ދިވެހިން ޙައްޖަށް ދާން ޖަހާ ވެކްސިނާއި ބޭނުންވާ ބޭސް އަދި ޙައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގާ ބޭސް ވެސް ދެން ލިބޭނީ ހިލޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަން އިޢުލާނުކުރެއްވީ މިއަދު ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދުން ފެށިގެން ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހިލޭ ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ޙައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމަށެވެ. އަދި ދިވެހީން ޙައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހައިވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖާޖީންނަށް ކޮށްދެއްވާފައިވާ ކަންކަމަށް ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ލިބިފައިވާ ލުއިފަސޭހަ އިންތިޒާމުތަކާއި، މިނާގައި ތިބުމުގެ އިންތިޒާމުތައް އަޕްގްރޭޑްކޮށްފައިވާ ކަމާއި، ދިވެހިންނަށް ޚާއްޞަ ކްލިނިކެއް ޤާއިމުކޮށްދެއްވާފައިވާ ކަން ފާހަގަކުރެއްވިއެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން 1000 ޙައްޖާޖީން ދަތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.