ކުރީގެ އަދަދާއި ގުޅޭ:

"އަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް ހަސަންގެ ރަށަށް ދާން. ހަސަން ނުފެނި އަހަންނަކަށް އެންމެ ރެޔަކު ވެސް ނުނިދޭނެ. އަހަރެން މޮޔަވެދާނެ. " ބޮލުގެ އިސްތަށިތަކުގެ ތެރެއަށް ދެ އަތް ކޮއްޕާލަމުން ޝަބްނަމް ފާރު ބުޑަށް ތިރިވިއެވެ. އަދި މަޑުމަޑުން ފާރުގައި ބޯ ޖައްސާލިއެވެ.

Ad
rt

" އަހަރެން ދާނީ ހަސަން ބަލާ." ޝަބްނަމް އަނެއްކާ ވެސް ބުނެލިއެވެ.

ހެނދުނުހެނދުނާ ޒުހޭރާ ބަދިގެއަށް ދިޔައިރު ޝަބްނަމް އިނީ މޭޒުކައިރީގައެވެ. ޝަބްނަމް ފެނުމާއެކު ޒުހޭރާ ދިޔައީ ސިހިގެންނެވެ. އޭނާ ބާރުބާރަށް އައިސް ޝަބްނަމްގެ ބޮލުގައި އަތް ޖައްސާލަމުން އޭނާގެ މޫނަށް ބަލައިލިއެވެ. އެއާއެކު ޝަބްނަމްގެ މޫޑު ރަނގަޅު ނޫންކަން ޒުހޭރާއަށް އެނގުނެވެ.

" ރޭގަ ނުނިދަންތަ؟" ޒުހޭރާ އެހިއެވެ.

" މަންމާ! އަޅުގަނޑު ބޭނުމީ ހަސަންގެ ރަށަށް ދާން. ހަމަ މިހާރު." ޝަބްނަމް ބުންޏެވެ.

އެއާއެކު ޒުހޭރާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނާ ގޮސް ޝަބްނަމްގެ ކުރިމަތީ އިން ގޮނޑީގައި އިށީނދެލިއެވެ. އޭރު ވެސް ޝަބްނަމް އިނީ ޒުހޭރާގެ ޖަވާބެއްގެ އިންތިޒާރުގައި ކަހަލައެވެ.

" ހަސަނުގެ ރަށަށޭ؟ ކިއްކުރަން؟" ޒުހޭރާ އެހިއެވެ.

" ދެން މަންމާ. ނޭނގެ އަޅުގަނޑަކަށް މި ވާ ގޮތެއް. ހަސަން އެ ރަށަށް ދިޔައީމަ ހިތްހަމައެއް ނުޖެހެޔޭ." ޝަބްނަމް ބުނެލީ ކުޑަކުއްޖަކު ފަދައިންނެވެ.

އެއާއެކު ޒުހޭރާ ދެ ފަރާތަށް ބޯ ހޫރާލަމުން ތުންފަތް ތަޅުވާލިއެވެ.

" ހަސަންގެ އަނބިމީހާއާ ދަރިންތައް މި ގެއަށް ގެނެސްގެން ދެން ކިހިނެއް ދަރިފުޅު ދިރިއުޅޭނީ؟ އޭނަ އަންހެނުން ކައިރިއަށް ދިޔައީމަ ވެސް ދަރިފުޅު ތި ހުރީ ރޯ މަހެއް ހެން ތެޅިލަތެޅިލާ. " ޒުހޭރާ ބުންޏެވެ.

" މަންމަ ތި ބުނުއްވީ ހަމަ ތެދެއް. އަޅުގަނޑަކަށް ހިއެއް ނުވެ، ކެތްކުރެވިދާނެހެން. އަޅުގަނޑު ހަސަންއާ އިނދެފަ ބުނާނަން އެ ކުއްޖާ ވަރިކޮށްލާށޭ." ޝަބްނަމް ބުންޏެވެ.

