ކުރީގެ އަދަދާއި ގުޅޭ:

ޝަބްނަމްއަށް ހަސަން ފެނުމާޢެކު ދުވެފައި ގޮސް ހަސަންގެ އަތުގައި ހިފިއެވެ. ލިބުނު ހައިރާންކަމާއެކު ހަސަންއަށް ޝަބްނަމްގެ މޫނަށް ބަލައިލެވުނެވެ. އޭރު ޝަބްނަމް ހުރީ އުފަލުން ފޮޅިފައެވެ. އޭނާ ހަސަންގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ދަމަމުން ކަހަލަ ގޮތަކަށެވެ. ހަސަން ކުރިއަށް ހިނގަމުން ދިޔައީ ޝަބްނަމްގެ ބާރުގައެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ތަބަކަށް ޖޫސްތަށިތައް ލައިގެން ބަދިގެއިން ނިކުތް މަރިޔަމްއެވެ. އިސާހިތަކު މަރިޔަމްއަށް ވެސް އެ މަންޒަރު ފެނުނެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް އެރި ހައިރާންކަމުގެ ކުލަވަރުން ހަސަންއަށް އަވަސް އަވަހަށް ޝަބްނަމްގެ އަތް ފޮޅުވާލެވުނެވެ.

Ad
rt

ދެ ބުމަ ކައިރި ކޮށްލުމަށްފަހު ޝަބްނަމް ފަސް އެނބުރި ހަސަންގެ މޫނަށް ބަލައިލިއެވެ. މަރިޔަމްއާ ދިމާލަށް ހަސަންގެ ނަޒަރު ހުއްޓިފައި ހުރުމުން، ޝަބްނަމްއަށް ދެން ބަލައިލެވުނީ މަރިޔަމްއަށެވެ. އޭރު ވެސް ފެންޑާއިން ނިކުތް ގޮތަށް ހުރި ފިޔަވަޅުމަތީ މަރިޔަމް ހުރީ ގަނޑުވެފައި ކަހަލަ ގޮތަކަށެވެ.

ކަންތައް ވާނެ ގޮތެއް ނޭނގޭ ހާލު، ރަޝީދުގެ ދެމަފިރިން ވެސް އޭރު ތިބީ ނުހަނު ކަންބޮޑު ވެފައެވެ.

މަރިޔަމްގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަމުގެ ސަބަބުން ޝަބްނަމްއަށް އެއްބުމަ ހިއްލައިލެވުނެވެ. މަރިޔަމްއަށް އަދި އެއްވެސް އެއްޗެއް ނޭނގޭކަން އޭނާއަށް ކުރިން ވެސް އެނގެއެވެ. އެހެންކަމުން އޭނާ ބޭނުން ވީ ވެސް ހަސަންއާ ދެމެދު ގުޅުމެއް އޮތްކަން މަރިޔަމްއަށް ރަނގަޅަށް ހާމަކޮށްލާށެވެ.

ޝަބްނަމް މަޑުމަޑުން ހަސަން ގާތަށް ޖެހިލުމަށްފަހު ހަސަންގެ އަތުގެ މުލައްދަނޑީގައި ހިފާލީ ވަގު ލޮލަކުން މަރިޔަމްއަށް ބަލަމުންނެވެ. ހަސަން ނުހަނު އަވަހަށް ޝަބްނަމްއާ ދުރަށް ޖެހިލުމަށްފަހު ރަޝީދުއާ ދިމާލަށް ހިނގައިގަތީ ސަލާމަތް ހޯދާށެވެ. ނަމަވެސް އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދެއެވެ. ނުތަނަވަސްވެފައިވާ މަރިޔަމްގެ މޫނު ފެނި އިތުރަށް އޭނާ ހާސް ވެސް ވެއްޖެއެވެ.

" ރަޝީދުބެ ކޮން ދަތުރެއް؟ " ހަސަންގެ އަޑު ބޭރުވީ ނުހަނު އުނދަގުލުންނެވެ.

