ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގެ ގޭގޭގައި މި މެއި މަހު ލިބުނު ކަރަންޓް ބިލު އަދަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުން ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މެއި މަހުގެ ކަރަންޓް ބިލު އައި އިރު އޭގެ ކުރީ މަހުގެ ބިލްތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ބުނެ ރައްޔިތުން ވަނީ މީސްމީޑިއާގައި އެ ގެއެއްގެ ބިލް ހިއްސާކޮށް އަޅާކިއާފައެވެ. އަދި ބިލް ބޮޑުވުމުގެ ސަބަބުން މި ކަން މެދުވެރިވާންވީ ކީއްވެގެންތޯ ސުވާލުކޮށް ޝަކުވާ ހުށަހަޅާފައިވެއެވެ.

Ad
rt

އެގޮތުން މި މައްސަލަ އާއި ގުޅޭ ގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލީސް މެންބަރު ފަރުހަތު މުޙައްމަދު ވިދާޅުވެފައިވަނީ ރައްޔިތުންގެ މި ކަންބޮޑުވުން ކަމާބެހޭ މުއައްސަސާތަކަށާއި ސަރުކާރުގެ އެންމެ މަތީ ފަރާތްތަކާވެސް ހިއްސާކުރެވިފައިވާކަމަށެވެ. އަދި އަދުގެ ސަރުކާރުން މިކަމަށް ލުއިގޮތެއް ހޯދަވައިދެއްވާނެކަމަށް ޤަބޫލު ކުރަށްވާކަމަށް ވަނީ ވިދާޅުވެފައެވެ.

"ކަރަންޓް ބިލު އިންތިހާއަށް ބޮޑުވަމުންދާ މައްސަލައަކީ އަޅުގަނޑުވެސް ވަރަށް ކަންބޮޑުވާ މައްސަލައެއް. އަދި ރައްޔިތުންގެ ވެސް އެހާމެ ކަންބޮޑުވުން އޮތް މައްސަލައެއްކަން ޤަބޫލުކުރަން" ފަރުހަތު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައްޔިތުން ވަނީ މިކަމަށް ހައްލެއް ނުލިބުމުން މިއަދު ހެނދުނު ފެނަކަ އޮފީހަށް ގޮސް އެ މުއައްސަސާގެ އިސްވެރިއެއްގެ ފަރާތުން ޖަވާބެއް ލިބޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް ރައްޔިތުންނަށް މި މައްސަލައާއި ގުޅިގެން އެދެވޭ ޖަވާބެއް އަދިއެއް ލިބިފައެއް ނުވެއެވެ.

ކަރަންޓް ބިލު ބޮޑުވުމާއި ގުޅޭގޮތުން ފެނަކައިން އަދި ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ.