ކުރީގެ އަދަދާއި ގުޅޭ:

"އަހަރެން އެންމެ ދެރަވަނީ އެ ކުދިންނާ ވަކިން އުޅެން ޖެހޭތީ. ހިތަށް އަރާ އެ ކުދިން އަހަރެމެން ގެންދާނެ ނަމައޭ. މި ގެދޮރު ދޫކޮށް ވެސް އަހަރެން ދާނަން. އެ ކުދިން ކައިރީ އުޅެން އަހަންނަށް މާ ހިތްހަމަޖެހޭނެ." ހަސަން ބުނެލިއެވެ.
އެއާއެކު މަރިޔަމްގެ މޫނުމައްޗަށް ވެސް އުފާވެރިކަން ވެރިވެއްޖެއެވެ.

Ad
rt

ހަސަންއާއި މަރިޔަމް އުޅެމުން ދަނީ އާދައިގެ ދިރިއުޅުމެކެވެ. ދަރިން ބޮޑެތިވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ބަޔަކަށް ހެދުމައްޓަކައި އެ ދެމަފިރިން އެތައް ގުރުބާނީއެއް ވިއެވެ. ފައިސާ ހޯދާނެ އިތުރު ގޮތެއް ނުފެނުމުން، ބަލި ހާލުގައި ވެސް ހަސަން މަސްވެރިކަމަށް ނިކުތީ ހިތްވަރު ހުރެގެންނެއް ނޫނެވެ. ދަރިންގެ މުސްތަޤްބަލަށް ވިސްނާފައި އެ ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމަށްޓަކައި އޭނާ ކަށިން ހިތްވަރު ނެރުނެވެ. ގެދޮރު އާބާތުރަ ފިލުވުމެއް ނެތި، ލިބުނުހާ ފައިސާ ހަރަދު ކުރީ ވެސް އެ ކުދިންގެ ކިޔެވުމަށެވެ.

ހަސަންއާއި މަރިޔަމްގެ ތިން ކުދިން ވެސް މިހާރު ދިރިއުޅެމުން ދަނީ ރަށަކު ނޫނެވެ. މަރިޔަމްމެން ހީކުރި ގޮތާ ހިލާފަށް އެ ކުދިން މަތީ ތައުލީމް ހާސިލް ކޮށްގެން ވަޒީފާ އަދާކުރަން ބޭނުންވީ މާލޭގައެވެ.

" ރަށަކު ނެތެއްނު މާ ރަނގަޅު ވަޒީފާއެއް ވެސް. ރަށުން ރަނގަޅު ހިދުމަތެއް ވެސް ނުލިބެ އެއްނު. އަހަންނަކަށް ރަށަކު ނޫޅެވޭނެ." ހާނިމް އެ ދުވަހު ބުނެލި ޖުމްލަ މިހާރު ވެސް ހަސަންގެ ކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ.

" ބައްޕާ. މި ކޯސް ހަދައިގެން ވަޒީފާ ލިބޭނީ މާލެއިން. ކައިވެނި ކުރަން މި އުޅޭ ކުއްޖާ ވެސް އުޅެނީ މާލޭ ސްކޫލެއްގައި ޓީޗަރަކަށް. އޭނަ ކަނޑާލައިގެން ރަށަށް ގެންދާނީ ކިހިނެއް؟" ސާމިހްގެ ވާހަކަ ވެސް ހަސަންގެ ހިތުން ފިލައިގެން ނުދެއެވެ.

" އަހަރެންގެ ހުރިހާ އެކުވެރިން ކޯސް ހަދަން ދަނީ މާލެ. އެހެން ނޫނަސް އަހަރެން ވަރަށް ފޫހިވޭ ރަށުގައި އުޅެން. މިދިޔަ ޗުއްޓީގައި ދޮންބެ ކައިރިއަށް ގޮސް، ރަށަށް އަންނަ ހިތް ވެސް ނުވި." އެންމެ ހަގު ދަރިފުޅު ސާޔާގެ ވިސްނުން ވެސް އޭނާގެ ބޭބެމެންނާ އެއް ގޮތެވެ.

