ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރައްވައިފިއެވެ.

މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖު ވަފުދަށް ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

Ad
rt

ހަމަ މިއާއިއެކު އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށް، ރައީސް ވަނީ ނިހާޔަތަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ޙައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަކުރައްވައި، ދިވެހި ޙައްޖާޖީންނަށް ދެއްވި ޚާއްޞަ މެހުމާންދާރީއަށާއި އެ ޤައުމުގައި ތިބުމަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި، އިންތިޒާމުތަކުގެ ފުރިހަމަކަމަށް ތަޢުރީފު ކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އާއި ވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސަޢޫދީ ޢަރަބިއްޔާގައެވެ.

ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ޤައުމުގައި ތިއްބަވަނީ، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައެވެ.