަވެސް އޭނާ ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެކަން އެންމެ ރަނގަޅަށް ފާހަގަ ކުރެވެނީ ސާޔާއަށެވެ.
" ވަރަށް ރީތި ވަރަށް ހިތްހަމަޖެހޭ މި ގެ. ދަރިފުޅު ވެސް ކައިވެނި ކޮށްގެން އުޅޭނީ މި ގޭގަތަ؟" މަރިޔަމް ސުވާލު ކުރީ ސާޔާއާއެވެ.
އެއާއެކު މަރިޔަމްއާ ދާދި ގާތުގައި އިން ސާޔާއަށް ހިނިތުންވެލެވުނެވެ. އޭނާ މަޑުމަޑުން މަންމަގެ ކޮނޑުގައި ބޯ އަޅާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ނޫނޭ މަންމާ. ރާމިޒްގެ މަންމަ ކައިރީގައި އުޅެން ޖެހޭނީ. އެ ގޭގައި އުޅެނީ ރާމިޒްއާ އޭނާގެ މަންމައާއި ބައްޕަ. އެހެންވީމަ އެ މީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ވަކިން ނުފޮނުވާނެ އެއްނު. ރާމިޒް ވެސް އޭނަ މައިންބަފައިން އެކަނި ކޮށްފައި އެހެން ތަނަކަށް ނުދާނެ." ސާޔާ ބުންޏެވެ.
އެ ވަގުތު މަރިޔަމްއަށް ބޭއިހްތިޔާރުގައި ހަސަންއަށް ބަލައިލެވުނެވެ. އާދައިގެ ގޮތަކަށް ހީލަމުން ހަސަން އިސްޖަހާލީ މަރިޔަމްގެ ހިތް ބުނަމުން ދަނީ ކީކޭކަން އެނގޭ ހާލުގައެވެ.
ކުއްލިއަކަށް އެންމެންނަށް އެއްފަހަރާ ބަލައިލެވުނީ ސާމިހްގެ ކޮޓަރިން ނިކުތް ރައުދާއާ ދިމާލަށެވެ. ހެވިފައި ހުރެ ރައުދާ އައިސް ސާމިހް ކައިރީ ހުއްޓި، މަރިޔަމްއާއި ހަސަންއަށް ބަލައިލިއެވެ.
" ވަރަށް ދުވަސް ކޮއްލާފައި ދޯ މި ދިމާވީ. " ރައުދާ ބުންޏެވެ.
ރައުދާ ވާހަކަ ދައްކަން ފެށުމުން ސާމިހްގެ ނުތަނަވަސްވެފައި އޮތް ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ.
" އާނ. މަންމަމެންނަށް މި ފަހަރު ވެސް މި އާދެވުނީ ބަލިވެގެން. ތި ކުދިން ވެސް ރަނގަޅޭ ރަށަށް ގޮސްލަން." މަރިޔަމް ބުންޏެވެ.
އެއާއެކު ރައުދާ ސޯފާގައި އިށީނދެލިއެވެ. އަދި ސާޔާއަށް ބަލައިލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ސާޔާ މެރީ ކުރީމަ އެންމެން ދާނީ. " ރައުދާ ބުންޏެވެ.
" އާނ ތިއީ ވަރަށް ރަނގަޅު ގޮތެއް. އޭރުން އާއިލާ އެންމެން ހަމަވާނެ އެއްނު. ހާނިމްކޮއްކޮ ވެސް ބުނި މިއަދު މާލެ އަންނާނަމޭ." މަރިޔަމް ބުނެލިއެވެ.
އެ ވަގުތު ރައުދާގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ހިތްހަމަ ނުޖެހުމުގެ އަސަރުތައް ސާމިހްއަށް ފާހަގަ ކުރެވުނެވެ. ރައުދާއަކީ އަނެކާއާ މެދު އެއްވެސް ވަރަކަށް ވިސްނާ މީހެއް ނޫންކަން ވެސް ސާމިހްއަށް އެނގެއެވެ. ހިތަށް އެއްޗެއް އެރުމާއެކު ދުލުން ބޭރުކޮށްލުމަކީ ރައުދާގެ އާދައެކެވެ. ބަހެއް ބުނުމުގެ ކުރިން އަދި ފަހުން ވެސް އޭނާ ދުވަހަކު ވެސް ވިސްނާފައެއް ނެތެވެ.
" ހާނިމް އަންނަނީ ކިތައް ދުވަހަށް؟" " ރައުދާ ސުވާލު ކުރިއެވެ.