އެންމެ ފަހުން ދަރިންގެ ނިންމުމަށް ހަސަން އިހްތިރާމް ކުރީ އޭނާގެ ހިތާ ދެކޮޅަށެވެ. މަރިޔަމް އަބަދުވެސް ހަސަންއަށް ނަސޭހަތްތެރިވާނީ ދަރިންގެ އުފަލަށް ހުރަސް ނޭޅުމަށެވެ. ހަސަން އެ ދުވަހު ކަންތައް ކުރީ ހުދު މަރިޔަމް ވެސް ބޭނުންވާ ގޮތަށެވެ.

ނިތްމަތީ އަތް ބާއްވާލައިގެން ވިސްނަން އޮތް ހަސަންއަށް ދޮރާ ދިމާލަށް ބަލައިލެވުނީ މަރިޔަމް ކުކުރާލި އަޑަށެވެ. އޭރު ވެސް މަރިޔަމް އިނީ ގޮނޑީގައި ނަމާދު ކުރާށެވެ. ނަމަވެސް އޭނާއަށް އާދަޔާ ހިލާފް ގޮތެއް ވާ ހެން ހީވެގެން ހަސަން މަޑުމަޑުން ތެދުވިއެވެ.

" މަރިޔަން." ހަސަން ގޮވާލިއެވެ.

ނަމަވެސް ހަރަކާތް ހުއްޓިފައި އިން މަރިޔަމް އެއްވެސް ޖަވާބެއް ނުދިނެވެ. ހާސް ހިތަކައިގެން ހަސަން ގޮސް މަރިޔަމްގެ ދެ ކޮނޑުގައި ހިފަހައްޓާލުމާއެކު އޭނާގެ ބޯ ފަހަތަށް ވާ ގޮތަށް އެލިއްޖެއެވެ. އެއާއެކު ހަސަން ބާރުބާރަށް މަރިޔަމްއަށް ގޮވަން ފެށިއެވެ. އަދި މަރިޔަމް އޭނާގެ ގައިގައި ޖައްސާލައިގެން ހުރެ މޫނުގައި ދެ އަތުން ފިރުމަމުން ދިޔައެވެ.

ލޯ ހުޅުވާލެވުމާއެކު ދެ ފަރާތަށް މަރިޔަމްއަށް ކަޅި ހިންގާލެވުނެވެ. އެއާއެކު އޮވެވުނީ ސިއްހީމަރުކަޒުގައިކަން މަރިޔަމްއަށް ޔަގީން ކުރެވުނެވެ. މަރިޔަމް ލޯ ހުޅުވާލާތޯ ބަލަން ކައިރީގައި އިން ހަސަން ވަގުތުން ގޮނޑިން ތެދުވެ، މަރިޔަމްގެ މޫނާ ދިމާލަށް ގުދުވެލިއެވެ.

" މިހާރު ކިހިނެއް؟" ހަސަން ސުވާލު ކުރިއެވެ.

" ރަނގަޅު." މަރިޔަމް ބުންޏެވެ.

" ވަރަށް ބޮޑަށް ލޭ މައްޗަށް ގޮސް ހުރީ. " ހަސަން ބުންޏެވެ.

" ލެޔޭ؟ އަހަރެން ލޭ މައްޗަށް ދިޔައީތަ؟ އިއްޔެ ވެސް ވަރަށް ބޮލަށް ބަރުވެފައި ހުރީ. އަހަރެން ހީކުރީ ރޯގާއެއް ކަމަށް. އެހެންވެ ބޭސް ވެސް ކެއިން. " ކަންބޮޑުވެފައި އޮވެ މަރިޔަމް ބުންޏެވެ.

" ދާއިމީ ބޭހެއް ފަށަން ޖެހެނީ. " ހަސަން ބުންޏެވެ.

" އަހަރެން ބޭނުން ސާމިހްއާ ވާހަކަ ދައްކާލަން. އެސޮރަށް ގުޅާފަ މި ވާހަކަ ބުނިންތަ؟ މާލެއިން ރަނގަޅު ޑޮކްޓަރަކަށް ދައްކަން ބޭނުން." މަރިޔަމް ބުނެލިއެވެ.

