ކުޅުދުއްފުށި ސިޓީގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 އަށް ދެން އޮތީ ބާކީ 100 ދުވަހެވެ.
އެހެންކަމުން ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ މިކަން ފާހަގަކޮށް މި މުބާރާތުގެ ކައުންޓްޑައުން ފަށާފައެވެ.
މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތަކީ އޭޝިއަން ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއީސީ) އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު ކުޅުދުއްފުށީގައި ބާއްވަން ނިންމައި ކޮމަންވެލްތައް ޕްރޮޕޯސަލް ހުށަހެޅުމަށްފަހު އެ ޕްރޮޕޯސަލް ބަލައިގަތުމުން ކޮމަންވެލްތުގެ ހުރިހާ ގައުމަކަށް ދައުވަތު ދީގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ.
ކުރިން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރު ޕާކިސްތާނުގައެވެ. އެހެންނަމަވެސް އޭރުގެ ޕްލޭނާއި އެއްގޮތަށް މުބާރާތް ބޭއްވޭ ގޮތް ނުވުމުން ރާއްޖޭގައި މި މުބާރާތް ބޭއްވޭތޯ ބެލުމަށް ހެދި ފިސިލިބިޓީ ސްޓަޑީއަށް ބިނާކޮށް ކޮމަންވެލްތުން ވަނީ މިއަހަރު ކުރީކޮޅު ރާއްޖޭގައި މި މުބަރާތް ބޭއްވިދާނެކަމުގެ ފެހި ސިގްނަލް ދީފައެވެ.
އެގޮތުން މިފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް އެމްއޯސީ އާއި މިނިސްޓްރީގެ އިސްްބޭފުޅުންގެ އިތުރުން ސިޓީ ކައުންްސިލާއި މިކަމާ ބެހޭ އެކި ފަރާތްކާ ވާހަކަ ދެއްކުމަށްފަހުގައި، ރާއްޖޭގައި މިވަގުތު ހޭންޑްބޯޅައަށް އެންމެ ފަހި މާހައުލެއް އޮތް ރަށަކީ ކުޅުދުއްފުށި ސިޓީގައި ކަމަށް ވަނީ ކަނޑައަޅާފައެވެ.
ކޮމްންވެލްތް ބީޗް ހޭންޑްބޯލް މުބާރަތް ކުޅުދުއްފުށީގައި ބޭއްވުމާއި ބެހޭގޮތުން މިދިޔަ މަހު ބޭއްވި ތިލަދުންމަތީ ފެތުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެފައިވަނީ މި މުބާރާތް ވެގެންދާނީ ރާއްޖެއަށް އެފަދަ މުބާރާތްތައް ހޯސްޓްކުރުމުގެ އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ މުބާރާތަކަށް ކަމަށެވެ.
މި މުބާރާތް ހޯސްޓް ކުރަން ކުޅުދުއްފުއްޓަށް ލިބުމުން ކާމިޔާބުކަމާއެކު ހޯސްޓް ކޮށްދެއްވާނެކަމުގެ ޔަޤީންކަން މޭޔަރ ވަނީ އަރުވާފައެވެ. އަދި މިކަމަށް ތައްޔާރުވުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ ހޭންޑްބޯޅައަށް ޚާއްސަ ބައިނަލްއަގުވާމީ ފެންވަރަށް ދެ ހޭންޑްބޯލް ކޯޓު ތަރައްްޤީކޮށް ރޭގަނޑު ގަޑީގައިވެސް ކުޅެވޭނެހެން އިންތިޒާމްކޮށް ލައިޓް ހަރުކޮށްފައެވެ.
މީގެ އިތުރުން ކުޅުދުއްފުށީގެ މާހައުލު ކޮމަންވެލްތް ގޭމްސް ފުރިހަމައަށް ބޭއްވުމަށް ތައްޔާރުކުރުމުގައި ސިޓީ ކައުންސިލުގެ އިތުރުން ސިޓީގެ މުއައްސަސާތަކުންނާއި ކްލަބް ޖަމިއްޔާތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދަނީ ލިބެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!