އެ ސުވާލު ރައުދާ ކުރުމާއެކު ސާމިހްގެ ހިތުގައި ސުވާލު އުފެދުނެވެ. ރައުދާގެ އަޑުގައި ހުރި ކަންބޮޑުވުން އޭނާއަށް ފާހަގަ ކުރެވުނެވެ.
" މަންމަމެން އައީމަ ހަފްތާއެއްގެ އޮފް ނަގައިގެން އަންނަ ވާހަކަ ބުނީ." މަރިޔަމް ހެވިލާފައި ބުންޏެވެ.
" އެއް މަސް ދުވަހަށް މީހަކު އެ ކޮޓަރި ކުއްޔަށް ނަގާ ވާހަކަ ބުނެފައި އޮތީ. އެހެންވެ މި އަހާލީ." ސާމިހްގެ މޫނަށް ބަލައިލަމުން ރައުދާ ބުންޏެވެ.
އެ ވަގުތު ސާމިހްއަށް ދެ ބުމަ އުފުލައިލެވުނެވެ.
" ކުއްޔަށް؟ ކީއްކުރަން ކުއްޔަށް ދެނީ؟" ހައިރާންވެފައި ސާމިހް ސުވާލު ކުރިއެވެ.
" އެއީ... އަފޫގެ ފްރެންޑެއްވީމަ. ދެން ހަމަ އިތުރަށް ލާރި ވެސް ލިބޭނެއެއްނު." ރައުދާ ބުންޏެވެ.
ރައުދާއާ ދެބަސް ވާން ވެއްޖެނަމަ ނިމުމެއް ނާންނާނެކަން އެނގޭތީ ސާމިހް އެ ހިސާބުން އެ ވާހަކަ ނިންމާލީއެވެ. ނަމަވެސް އޭރު މަރިޔަމްއާއި ހަސަންގެ ހިތަށް ހާސްކަމެއް ވެރިވެއްޖެއެވެ. އެ ދެ މީހުން މާޔޫސް ކަމާއެކު އެކަކު އަނެކަކުގެ މޫނަށް ބަލައިލިތަން ހުދު ސާމިހްއަށް ވެސް ފެނުނެވެ. މަންމައާއި ބައްޕަ އެއްވެސް ކަމަކާ ދެރަވެ، ކަންބޮޑު ވުމަކީ ފަހަރެއްގައި ވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
" އޯކޭ ވާނެ. ކޮއްކޮ އޮވެދާނެ ސޯފާގައި ވެސް. ހަފްތާއެއް ވަންދެން ތަނެއް ކުއްޔަށް ނަގައިގެން ނުހުރެވޭނެ އެއްނު. މި ދިޔަ މަހު ވެސް އޮފްގައި ހުރީ ރިސޯޓްގައި." ސާމިހް އަވަސް އަވަހަށް ބުނެލިއެވެ.
" އާނ ދެން މާލޭގައި އުޅެވޭނީ ވެސް އެހެން ދޯ." ހިނިތުންވަމުން ހަސަން ބުންޏެވެ.
" މަންމަމެން ހިނގާ ރެސްޓްކޮށްލަން ދާން. މާދަމާ ޑޮކްޓަރަށް ދައްކަން ދާން ޖެހޭނީ. " ސާޔާ ތެދުވަމުން ބުނެލިއެވެ.
" މަންމަމެންނަށް މެންދުރަށް އެއްޗެއް ކައްކާލާތި ސާޔާ. ދައްތަ އެބަޖެހޭ މެންދުރު ސެލޫންއަށް ދާން. މިދިޔަ މަހު އެޕޮއިންޓްމަންޓް ހައްދާފައި ވާނީ." ރައުދާ ބުންޏެވެ.
ސާޔާ ބޯ ޖަހާލުމަށްފަހު ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ފަހަތުން މަރިޔަމް ވެސް ހިނގައިގަތެވެ.
" ދަރިފުޅާ." އެތެރެއަށް ވަތް ގޮތަށް މަރިޔަމް ސާޔާއާ ވާހަކަ ދައްކަން ފެށިއެވެ.
މަންމަ ގޮވާލި ގޮތުން ވެސް ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން ސާޔާއަށް ދެނެގަނެވުނެވެ.
" ދައްތަ ދަރިފުޅަށް ރަނގަޅުތަ؟ " މަރިޔަމް އެހިއެވެ.
އެ ވަގުތު ސާޔާ ހެވިފައި ހުރެ މަރިޔަމްގެ ދެ ކޮނޑުގައި ހިފައިގެން ގެނެސް އެނދުމަތީ ބޭންދިއެވެ.