" ގެއަށް ގޮސް ގުޅާލާނީ. މަރިޔަން އަރާމުކޮށްލާ." ހަސަން ބުންޏެވެ.

ހަސަން ގޮނޑީގައި އިށީނުމަށްފަހު، އަނެއްކާ ވެސް މަރިޔަމްގެ ބޮލުގައި ފިރުމަން ފެށިއެވެ. ހަސަންގެ އެދުމުގެ މަތިން މަރިޔަމް ވެސް އިތުރު ޝަކުވާއެއް ނުކޮށް، ގެއަށް ފޮނުވާލާނެ އިންތިޒާރުގައި ވަގުތު ގުނަން ފެށިއެވެ.

" އަހަރެން ހިތަށް އަރާ ހައްވައްތަ ދުނިޔޭގައި ހުރި ނަމައޭ. ގައިމު ވެސް ކާ އެތިކޮޅު ދިއްކޮލާނެ ބައެއް ފަހަރު ނަމަވެސް." މަރިޔަމް ބުންޏެވެ.

އޭނާގެ ކުއްލި ހަނދާނުގެ ސަބަބުން ހަސަންއަށް ވެސް ބޯ ޖަހާލެވުނެވެ.

" ހައްވައްތަގެ ދެމަފިރިން ވެސް ދުނިޔެއިން ވަކިވުމަކީ އަހަރެމެންގެ ދިރިއުޅުމަށް ގެނުވި އިތުރު ފަޅުކަމެއް ދޯ؟ މިހާރު ވެސް ގޭގައި އެއްވެސް ދިރުމެއް ނެތް." ހަސަންއަށް ބުނެވުނީ އިހްތިޔާރަކާ ނުލައެވެ.

" ހަސަން އަބަދު ތިކަމާ ފިކުރު ކުރާތީއޭ މަށަށް ވެސް ވިސްނެނީ. " މަރިޔަމްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

އެއާއެކު ކަންކަމާ މަރިޔަމް ފިކުރު ކުރަން ފުރުސަތު ދެވެނީކަން ހަސަންއަށް އިހްސާސް ކުރެވި އޭނާ އެކަމާ އިންތިހާއަށް ދެރަވެއްޖެއެވެ.

މަރިޔަމް ގެއަށް ދޫކޮށްލުމަށްފަހު ހަސަން އެންމެ ފުރަތަމަ ވެސް ގުޅީ ސާމިހްއަށެވެ. ފޯން ރިންގް ވާ އަޑު އިވުމާއެކު ހަސަންގެ ހިތް ތެޅެން ފެށިއެވެ. ސާމިހްގެ އަޑު އޭނާގެ ކަންފަތުގައި ނުޖެހޭތާ އެތައް ދުވަހެއް ވެއްޖެއެވެ.

" އާނ. މަންމާ ކީކޭ؟" ސާމިހް ވާހަކަ ދެއްކީ ވަރަށް އަވަސް އަވަހަށެވެ.

" މަންމައެއް ނޫން. ބައްޕަ. " ހަސަން ބުންޏެވެ.

އެއާއެކު ސާމިހްއަށް ހިނިތުން ވެލެވުނެވެ. އެތައް ދުވަހެއްގެ ފަހުން ބައްޕަގެ އަޑު އިވުމުން ހުދު ސާމިހް ވެސް ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ.

" ގުޅާނުލެވެނީ ބައްޕައަށް. ވަރަށް ބުރަކޮށް މި އުޅެނީ. ކިހިނެއްތަ؟" ސާމިހް ވާހަކަ ދެއްކީ ލޯތްބާއެކުއެވެ.

" ބައްޕަ ރަނގަޅު. އެކަމަކު މަންމަ ލޭ މަތި ވެގެން މަރުކަޒުގައި ބާއްވައިގެން މި އުޅުނީ. މިހާރު ގޭގަ." ހަސަން ބުންޏެވެ.

އެ ވަގުތު ސާމިހް ހާސްވެއްޖެއެވެ. ކޮޓަރީގައި އޮވެފައި އޭނާ ސިޓިންރޫމަށް ނިކުމެ ސޯފާއާ ދިމާލަށް ހިނގައިގަތެވެ. އޭރު ސާމިހްގެ އަންހެނުން ރައުދާ އިނީ ސޯފާގައި ޓީވީ ބަލާށެވެ. ސާމިހް އައިސް ސޯފާގައި އިށީންނަމުން ހަސަންއާ ވާހަކަ ދައްކަމުން ދިޔައެވެ.

