މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، ޖުމްހޫރީ މައިދާނުގައި ފައުންޓެއިން ޝޯއަކާއި ހުޅުމާލޭގައި ޖަޔަންޓް ވޯޓާ ސްލައިޑުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނީ، ޖުމްހޫރީ މައިދާނުގައި ބާއްވާ "ޖުމްހޫރީ ފައުންޓެއިން ޝޯ" ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00ގެ ނިޔަލަށް ކަމަށެވެ.
އެ ކުންފުނިން ބުނީ ޖަޔަންޓް ވޯޓާ ސްލައިޑުގެ ހަރަކާތްތައް ވެސް އަންނަ އާދިއްތައިގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ހަރަކާތް ކުރިޔަށްދާނީ މާދަމައިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ޖެހިގެން އަންނަ އާދިއްތައިގައި މި ހަރަކާތް އޮންނާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ބީޗު ސަރަހައްދުގައެވެ.
އެމްޓީސީސީން ބުނީ މި ހަރަކާތުގައި ބައިވެރިވުމަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ޗޭންޖިން ރޫމްތަކެއް ވެސް، ތައްޔާރުކޮށްފައިވާނެ ކަމަށެވެ.
އެމްޓީސީސީން ވަނީ އާއިލާއާއި އެކުވެރިންނާ އެކު މި ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!