" މަންމާ. ކޮންމެ މީހެއްގެ ވެސް ހުންނާނެ ގޮތެއް. އަހަރެން މި ގެއަށް އައީ ދައްތަގެ ފަރާތުން އެއްވެސް ކަމެއް ބޭނުން ވެގެންނެއް ނޫން. ދޮންބެ އަހަންނަށް ރަނގަޅިއްޔާ އަހަންނަށް އެ ނިމުނީ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ރާމިޒްގެ ގެއަށް އަހަންނަށް ދެވޭނެ އެއްނު. އެހެންވެ އެއްވެސް ކަމަކާ ނުވިސްނަން." ސާޔާ ބުންޏެވެ.
ސާޔާގެ ވާހަކަތަކުން މަރިޔަމް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. ސާޔާ އުޅެމުން އައީ އުފަލުގައި ނޫންކަން ވެސް އޭނާއަށް ޔަގީން ކުރެވުނެވެ.
" މަންމަ ދަރިފުޅުމެން ބެލީ އެއްވެސް ވަރަކަށް ދެރަކޮށްގެންނެއް ނޫން. އެއްވެސް ކުއްޖަކާ ދިމާލަށް ބާރަށް ވެސް އެއްޗެއް ނުބުނަން. މަންމައާ ދުރަށް ފޮނުވަން މަންމަ ބިރުގަތީ ވެސް އެހެންވެ. " މަރިޔަމް ބުންޏެވެ.
އެއާއެކު މަރިޔަމްގެ ގައިގައި ބައްދާލަމުން ސާޔާ ހީލިއެވެ.
" ތިޔަ ފަދަ މަންމައަކު ދުވަހަކު ވެސް ނުލިބޭނެ. އަހަރެން ބޭނުންވަނީ މަންމަ ކައިރީ އުޅެން. އެކަމަކު އަންހެން ކުދިން ވީމަ ފިރިމީހާ ދައްކާ ތާކު އެއްނު އުޅެވޭނީ. ދިރިއުޅުމެއް ވެސް ފަށަން ޖެހޭނެ އެއްނު. އެކަމަކު އަހަރެން މަންމަ މަތިން ހާދަ ހަނދާންވެޔޭ." ސާޔާ ބުންޏެވެ.
އޭރު މަރިޔަމް އިނީ ފެންކަޅިވެފައެވެ. އެ ފަދަ ބަސްތަކެއް އަޑު އިވުމުން އޭނާގެ ހިތަށް އުފާވެރިކަން ލިބުނު ކަހަލައެވެ. އޭނާގެ ދަރިން އޭނާދެކެ ލޯބިވާނެކަން އޭނާއަށް އަބަދުވެސް ޔަގީން ކުރެވެއެވެ.
ސާމިހް ކޮޓަރިއަށް ވަތް އިރު، ރައުދާ އޮތީ ފޯނާ ކުޅޭށެވެ. ރައުދާއާ ދިމާލަށް ސާމިހްއަށް ބަލައިލެވުނީ ވެސް ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށެވެ.
" ކިހިނެއްވީ؟ ހާދަ ފާޑަކަށް ތި ބަލައިލީ؟" ރައުދާ އެހިއެވެ.
" ހާނިމްކޮއްކޮ އަންނާތީ ދޯ އެ ރޫމް ކުއްޔަށް ދޭން ތި ވިސްނީ؟ " ހާނިމް ބުންޏެވެ.
އެހާ ސީދާ ގޮތަކަށް ހާިމް އެ ސުވާލު ކުރުމުން ރައުދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެނދުމަތީ ފޯނު ބާއްވަމުން ރައުދާ ތެދުވެ ހަމަޖެހިލިއެވެ.
" އެކަމާ ރުޅި އައީތަ؟ މެއިޑް ރޫމްގައި ހުރެވޭނީ ވެސް ހަމަ އެންމެ މީހަކަށް ދޯ. ދެ މީހުންނަށް ތިބެވޭ ނަމަ މަންމަމެންނަށް ދެވޭނީ ވެސް. ދެން ހާނިމް އަންނަންޏާ ސޯފާގައި އޮވެދާނެއެއްނު." ރައުދާގެ ރާގުގައި ރުންކުރު ގޮތެއް ހުއްޓެވެ.
" ތިއެއް ނޫނޭ މައްސަލައަކީ. މަންމަމެންގެ ކުރިމަތީގައި ރައު ކީއްކުރަން އެ ވާހަކަ ދެއްކީ. ރައު ވާހަކަ ދެއްކި ގޮތުން ހީވަނީ ހާނިމް އަންނާތީ ހިތްހަމަ ނުޖެހޭ ހެން." ސާމިހް ބުންޏެވެ.
އެއާއެކު ރައުދާ ރުޅި އަތުވެއްޖެއެވެ. ދެ އަތް އުރާލަމުން އޭނާ ގޮސް ސާމިހްގެ ކުރިމަތީގައި ހުއްޓުނީ ރުޅިވެރި ލޮލަކުން ބަލަމުންނެވެ.
