މިއަދު އެއާ އިންޑިއާ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި އެ ބޯޓުން ދަތުރުކުރި މީހަކު ދިރިހުއްޓާ ފެނިއްޖެއެވެ.
242 ފަސިންޖަރުންނާއެކު ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއަރ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ ގުޖަރާތު ސްޓޭޓުގެ އަހްމަދާބާދަށް ވެއްޓުމުން އެ ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތާއި ގުޅޭގޮތުން އަހްމަދާބާދުގެ ޕޮލިސް ކޮމިޝަނަރު ޖީ.އެސް. މަލިކް ވިދާޅުވެފައިވަނީ މަތިންދާބޯޓުން ދަތުރުކުރި އެކަކު ދިރިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދާ ގުޅޭގޮތުން ސާފު މަޢުލޫމާތެއް ލިބިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިއުސް އޭޖެންސީ އޭ.އެން.އައި އަށް ފޯނުން ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު ޖީ.އެސް. މަލިކް ވިދާޅުވީ، ބޯޓުގެ 11އޭ ގޮނޑީގައި އިން މީހަކު ދިރިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި އެމީހާ އަކީ ސަލާމަތްވުމަށް ބޯޓުން ފުންމާލި މީހެކެވެ. ނަމަވެސް ޕޮލިސް ކޮމިޝަނަރ އެ ތަފްސީލެއް ނުދެއްވައެވެ.
‘’އެކަކު ދިރިހުރިކަމަށް ހޮސްޕިޓަލުން ބުނި، އޭނާ އަށް އަންނަނީ ފަރުވާދެމުން، މަރުވެފައިވާ މީހުންގެ އަދަދާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ދެންނެވޭކަށް ނެތް. މަތިންދާބޯޓު ވެއްޓުނީ މީހުން ދިރިއުރިއުޅޭ ސަރަޙައްދަކަށް ކަމަށްވާތީ މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ." ކޮމިޝަނަރ ވިދާޅުވެފަވެއެވެ.
ދިރިހުރިކަން އެނގިފައިވާ މީހާ އަކީ 40 އަހަރުގެ ވިޝްވާޝް ކުމާރު ރަމޭޝް ކަމަށް ދެނެގަނެވިފައިވެއެވެ. އޭނާއަށް މިހާރު ފަރުވާދެމުން ގެންދަނީ އަހްމަދާބާދުގެ އަސަރްވާގައި ހުންނަ ސިވިލް ހޮސްޕިޓަލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!