ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރާއި ސްކޫލަތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ އިތުރުން ސިޓީ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

އެގޮތުން މި ގްރާންޓްގެ ދަށުން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި މި ގްރާންޓް ދިނުމުގެ މަޤުސަދަކީ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމަށެވެ.

އަދި މި ގްރާންޓް ދިނުމަށް ނިންމާފައިވަނީ ސިޓީގެ ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. މި ގްރާންޓްގެ ސަބަބުން ސްކޫލްތަކަށް އިތުރު ވަސީލަތްތައް ހޯދައި، ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާންދާނެކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނެފައިވަނީ މި ގްރާންޓް ދިނުމުގެ ބޭނުމަކީ، ސްކޫލްތަކުގެ ޕީޓީއޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.