" އަބަދުވެސް އަހަރެންގެ ކުށް ފެންނާނީ. މަށަށް ހީވަނީ ދެން ސާމިހްގެ އާއިލާއާ ހެދި އަހަރެމެން ދެ މީހުން ވަރިފަށަށް އަރާނީހެން. ހަމަޖެހިގެން ދިރިއެއް ނޫޅެވޭނެ ދެނެއް." ރައުދާ ބުނެލިއެވެ.
" ރައޫ. ޕްލީޒް ތިހާވަރު ނުވެބަލަ. އަހަރެން ހަމަ ހައިރާންވޭ." ސާމިހް ބުންޏެވެ.
" އެހެން ނޫނަސް އަހަރެން ވެސް ބޭނުން އަހަރެންގެ އެކައުންޓަށް ހާހުން ފައިސާ ވަންނަން. ބައްޕަމެން ސާމިހްއަށް ބޮޑު މުސާރައެއް ދިނަސް މަށަކަށް ނުދޭ ދޯ. އެ ސާޔާ ވެސް މި ގެއިން ދިޔައީމަ އެ ކޮޓަރި ވެސް ކުއްޔަށް ދޭނީ." ރައުދާ ބުންޏެވެ.
" އަހަރެން ހިތަށް އަރާ ތި ހިތުން، އެހެން މީހުންނާމެދު ހެޔޮކޮށް ވިސްނާނީ ކޮން ދުވަހަކުންބާއޭ؟" ސާމިހް ބުންޏެވެ.
އިތުރަށް ރައުދާގެ ކުރިމަތީ މަޑުކުރަން ބޭނުން ނުވެގެން އޭނާ ގޮސް ފާހާނާއަށް ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެގެންނެވެ. އެއާއެކު ކޮޓަރީގައި މަޑުކުރުމެއްނެތި ރައުދާ ވެސް ބާރުބާރަށް ނިކުތީ ސިޓިންރޫމަށެވެ. އޭރު ސިޓިންރޫމްގައި އެއްވެސް މީހަކު ނެތެވެ. އެހެންކަމުން ސޯފާގައި އިށީނުމަށްފަހު ސާޔާގެ ކޮޓަރިއާ ދިމާލަށް ބަލަހައްޓައިގެން އިނދެ އޭނާ ގުޅީ އަފްޒާއަށެވެ.
" އަސްލުވެސް މި ބުނީ. މި މީހުން މި ގޭގައި އުޅެންޏާ އަހަރެމެންނަށް ހިއެއް ނުވެ ހަމަޖެހިގެން އުޅެވިދާނެހެން. ސާމިހް ދެން މާ ވަރަކަށް އެ މީހުންނާ ހެދި އުޅެނީ. އަދި މިއަދު އެ އައީ. މިހާރު އޭނަ ދެކެ ރުޅި އަތުވެއްޖެ." ރައުދާ ބުންޏެވެ.
" ރައުދާ ވެސް މާ ރުޅި ގަދައްޔޭ." އަފްޒާ ބުންޏެވެ.
އާދައިގެ މަތިން މި ފަހަރު ވެސް އަފްޒާ ކުއްވެރިކުރީ ރައުދާއެވެ.
" އަހަރެން ބޭނުމެއް ނުވެޔޭ އެ މީހުން މިތާ ތިބޭކަށެއް." ރައުދާ ބުންޏެވެ.
އެއާއެކު ފަހަތުން މީހެއްގެ ހިލަމެއް ވީ ހެން ހީވެގެން ރައުދާއަށް ދެ ފަރާތަށް ލޮލުގެ ކަޅި ހިންގާލެވުނެވެ. އަދި މަޑުމަޑުން ތެދުވެ، ފޯނު ތިރިކޮއްލަމުން އޭނާ ފަހަތް ބަލައިލީ ތެޅިތެޅި އޮތް ހިތަކައިގެންނެވެ.
ފަހަތުގައި ހުރި ހަސަން ފެނި، ރައުދާއަށް ފަހަތަށް ޖެހިލެވުނީ ދެ ލޯ ބޮޑުކޮށްލަމުންނެވެ. އެތެރޭގައި ނޭވާ ހިފަހައްޓާލައިގެން އޭނާއަށް ހުރެވުނީ ކިހާ އިރެއްގައި ކަމެއް ވެސް ހުދު އޭނާއަކަށް ނޭނގުނެވެ. ހަސަން ވެސް ހުރީ މާޔޫސީ ލޮލަކުން ރައުދާއަށް ބަލަހައްޓައިގެންނެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!