ޔޫއޭއީގެ ޝާރޖާގައި ސިޓީގައި ޒަމްޒަމް ފެނުގެ ނަމުގައި އަގުބޮޑުކޮށް އާދައިގެ ފެން ވިއްކި މީހަކު ހައްޔަރުކޮށްފިއެވެ.

ފުޅާދާއިރާއެއްގައި މި ވިޔަފާރިކޮށްފައިވަނީ ދުބާއީ އާއި އަބޫދާބީ އަށް ފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ތިން ވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ .ޝާރޖާގައި، ގޯއްޗެއްގެ ތެރޭގައި ގަވާއިދާ ހިލާފަށް ފެންފުޅި އުފައްދާ ކާރުޚާނާއެއްގައެވެ.

Ad
rt

މި އޮޕަރޭޝަން ހިންގާފައިވަނީ ޝާރޖާ ސިޓީ މުނިސިޕަލިޓީން، އެ އިދާރާގެ ކޮންޓްރޯލް އެންޑް އިންސްޕެކްޝަން ޑިޕާޓްމަންޓާއި ހެލްތު ކޮންޓްރޯލް އެންޑް ސޭފްޓީ ޑިޕާޓްމަންޓާ ގުޅިގެންނެވެ. އާންމު އުސޫލުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން އެ ގޯއްޗަށް ފުޅީގައި ފެން ބަރުކުރާ އުޅަނދުތައް ވަންނަމުން ދާތަން ފާހަގަކުރެވި، ޝައްކުތަކެއް އުފެދުމާ ގުޅިގެން، އެ ތަނަށް ވަދެ ބަލައި ފާސްކުރީއެވެ. އެ ތަނަށް ވަންއިރު، އެމީހާ އެތަނުގެ ތެރޭގައި ހުއްޓައި އަތުލައިގަނެވުނެވެ.

އެތަން ބަލައި ފާސްކުރިއިރު، ޒަމްޒަމް ފެނުގެ ނަމުގައި ލޭބަލްކޮށްފައިވާ ކާޓަންތަކާއި ޕްލާސްޓިކް ފުޅިތައް ފެނިފައިވެއެވެ. މި ފެން ފުޅިތަކަށް އަޅަމުން ދިޔައީ ސާފުތާހިރުކަމެއް ނެތް، އާދައިގެ ފެނެވެ.

މި އޮޕަރޭޝަންގެ ތެރެއިން، ހައްޔަރުކުރި މީހާގެ އަމިއްލަ، ލައިސަންސް އޮންނަ 'އާރްޓީ މިނަރަލް ވޯޓަރ ޓްރޭޑިންގ ކޮމްޕެނީ'ގެ މާލީ އިންވޮއިސްތަކެއް ފެނިފައިވެއެވެ. އޭނާ ވަނީ މި ލައިސަންސް އޮންނަ ކުންފުނީގެ ނަން ބޭނުންކޮށްގެން މަކަރާއި ހީލަތުން މީހުންނަށް އޮޅުވާލައި، އެ ކުންފުނީގެ ނަމުގައި އިންވޮއިސްތައް ދޫކޮށްފައެވެ.

ޝާރޖާ ސިޓީ މުނިސިޕަލިޓީގެ ޑިރެކްޓަރ ޖެނެރަލް، އޮބައިދު އަލް ތެނެއިޖީ ވިދާޅުވީ، މުޖުތަމައުގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަންކަން މޮނިޓަރކޮށް، ގަވާއިދާ ހިލާފު ގޮތްތަކުން މީހުންނަށް އޮޅުވާލަން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

މުނިސިޕަލިޓީން ވަނީ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅިގެން އެ ކުންފުނި ބަންދުކޮށްފައެވެ. އަދި ޝާރޖާ ޕޮލިހާ ގުޅިގެން އެމީހާ ތަހުގީގަށް ފޮނުވާފައިވެއެވެ. އިންސްޕެކްޝަން ޓީމުތަކުން ވަނީ އަތުލައިގަތް ހުރިހާ މުދަލެއް ކޮންފިސްކޭޓްކޮށް، ގާއިމްކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެ ގޯތި ބަންދުކޮށްފައެވެ.

ޝާރޖާ މުނިސިޕަލިޓީން އާންމުންނަށް އިލްތިމާސްކުރަނީ، ލައިސަންސް ނެތް ކާބޯތަކެތި ވިއްކާ ތަންތަނާ މުއާމަލާތް ނުކުރުމަށާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް އެއްވެސް އެއްޗެއް ގަންނައިރު، އޭގެ އަސްލު ކަށަވަރުނުކޮށް ނުގަތުމަށެވެ. އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ ނުވަތަ ރިޕޯޓްކުރަން ބޭނުންނަމަ، 993 އަށް ގުޅުމަށް ވެސް އެފަރާތުން އެދިލައްވައެވެ.