ރަޝީދުމެން ގާތަށް ހަސަން އައުމާއެކު މަރިޔަމް އައިސް އަށި މަތީ ޖޫސް ތަބަށް ބެހެއްޓިއެވެ. އެއާއެކު ހަސަން އަވަސް އަވަހަށް، ޖޫސްތައްތެއް ނަގައި ރަޝީދުއަށް ދިއްކޮށްލިއެވެ. ދެ އަތުން ދެ ތަށި ޖޫސް ހިފައިގެން މަރިޔަމް ގޮސް ޒުހޭރާއަށް ދިއްކޮށްލިއެވެ. އޭރު ވެސް ޝަބްނަމް ހުރީ ތަންކޮޅެއް ދުރުގައެވެ. ދެ އަތް އުރާލައިގެން އޭނާ ހުރީ މަރިޔަމްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ.

ތެޅިތެޅި އޮތް ހިތަކައިގެން ޝަބްނަމްއާ ދިމާލަށް މަރިޔަމް ހިނގައިގަތީ އޭނާއަށް ހުރި ޖޫސްތަށި ހިފައިގެންނެވެ. މަރިޔަމް އަންނަތަން ފެނި، ޝަބްނަމް ރަނގަޅަށް ހަމަޖެހިލިއެވެ. އެ ދެ މީހުންގެ ހަތަރުކަޅި މާ ދުރުން ވެސް ހުރީ ސީދާ ވެފައެވެ. މަރިޔަމް އައިސް ޝަބްނަމްގެ ކުރިމަތީގައި ހުއްޓި ޖޫސްތަށި ދިއްކޮށްލިއެވެ. އޭނާގެ މޫނުމަތިން ކުރިން ފެނުނު ހިނިތުންވުމެއް މިހާރަކު ނެތެވެ. ނުތަނަވަސްކަމާއި ހައިރާންކަން ފިޔަވައި އެއްވެސް އެއްޗެއް މިހާރު އެ މޫނަކުން ޝަބްނަމްއަކަށް ނުފެނުނެވެ.

ދުރުގައި އިން ހަސަންއަށް އެ ދެ މީހުންނާ ދިމާލަށް ސިއްރުން ބެލެނީ، ޝަބްނަމް މަރިޔަމްއާ ދިމާލަށް އެއްޗެއް ބުނެފާނެތީއެވެ. ހަސަންއަށް ވުރެ ކުރިން ޝަބްނަމް އެ ވާހަކަތައް މަރިޔަމްއަށް ކިޔައިދީފާނެތީއެވެ. އޭނާގެ އުފާވެރި ދިރިއުޅުން އެ ފުށް މި ފުށަށް ޖެހެން މާ ގިނަ އިރުތަކެއް ނެތްކަން ހަސަންއަށް އެނގެއެވެ. ނަމަވެސް ހިތް މައިތިރި ކޮށްލައިގެން އޭނާ އިނެވެ.

ޖޫސްތަށީގައި ހިފަމުން ޝަބްނަމް އެއް މިޔަކަނުން ހީލިއެވެ. އޭރު ވެސް މަރިޔަމް ހުރީ ޝަބްނަމްގެ މޫނަށް ބަލަހައްޓައިގެންނެވެ. ޝަބްނަމް ލަސްލަހުން ޖޫސް ކޯވަރެއް ދަމާލި އިރު ވެސް އޭނާގެ ކަޅި ހުއްޓިފައި ހުރީ މަރިޔަމްގެ މޫނަށެވެ.

" ހޫމް. ވަރަށް މީރު. " ޝަބްނަމް ބުނެލިއެވެ.

އޭނާ ހީކުރީ އެހެން ބުނުމުން މަރިޔަމް ހިނިތުންވެލާނެ ކަމަށެވެ. ނަމަވެސް އަދިވެސް މަރިޔަމް ހުރީ ފުން ވިސްނުމެއްގައެވެ.

" ހަސަންއަށް ކަމުދާ ބުއިންތަކާއި މީރު ކެއުންތައް ކައްކަން އަހަންނަށް ވެސް ދަސްކޮށްދެއްޗޭ." ޝަބްނަމް ބުނެލީ މަރިޔަމްއާ ދިމާލަށް މޫނު ކައިރިކޮށްލަމުންނެވެ.

އެއާއެކު މަރިޔަމްއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" މަރިޔަމް. ގޭތެރެއިން ސާޔާ އެބަ ރޮއެއްނު." ހަސަން ގޮވާލިއެވެ.

