މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައަކަށް ވަދެ ވައްކަމެއް ކޮށްފިކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.
މި ވައްކަން ހިންގާފައިވަނީ ހުކުރު ނަމާދު ވަގުތު ފިހާރަ ބަންދުކޮށްފައި ހުއްޓާއެވެ. ވައްކަން ކުރި ފަރާތުން ފިހާރައަށް ވަދެފައިވަނީ ފިހާރައިގެ ޓިނު ނަގައިގެންކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި މި ވައްކަމުގައި ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ގެންގޮސްފައިވެއެވެ. ނަމަވެސް ވަގަށް ގެންދިޔަ ތަކެތީގެ ޖުމްލަ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި ވައްކަން ކުރި ފަރާތް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މިފަދަ ވައްކަމުގެ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން ވިޔަފާރިތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފުލުހުން އިރުޝާދު ދެމުންދެއެވެ. އަދި މިފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށްވެސް އާންމުންނަށް އިލްތިމާސް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!