" މިހާރު ރަނގަޅުތަ؟ ދެން ކީކޭ ބުނީ؟" ސާމިހް އެހިއެވެ.

ސާމިހްގެ އަޑުގައި ހުރި ހާސްކަން ފާހަގަ ކުރެވިގެން ރައުދާއަށް ވެސް ސާމިހްއާ ދިމާލަށް ބަލައިލެވުނެވެ.

" މަންމަ ބުނެފި ޑޮކްޓަރަށް ދައްކަން މާލެ ގެންގޮސްދޭށޭ. ދަރިފުޅު ކައިރީގައި ހުރެވޭނެ އެއްނު. ސާޔާ ވެސް ހުންނާނެއެއްނު." ހަސަން ބުންޏެވެ.

" އާނ. އާދޭ އަވަހަށް. އަހަރެން އެޕޮއިންޓްމަންޓް ވެސް ހައްދާނަން. ޓިކެޓް ހަމަޖައްސާފައި ބައްޕައަށް އަދި ގުޅާލާނަން." ސާމިހް ބުންޏެވެ.

ހަސަން ފޯނު ބޭއްވީ ހިތްހަމަ ޖެހުމާއެކުގައެވެ. މައިންބަފައިން ބަލިވުމުން އެ މީހުންގެ ދަރިންގެ ހިތުގައި އޮންނަ ކުލުނާއި ލޯބި މިއަދު އޭނާއަށް އިހްސާސް ކުރެވުނެވެ.

" ކިހިނެއްވީ؟ ކޮން ޓިކެޓެއް؟" ރައުދާ އެހިއެވެ.

އެއާއެކު ސާމިހް ރައުދާއަށް ބަލައިލުމަށްފަހު ވާހަކަ ދައްކަންފެށީ ނުހަނު ދެރަވެގެންނެވެ.

" މަންމަ ލޭ މަތިވާތީވެ ޑޮކްޓަރަށް ދައްކަން ގެންނަން ވެގެން. " ސާމިހް ބުންޏެވެ.

އެއާއެކު ރައުދާ ޖަހާލީ ކުރު ހިނިގަނޑެކެވެ.

" އެއީ މިހާރު އާއްމު ކަމެއްނު. ލޭ މައްޗަށް ދާ ބޭސް މިހާރު ހުރިހާ ރަށަކުން ވެސް ލިބޭނެ އެއްނު. ކޮންމެހެން މާލެ ނަޔަސް ބޭސް ލިބޭނެ ދޯ." ރައުދާ ބުނެލީ ފަރުވާ ކުޑަ ގޮތަކަށެވެ.

ރައުދާގެ ވާހަކަތަކުން ސާމިހްގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސް ވެއްޖެއެވެ. އޭނާގެ މައިންބަފައިންނާ މެދު އެހާ އިހާނެތި ގޮތަކަށް ރައުދާ ވިސްނާނެ ކަމަކަށް އަދި ބަސް ބުނާނެ ކަމަކަށް ވެސް ސާމިހް ހިއެއް ނުކުރެއެވެ.

" ބޭސް ނުލިބިގެންނެއް ނޫނޭ އަންނަން އުޅެނީ. ޓެސްޓްތައް ހަދަން ވެގެން." ސާމިހް ބުންޏެވެ.

އެއާއެކު ޓީވީ ނިއްވާލުމަށްފަހު ރައުދާ ދެ އަތް އުރާލިއެވެ. އަދި ސޯފާގައި ލެނގިލަމުން ފޫހި ގޮތަކަށް ސާމިހްގެ މޫނަށް ބަލައިލިއެވެ.

" މި ގެއަށްތަ އަންނަނީ؟" ރައުދާ އެހިއެވެ.

ސިހިފައި ސާމިހް ރައުދާގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އޭރު ވެސް ރައުދާ ހިތްހަމަ ނުޖެހިފައި ހުރި ވަރު ސާމިހްއަށް ފާހަގަ ކުރެވެއެވެ.