އެއާއެކު މަރިޔަމް ފަހަތް ބަލައިލިއެވެ. ތެދެކެވެ. ސާޔާ ރޯ އަޑު ހުދު އޭނާއަށް ވެސް އިވެއެވެ. ނަމަވެސް ހިތަށް ވެރިވެފައިވާ ބިރުވެރިކަމެއްގެ ސަބަބުން އަޑު އިވުނަސް، ދެނެނުގަނެވުނީއެވެ. ހަސަން އެހެން ގޮވާލުމާއެކު މަރިޔަމް ބާރުބާރަށް ގެއާ ދިމާލަށް ހިނގައިގަތެވެ.

ހަސަންގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެ ހިސާބުންނެވެ. މާގިނައިރު ޝަބްނަމް ކައިރީ މަރިޔަމް ހުންނަން ވެއްޖެނަމަ ކަންތައް ގޯސްވާނެކަން އޭނާއަށް އެނގެއެވެ. އެެހެންވެ، އޭރު ވެސް ހަސަން އިނީ އެ ދެ މީހުން ދެ ތަން ކުރާނެ ގޮތެއް ނޭނގިފައެވެ.

" ބައްޕާ. އަޅުގަނޑަކަށް ހިއެއްނުވެ ހަސަން އަދިވެސް މަރިޔަމް ކައިރީ އަޅުގަނޑުމެންގެ ކައިވެނީގެ ވާހަކަ ދެއްކިހެންނެއް. މަރިޔަމް ގަބޫލުވާނެ ހެންނެއް ހިއެއް ނުވެ. މިހާރު ވެސް އަޅުގަނޑު ފެނުނީމަ އޭނަ ހީވަނީ ރުޅި އައިސް ހުރިހެން." ޝަބްނަމް ބުނެލީ ޝަކުވާގެ ރާގަށެވެ.

މަރިޔަމްއާ ދިމާލަށް އެފަދަ ގޮތަކަށް ޝަބްނަމް ވާހަކަ ދެއްކުމުން ހަސަން ހިތްހަމައެއް ނުޖެހުނެވެ. ޝަބްނަމް ވާހަކަ ދެއްކި ގޮތުން އޭނާ، މަރިޔަމްއާ ނުރުހޭކަން ހަސަންއަށް ޔަގީން ވިއެވެ.

" އާނ. ނުދައްކަން އެއްވެސް ވާހަކައެއް. އެއްވެސް އަނތްބަކު ބޭނުމެއް ނުވާނެ ދޯ އޭނާގެ ފިރިމީހާ އެހެން މީހަކާ ކައިވެނި ކުރާކަށް." ހަސަން ބުންޏެވެ.

އޭނާއަށް ބާރުލައިފައި އެހެން ބުނެވުނީ ހިތްހަމަ ނުޖެހުނުލެއް ބޮޑުކަމުންނެވެ. ފާޅުގައި އިންކާރު ކުރަން ވެސް އެ ވަގުތު އޭނާ ބޭނުން ވިއެވެ.

" ބައްޕަ؟ " ޝަބްނަމް ގޮވާލީ ކުޑަކުއްޖަކު ފަދައިންނެވެ.

އެއާއެކު ނުރުހުންތެރި ބެލުމަކުން، ރަޝީދު ހަސަންއަށް ބަލައިލިއެވެ. އޭރު ހަސަންގެ މޫނުމަތިން ވެސް އޭނާއަށް ފެނުނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

" ހަސަން މިހާރު ހިޔާލު ބަދަލުވީތަ؟" ރަޝީދު އެހިއެވެ.

ޒުހޭރާ އިން ޖޯއްޔާ ޖެހިގެން ހުރި ޖޯލީގައި ޝަބްނަމް އިށީނދެލީ ފެންކަޅިވެފައި ހުރެއެވެ. އަދި އޭނާ މަޑުމަޑުން ޒުހޭރާގެ ކޮނޑުގައި ބޯ އަޅާލިއެވެ.

ރަޝީދުގެ ސުވާލަށް ޖަވާބު ދޭކަށް ހަސަންއަކަށް ނުކެރުނެވެ. ހަސަންއަށް ބަލައިލެވުނީ ސާޔާ އުރާލައިގެން އަންނަ މަރިޔަމްއާ ދިމާލަށެވެ.

