ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ސަބްސިޑީގެ ގޮތުގައި ދޫކުރި ފައިސާއަށް އެ ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިއްސާ އޮންނަ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، އެފްއޭއެމްއިން ކްލަބުތަކަށް ދޫކުރާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
2023 އިން ފެށިގެން އެފްއޭއެމް އާއި ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދާއިރު، މި މައްސަލަތަކާއި ގުޅިގެން ބައްސާމަށް ދައުވާތަކެއް ކޮށްފައިވެއެވެ. އަދި އިތުރު ދެ މީހަކަށާއި އަމީން ކޮންސްޓްރަކްޝަނަށް ވެސް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެދިފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބައްސާމް ހިންގި ހިޔާނާތާ ގުޅިގެން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށާއި، މަނީ ލޯންޑަރިންގ މެދުވެރިކޮށް ހޯދާފައިވާ އަމީން އެވެނިއު އެޕާޓްމަންޓްގެ ދެ ފްލެޓް ދައުލަތަށް ނެގުމަށް އެދިފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2016 ގައި އެފްއޭއެމްގެ ރައީސްކަމަށް އައި ބައްސާމް، ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދިނުމަށް ވެފައިވާ ވައުދު ފުއްދުމަށް، ފުރަތަމަ ދެ އަހަރު ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ފައިސާ ދިން ނަމަވެސް، 2018 ގައި ސަރުކާރު ބަދަލުވުމާއެކު އެފްއޭއެމްއިން އެ ފައިސާ ދޭ ގޮތަށް ބަދަލުކުރި ކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!