" ދެން ކޮންތާކަށް އެ މީހުން ދާނީ؟ އަހަރެން މިތާ ހުއްޓާ އަހަރެންގެ މައިންބަފައިން އެހެން ތަނަކަށް ނުފޮނުވޭނެ ދޯ. އަނެއްކާ އެ އުމުރުގައި ކިހިނެއް އެހެންތާކު އުޅޭނީ؟ ސާޔާ ކޮޓަރީގައި ތިބެވޭނެ އެއްނު." ސާމިހް ބުންޏެވެ.

އެ ވަގުތު ރައުދާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ބަލަ މަގޭ ބައްޕަ މަށަށް މި އެޕާރޓްމަންޓް ގަނެދިނީ ސާމިހްގެ އާއިލާ މީހުން ގެނެސް މިތަން ފުރާކަށް ނޫނޭ. މަ މިތާ ސާޔާ ބެހެއްޓީ މަށަށް ވެސް ފަސޭހަ ވާނެތީ. އެކަމަކު ދެން މަންމައާއި ބައްޕަ ، ދެ މީހުން ކިހިނެއް އުޅޭނީ؟ ގަޑިން ގަޑިއަކަށް މަށަކަށް ނުކެއްކޭނެ." ރައުދާ ބުންޏެވެ.

ހައިރާންވެ އަންތަރީސްވާ ހާލު ސާމިހްއަށް އިނދެވުނީ ރައުދާއަށް ބަލާށެވެ. ރައުދާގެ އެ ސިފަ ސާމިހްއަށް އަދި ދުވަހަކު ވެސް ނުފެނެއެވެ. ޖެހިލުންވެފައި އިނދެ ސާމިހް އިސްޖަހާލީ ބުނާނެ އެއްޗެއް ހިތަށް ވެސް ނައިސްގެންނެވެ.

" ރައު. އަހަރެން ވަރަށް ދެރަވެއްޖެ އަސްލު. އަހަރެންގެ މައިންބަފައިންނާމެދު ރައުގެ ހިތުގައި އެއްވެސް ލޯތްބެއް ނެތީމަ." ސާމިހް ބުންޏެވެ.

އެއާއެކު ރައުދާ ސާމިހްގެ އަތުގައި ހިފާލީ ނުހަނު އަވަހަށެވެ. ސާމިހް ހިތްހަމަ ނުޖެހުނުހެން ހީވެގެން އޭނާ އަވަސް އަވަހަށް މޫނުމަތީގެ ކުލަވަރު ވެސް ބަދަލުކޮށްލިއެވެ.

" ސާމިއަށް ވެސް އެނގެއެއްނު އަހަންނަކީ ކައްކާ ހިތްވާ މީހެއް ނޫންކަން." ރައުދާ ބުންޏެވެ.

ސާމިހް ފުން ނޭވާއެއް ދޫކޮށްލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ރައުގެ ބައްޕަ މި ތަން ގަނެދިނަސް، އަހަރެން ތި އޮފީހަށް ނުކޮށްދެނީ ކޮން ކަމެއް؟ އޮފީސް ހިންގާ ބަލަހައްޓަނީ ހަމަ އަހަރެން ދޯ؟ ވެދާނެ އެހެންވެ ކަމަށް ވެސް މި ތަން ގަނެދިނީ. ދެން އޮތީ ކެއްކުން. ސާޔާ އެ ހުރީއެއްނު. ރައު ކީއްވެތަ ކުއްލިއަކަށް ތިހާ ރުޅި ތި އައީ؟" ސާމިހް އެހިއެވެ.

އެ ވަގުތު ރައުދާ އަވަސް އަވަހަށް ސާމިހްގެ ކޮނޑުގައި ބޯ އަޅާލިއެވެ.

" މި ޑްރާމާގައި ވީ ގޮތަކުން މޫޑު އޮފް ވެފައި ހުރީ. އެހެންވެ ކަންނޭނގެ. ސޮރީއޭ." ރައުދާ ބުންޏެވެ.

އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު ސާމިހް ތެދުވިއެވެ.

" އަހަރެން މި ދަނީ އޮފީހަށް ވަދެލަން. " ސާމިހް ބުންޏެވެ.

އެ ވަގުތު ރައުދާ ވެސް ތެދުވެއްޖެއެވެ. ހަގީގަތުގައި އޭނާ ހުރީ ސާމިހް ނުގޮސްގެންނެވެ. އަވަސް އަވަހަށް ރައުދާ ބޯ ޖަހާލިއެވެ. ސާމިހް ނިކުމެގެން ދިޔައިރު ވެސް ރައުދާ ހުރީ ސޯފާ ކައިރީ ކޮޅަށެވެ. ސާމިހް ދިޔުމާއެކު ސޯފާ މަތީގައި އޮތް ފޯނު ހިފައިގެން ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތީ ނުހަނު ބާރަށެވެ.

" އަފޫ އޭ. އަހަރެން އެހެން ކީމަ ސާމިހް އަނެއްކާ އަހަރެންދެކެ ފޫހިވެގެން އެހެން މީހަކު ކައިރިއަށް ގޮސްދާނެތަ؟" ރައުދާ އެހިއެވެ.

ރައުދާގެ އެންމެ ގާތް އެކުވެރިޔާ އަފްޒާ އެ ވަގުތު ބާރަށް ހީގަތެވެ.

" ސާމިހް ގެއްލިދާނެތީ ބިރު ވެސް ގަނޭތަ؟" އަފްޒާ ބުންޏެވެ.

" އާނ އޭނަ ދިޔައްޔާ އަހަރެން މޮޔަވާނެ އެއްނު. އަހަރެން މި ހުންނަނީ ސާމިއާ ހެދި ހޭބަލިވެފަ. އެ ކަހަލަ ހޭންޑްސަމް މީހަކު ދެން މަށަކަށް ނުވެސް ލިބޭނެ." ރައުދާ ބުންޏެވެ.

ރައުދާ ހުރީ ހަގީގަތުގައި ވެސް ނުހަނު ޖެހިލުން ވެފައެވެ. ސާމިހްގެ ފިރެހެންވަންތަ ކަމުގެ ސަބަބުން އަބަދުވެސް ރައުދާ ހުންނަނީ ސިހިސިހިއެވެ. އަންހެން ކުދިން ހިތްކިޔާނެ ކަހަލަ ހުރިހާ ސިފައެއް ސާމިހްގެ ކިބައިގައި ހުރެއެވެ.

" ބައެއް ފަހަރު ހިތަށް އަރާ ރީތި މީހަކާ ނީނދެވުނު ނަމައޭ. އަސްލު ހަމަ ބައްޕަގެ އޮފީހަށް ވެސް ސާމިހް ގެނައީ އެހެންވެ. އެތާ އުޅޭ ކޫޑި ތަކަށް ނުކެރޭނެ ދޯ ސާމިހްއާ އަޅައިގަންނާކަށް." ރައުދާ ބުންޏެވެ.

އޭރު ވެސް އަފްޒާ ހުރީ ރައުދާގެ ވާހަކަތަކުން ހީލަ ހީލައެވެ.

" މާ ބޮޑަށޭ ތި ވިސްނަނީ؟ ދުވަހަކުވެސް ރައުއަށް އޭނަގެ ފަރާތުން ކަމެއް ޝައްކުވިތަ؟ ނުވެ އެއްނު. ބޭކާރު ވިސްނުންތަކެއް ނުވިސްނަބަލަ." އަފްޒާ ބުންޏެވެ.

" ހޫމް ނުވިސްނަމޭ. އަނެއްކާ ތިހެން އުޅެފަ އަފޫއެއް ނޫން މަގޭ ސާމިހް ޖަހައިގަންނާނީ." ރައުދާ ބުނެލިއެވެ.

" އޭ ރައު. ދެން މަށަށް ވެސް ޝައްކު ކުރަނީތަ؟ ސާބަސް." އަފްޒާ ބުންޏެވެ.

" މި ވަރުން ދަންޏާ އަދި މަގޭ މޮޔަވާނެ ކަންނޭނގެ." އެނދުމަތީ އިށީންނަމުން ރައުދާ ބުންޏެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)