" ކިޔައިދީ މަރިޔަމްއަށް. އަހަރެން ވެސް އަހަރެންގެ ދަރިފުޅަށް ހަގީގަތަކަށް ނުވާނެ ހުވަފެންތަކެއް ނުދައްކާނެ ދޯ." ރަޝީދު ބުންޏެވެ.

އެ ވަގުތު ހަސަން އިންތިހާއަށް ބިރުގަތެވެ. ދާދި އަވަހަށް މަރިޔަމް ވެސް އައިސް ހަސަންއާ ނުހަނު ކައިރީގައި ހުއްޓި، އަށި މަތީ އިށީނެވެ.

" ކީއްވެތަ އެ މަންޖެ ރުއީ؟" ހަސަން ސުވާލު ކުރިއެވެ. އޭރު އޭނާގެ އަޑުގައި ނުތަަނަވަސްކަމާއި ތުރުތުރުލުމެއް ހުރިކަން މަރިޔަމްއަށް ފާހަގަ ކުރެވުނެވެ.

" ހާނިމް ގޮތެއް ހަދާލިއްޔޯ." މަރިޔަމް ބުންޏެވެ.

އޭރު ވެސް ތުއްތު ސާޔާއަށް ކޮންމެވެސް ވަރަކަށް ގިސްލެވެއެވެ.

ނުސީދާ ގޮތަކަށް މަރިޔަމް ޝަބްނަމްގެ މޫނަށް ބަލައިލުމާއެކު އަނެއްކާ ވެސް މަރިޔަމްގެ ހިތް، ބިރުގެންފިއެވެ. ޝަބްނަމްގެ ކަޅި ހުއްޓިފައި ހުރީ ސީދާ ހަސަންގެ މޫނަށެވެ. އޭނާ އިނީ އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތިފައި ކަހަލައެވެ.

" ދާންވީ އެއްނު ސާޔާ ނިންދަވާލަން." ހަސަން ބުނެލިއެވެ.

ހަސަން އުޅެނީ މަރިޔަމް އެ ތަނުން ފޮނުވައިނުލެވިގެންނޭ އެންމެން ވެސް ހިތަށް އެރި ކަހަލައެވެ. ހަސަން އެހެން ބުނުމާއެކު މަންމަގެ ކޮނޑުމަތިން ބޯ ހިއްލާލަމުން ޝަބްނަމް ބޯ އަރިކޮށްފައި ރަޝީދަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދާ އާދޭހުގެ އަސަރުތަކަކީ ކޮބައިކަން ރަޝީދުއަށް ވަރަށް ރަނގަޅަށް ދެނެގަނެވުނެވެ. އަދި ދަރިފުޅުގެ ހިތުގެ ރިހުން ވެސް އޭނާއަށް އިހްސާސް ވާ ކަހަލައެވެ.

" އަހަރެމެންނަށް ފެން ކައްކާ ބޮލީގެ އިއްޒަތް ދޭން ނަހަދައްޗޭ ހަސަން." ރަޝީދު ބުންޏެވެ.

އެއާއެކު އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ މަރިޔަމްއަށެވެ. ސާޔާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިން މަރިޔަމްގެ ހަރަކާތް ވެސް ހުއްޓުނެވެ. އަދި ފަހަރަކު މީހެއްގެ މޫނަށް އޭނާއަށް ވަކިވަކިން ބަލައިލެވުނެވެ. އެންމެންގެ މޫނުމަތިން ވެސް އެ ވަގުތު ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ކަމެއް ގޯސް ވެއްޖެކަން އެ ހިސާބުން މަރިޔަމްއަށް ރަނގަޅަށް ވެސް ޔަގީން ކުރެވުނެވެ.

" ރަޝީދުބެ ކީއްވެ އެހެން އެ ބުނީ؟" މަޑުމަޑުން މަރިޔަމް އަހާލީ ހަސަން ކައިރީގައެވެ.

ދޭނެ ޖަވާބެއް ހަސަންއަކަށް ނޭނގުނެވެ. އޭނާއަށް ވެސް ބަލައިލެވުނީ ރަޝީދުގެ މޫނަށެވެ.

