ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ރައީސް އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހައާ ދެމެދުގެ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އެކަކު އަނެކަކަށް ފާޑުކިޔަން ފަށައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ ޤައުމުގެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ބިލިޔަނަރު އީލޮން މަސްކާ ދެމެދު ހަމަނުޖެހުންތަކެއް އުފެދެން ފެށީ ޓްރަމްޕް އުފެއްދި “ޑޮޖް”ގެ ވެރިޔާގެ މަގާމުން މަސްކު ވަކިކުރުމުންނެވެ. އެއަށްފަހު އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ އެކްސްގައި މަސްކުވަނީ ޓްރަމްޕާއި އޭނާގެ ސަރުކާރަށް ފާޑުކިޔަން ފަށައިފައެވެ.

Ad
rt

މަގާމުން ދުރުކުރުމާއެކު އެކްސްގައި މަސްކު ކުރި ޓްވީޓެއްގަވަނީ މަޝްހޫރު އެޕްސިޓިން ފައިލްތައް ޓްރަމްޕް އާންމުކުރަން ބުނި ނަމަވެސް އަދިވެސް އާންމު ނުކުރަނީ ޓްރަމްޕްގެ ނަންވެސް އޭގެ ތެރޭގައި ހިމެނޭތީ ކަމަށެވެ. އެޕްސްޓީން ފައިލަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުވާ ހޮލީވުޑް ތަރިންނާއި ބޮޑެތި ވިޔަފާރިވެރިން ހިމެނޭ ލިސްޓެކެވެ.

ޓްރަމްޕު ހުށަހަޅާފައިވާ، ހަރަދުގެ ބިލަށްވެސް މަސްކް ދަނީ ފާޑުކިޔަމުންނެވެ. އަދި އެ ބިލަށް ވޯޓު ދޭ ރިޕަބްލިކަން ޕާޓީގެ މެންބަރުންނާ ދެކޮޅަށް ޕްރައިމަރީގައި މަސައްކަތްކުރުމަށް ބައެއް މެންބަރުން ގޮވާލަމުން ދާތީ ޓްރަމްޕް ވަނީ އިންޒާރުވެސް ދީފައެވެ. ޓްރަމްޕް ބުނީ ބިލާ ދެކޮޅު މެންބަރުން އެދެމުންދާ ގޮތަށް، ބިލަށް ތާއީދުކުރާ މެންބަރުންނާ ދެކޮޅަށް މަސްކް މަސައްކަތްކުރާ ނަމަ "ސީރިއަސް ނަތީޖާތަކެއް ނުކުމެދާނެ" ކަމަށެވެ.

ޓްރަމްޕް “ބިގް ބިއުޓިފުލް” ބިލޭ ކިޔާ ބިލުގެ ސަބަބުން އެމެރިކާގެ ދަރަނި ވަރަށް ބޮޑުވެގެންދާނެ ކަމަށް ބެލެކެވެ. މަސްކު ބުނަނީ އޭނާ ސަރުކާރުގައި ހުރެގެން އެޅި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ހުރިހާ ބޭނުމެއް މި ބިލުން ކެނޑޭނެއެވެ.

މި ބިލާ ދެކޮޅު ބައެއް މެމްބަރުން ވަނީ، ބިލަށް ތާއީދު ކުރި ރިޕަބްލިކަން މެމްބަރުންނާ ދެކޮޅަށް ޕްރައިމަރީގައި މަސައްކަތް ކުރުމަށް މަސްކު ކައިރިން އެދިފައެވެ. އޭނާ އެގޮތަށް އަމަލުކޮށްފިނަމަ ސީރިއަސް ނަތީޖާއެއް ނުކުންނާނެ ކަމަށާއި މަސްކަކީ މީހުންނަށް އިހުތިރާމް ނުކުރާ މީހެއް ކަމަށް ޓްރަމްޕް އެންބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.