ދިވެހިރާއްޖޭގެ މަަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސެއިޚް ފަރީދު މިއަދު ވަނީ ކުއްލިގޮތަކަށް އަވަހާރަ ވެފައެވެ.
ސެއިޚްގެ ވަކިވުމާއި ގުޅިގެން ރައީސް މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ ސެއިޚް ފަރީދަކީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ޚުލްޤު ހެޔޮ، އަޅުވެރި ދީނީ ޢިލްމު ވެރިޔެއްކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝައިޚް ފަރީދު އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތެވެ.
ރައީސް ވަނީ ސެއިޚް އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށް އެދިވަޑައިގެން ސެއިޚްގެ މައްޗަށް ދުޢާ ކުރަށްވާފައެވެ.
މީގެއިތުރުން، ރައީސް ވަނީ މަރްޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، އެ ބޭފުޅުންނަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދަކީ ދިވެހިރާއްޖޭގެ ދީނީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި ގިނަ ބަޔަކަށް އިސްލާމްދީނުގެ ތަޢުލީމު ފޯރުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އެމަނިކުފާނުގެ އަވަހާރަވުމަކީ ދިވެހި މުޖުތަމަޢުއަށް ލިބިގެންދާނެ ހުސްކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!