" ހަސަން ނިކަމެތި ހާލުގައި ހުއްޓާ، އަހަރެން ދޯ ހަސަންއަށް އެހީވީ. ބޭނުން ޖެހުނު ދުވަހު ހަސަންއަށް އަހަރެން ވަރަށް މުހިއްމުވި. އެކަމަކު، ހަސަންގެ ގެދޮރު ހެދި، ހަސަން ބޭނުންވާ ވަރަށް ފައިސާ ލިބުނީމަ ހަސަން އަހަރެމެން ދޫކޮށްލަނީ ދޯ. އަހަރެން ހަސަންއަށް ވެދިން އެހީތެރިކަމުގެ އަގުވަޒަން ކުރަން ވެސް ހަސަންއަށް ނޭނގުނު." ރަޝީދު ބުންޏެވެ.

އެއާއެކު މަރިޔަމްއަށް ހަސަންގެ މޫނަށް ބަލައިލެވުނެވެ. އޭރު ހަސަން އިނީ އިސްޖަހައިގެންނެވެ. މަރިޔަމް މަޑުމަޑުން ހަސަންގެ ގައިގައި އަތް ޖައްސާލިއެވެ.

" ކިހިނެއްވީ؟ ރަޝީދުބެ އެ ދައްކަނީ ކޮން ވާހަކައެއްތަ ހަސަން؟" މަރިޔަމް އެހިއެވެ.

" ވަރަށް އަވަހަށް އަހަންނާ ކައިވެނި ކުރާނެކަމަށް ބުނެފައި ހަސަން އައީ. " ޖަވާބު ދިނީ ޝަބްނަމްއެވެ.

އެ ވަގުތު ހަސަންގެ ގައިން މަރިޔަމް އަތް ދޫކޮށްލިއެވެ. އޭނާއަށް ލިބުނު ކުއްލި ސިހުމާއެކު އިންތަނުން ކޮޅަށް ވެސް ތެދުވެވުނެވެ. އޭރު ސާޔާ އޮތީ އޭނާގެ ކޮނޑުމަތީގައެވެ. މަރިޔަމްގެ މޫނަށް ބަލައިލާނެ ހިތްވަރު ވެސް ހަސަންގެ ކިބައިގައި ނެތް ކަހަލައެވެ.

" މަރިޔަމް ކައިރީ އެ ވާހަކަ ބުނަން ހަސަން ރަށަށް އެއައީ. ހަސަން އެ ވާހަކައެއް ނުބުނޭތަ؟" ޝަބްނަމް ބުންޏެވެ.

ޝަބްނަމް ދައްކާ ވާހަކަތައް އަޑު އިވުނު ނަމަވެސް މަރިޔަމް ސަމާލުކަމެއް ނުދިނެވެ. އޭނާ ހުރީ ސާޔާގެ ގައިގައި އަތް ޖައްސާލައިގެން ހަސަންއަށް ބަލާށެވެ.

ކުއްލިއަކަށް ރަޝީދު ތެދުވެއްޖެއެވެ. އަދި މަޑުމަޑުން ގޮސް މަރިޔަމްގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު މަރިޔަމް ހަމަ ރަނގަޅަށް ވެސް ފެންކަޅި ވެއްޖެއެވެ.

" ހަސަން، ޝަބްނަމްއާ ކައިވެނި ކުރުމަކުން އެކޮއި ހިތާމަ ކުރަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ. ހަސަންގެ އާއިލާއަކީ މިހާރު ރަޝީދުބޭގެ ވެސް އާއިލާ. މަރިޔަމްއާ ތިން ކުދިން ވެސް މާލެ ބަދަލުވާނީ. އޭރުން އެ ކުދިންނަށް ރަނގަޅު ތައުލީމް ދެވި، ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ރަނގަޅު ކުރެވޭނެ. " ރަޝީދު ބުންޏެވެ.

މަރިޔަމް ހުރީ ގަނޑުވެފައި ކަހަލަ ގޮތަކަށެވެ. ނޭވާ ހިނގާހެން ވެސް އޭނާއަކަށް ހިއެއް ނުވެއެވެ. އޭރު މަރިޔަމްގެ ދެ ތުންފަތް ތުރުތުރު އަޅަމުން ދެއެވެ. އޭނާ ހުރީ އިންތިހާއަށް ހިތްދަތިވެފައިކަން އޭނާއަށް ބަލައިލި ކޮންމެ މީހަކަށް ވެސް ޔަގީން ވާނެއެވެ.

