ހދ. ކުޅުދުއްފުށި ސިޓީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޚާއްސަ މޮނިއުމަންޓެއް ފަރުމާކުރުމުގެ ފުރުސަތު ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށް ހުޅުވާލައިފައެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ރަށުގެ ވަނަވަރާއި ފަޚުރުވެރި މާޒީ ރަމްޒުކޮށްދޭނެ ފާހަގަކޮށްލެވޭ ނިޝާނެއް ޤާއިމްކުރުމެވެ.

Ad
rt

މި މޮނިއުމަންޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރުމަތީ ސަރަހައްދުގައެވެ. ފަރުމާ ހުށަހަޅާ ފަރާތްތަކުން، މޮނިއުމަންޓުގެ ފަރުމާ ވާންޖެހޭނީ ކުޅުދުއްފުށި ރަމްޒުކޮށްދޭ، ބަލާލަން ރީތި، އަދި އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށެވެ. އަދި މޮނިއުމަންޓުގައި ކުޅުދުއްފުށީގެ ނަން ދިވެހިންނާއި އިނގިރޭސިން ފެންނަން ހުންނަންވާނެއެވެ.

ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، ހުށަހަޅާ ފަރުމާ ޑައިމީޓަރުގައި 11.5 މީޓަރު ހުންނަ ސަރަހައްދަކަށް ފެތެންވާނެއެވެ. އަދި ފަރުމާކުރާ ފަރާތުން، ފަރުމާގެ 2D އަދި 3D ސްކޭލް ކުރެހުމުގެ ސޮފްޓްކޮޕީ ފައިލްތައް ކައުންސިލަށް ހުށަހަޅަންޖެހޭނެއެވެ.

އެންމެ ރަނގަޅު ފަރުމާއަށް 5000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ހުށަހެޅޭ ފަރުމާތައް ވަޒަންކުރާނީ އެކަމަށް އެކުލަވާލެވޭ ޚާއްސަ ކޮމެޓީއަކުންނެވެ. އަދި ހުށަހެޅޭ ފަރުމާތަކަކީ އެކަށީގެންނުވާ ފަރުމާތަކެއް ކަމުގައިވާނަމަ، އަލުން އިޢުލާންކުރުމުގެ އިޚްތިޔާރު ކޮމެޓީއަށް ލިބިގެންވެއެވެ.

މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ފަރުމާތައް ކައުންސިލްގެ އީމެއިލް އެޑްރެސް projects@kulhudhuffushicity.gov.mv އަށް ފޮނުވުމަށް ވަނީ އަންގަވާފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 6527162 ނުވަތަ 6527210 އަށް ގުޅުމަށްވެސް ކައުންސިލުން ވަނީ އަންގަވާފައެވެ.