" ރަޝީދުބޭމެން މި އައީ ހަސަންއާ މަރިޔަމް ބަލައި. މާލެ ދާ ގޮތަށް ކައިވެނީގެ ތައްޔާރީތައް ކުރަން ފަށަން ވީ. އެެހެންވީމަ، ދަތުރަށް ތައްޔާރުވެލާ. މާ ބޮޑަށް ވިސްނާނެ ކަމެއް ނެތޭ މަރިޔަމް. ހަސަންއަށާ، ތި ދިރިއުޅުމަށް ރަނގަޅު ގޮތެއް ވާން ބޭނުން ވަންޏާ މަރިޔަމް ވެސް މި ކަމަށް އެއްބަސްވީމަ އެންމެ މޮޅުވާނީ." ރަޝީދު އެހެން ބުނެ ސާޔާގެ ބުރަކަށީގައި ފިރުމާލިއެވެ.

އަދި ޒުހޭރާއާ ދިމާލަށް އެނބުރިލުމަށްފަހު އޭނާ ލޮލުން އިޝާރާތް ކޮއްލިއެވެ. އެއާއެކު ޒުހޭރާ އާއި ޝަބްނަމް ވެސް ތެދުވެއްޖެއެވެ.

" އަޅުގަނޑު މި ވަގުތު ދަނީ. އަދި ކުދިން ކައިރިއަށް އަންނާނަން. ހަސަންގެ ކުދިންނަކީ ހަމަ އަޅުގަނޑުގެ ވެސް ކުދިން." ޝަބްނަމް ބުނެލީ ހަސަންއަށް ބަލަން ހުރެއެވެ.

ނަމަވެސް ހަސަން އޭރު ވެސް އިނީ އިސްޖެހި ގޮތަށް، އިސް އުފުލާލަން ވެސް ނުކެރިފައެވެ. ރަޝީދު ހަސަންގެ ކޮނޑުގައި އަތްޖައްސާލުމަށްފަހު ބާރުކޮށްލިއެވެ. އަދި ދަނީއޭ ބުނެ މަގުމައްޗާ ދިމާލަށް އޭނާ ހިނގައިގަތެވެ. ފަހަތުން ޒުހޭރާއާއި ޝަބްނަމް ވެސް ހިނގައިގަތެވެ.

" މަރިޔަމްގެ ހުއްދަ ކޮންމެހެން ބޭނުމެއް ނުވާނެ. ހަސަންއަށް އޭނަ ކައިރީ ބުނަން ނުކެރިފައި ހުރީމަ ބައްޕަ މި ބުނެލީ. ކަންތައްތައް މާ ލަސްކޮށް ދަންމަން ހަދައިގެން މި ކަމެއް ނުވާނެ." ރަޝީދު ބުނެލިއެވެ.

އެއާއެކު ރަޝީދުގެ އަތުގެ މުލައްދަނޑީގައި ދެ އަތުން ހިފަހައްޓާލަމުން ޝަބްނަމް، ރަޝީދުގެ ކޮނޑުގައި ބޯ ޖައްސާލީ އުފަލުންނެވެ.

" ހަސަން." ރޮވިފައި ހުރެ މަރިޔަމް ގޮވާލީ ހަސަންގެ ކުރިމަތީގައި ހުއްޓެމުންނެވެ.

އޭރު ވެސް ހަސަން އިނީ އިސްޖަހައިގެންނެވެ. މަރިޔަމް މަޑުމަޑުން ހަސަންގެ ދަތްދޮޅީގައި ހިފައި އޭނާގެ މޫނު އުފުލާލިއެވެ. ނަމަވެސް ހަސަން އަވަސް އަވަހަށް މޫނު އަނބުރާލުމަށްފަހު އަށިމަތިން ތެދުވެއްޖެއެވެ. އަދި އޭނާ މަރިޔަމްއަށް ފުރަގަސްދިނެވެ.

" ތިހެން އަހަންނަށް ނުބަލާ ކިތައް ދުވަސް ވަންދެން ހުރެވޭނެ؟" މަރިޔަމް އެހިއެވެ.

އެއީ މީގެ ކުރިން ދުވަހަކު ވެސް ހަސަންއަށް އިވުނު އަޑެއް ނޫނެވެ. އެ އަޑުގައިވާ މޮޅިވެރިކަމާއި ހިތްދަތިކަން، ހަސަންގެ ހިތުގެ އެންމެ ފުނަށް ފޯރައިފިއެވެ.

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)