އެއާއެކު ޒުހޭރާއަށް ބާރަށް ހެވުނެވެ.

" ދަރިފުޅު މާ އަވަސް އަރުވާލައިގެން ތި އުޅެނީ. އެންމެ ފުރަތަމަ ބޮންތީގައި ހިފަން އުޅެނިކޮށް ރުކުން ވެއްޓި، އަތްފައި ބިނދި ދާނެ. އޭރުން ބާކީ ވާނީ ހަމަ ދަރިފުޅު." ޒުހޭރާ ބުންޏެވެ.

އެ ވަގުތު މޫނުމައްޗަށް ފޫހިކަން ވެރިކޮށްލަމުން ޝަބްނަމް ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ބައްޕަ ކައިރިން ހުއްދަ ހޯއްދަވާބަލަ މަންމާ." ޝަބްނަމް ބުނެލީ އާދޭހުގެ ރާގަކަށެވެ.

" އަނހަ. ދަރިފުޅު ހާދަ މައިރަކާ ތެދުވެގެން." ރަޝީދު ބުނެލިއެވެ.

ރަޝީދުގެ އަޑަށް، ދޮރާ ދިމާލަށް ދެ މައިންނަށް ބަލައިލެވުނީ އެއް ފަހަރާއެވެ. އެ ވަގުތު އަވަސް އަވަހަށް ޝަބްނަމް ޒުހޭރާއަށް ބަލައިލަމުން ލޯ އަޅާލިއެވެ. ޝަބްނަމް އެ އިޝާރާތް ކުރީ ކޮން ކަމަކަށް ކަން ހަމަ ރަނގަޅަށް ވެސް ޒުހޭރާއަށް އެނގެއެވެ. ރަޝީދު އައިސް ޒުހޭރާ ކައިރީ ހުރި ގޮނޑީގައި އިށީންނަމުން މޭޒުމައްޗަށް ނަޒަރު ހިންގާލިއެވެ.

" މިގުދާދު މިއަދު ހާދަ ދަށް ކޮށް މި އުޅެނީ؟ މަސްހުނި އެކަނިތަ ހުރީ؟" ރަޝީދު އެހިއެވެ.

" ނޫނޭ. މަސްރިހަ ކެކެނިއްޔޯ ބުނި." ޝަބްނަމް އަވަސް އަވަހަށް ބުނެލިއެވެ. އެ ވަގުތު ރަޝީދު ހިނިތުންވެލަމުން ޝަބްނަމްގެ މޫނަށް ބަލައިލިއެވެ.

ނަމަވެސް އެހެން ދުވަސްތަކާ ހިލާފަށް މިއަދު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މީގެ އެތައް ދުވަސްތަކެއް ކުރިން އެ މޫނުމަތީގައި އަބަދުމެ ފެންނަން ހުންނަ އަސަރުތަކެވެ. ނަމަވެސް ހަސަންއާ ދިމާވުމަށްފަހު އަބަދުވެސް ޝަބްނަމް ހުންނަނީ އުފާވެރި ހިނިތުންވުމެއްގައިކަން ރަޝީދުއަށް ވެސް ފާހަގަ ކުރެވެއެވެ. އެެހެންވެ، މިއަދު ޝަބްނަމްއަށް އައިސްގެން އުޅޭ ބަދަލްތަކާއި ހަސަންއާ ގުޅިފައިވާކަން ރަޝީދުއަށް ޔަގީން ވެއްޖެއެވެ.

" ދަރިފުޅު މިއަދު މާ ފޫހިވެގެން ތި އިންނަނީ ހަސަން ނެތީމަ ދޯ." ރަޝީދު އަހާލިއެވެ.

އެއާއެކު ޝަބްނަމް އޭނާގެ މަންމައަށް ބަލައިލިއެވެ. އަދި ތަންމިނަށް ދެ ލޯ ބޮޑުކޮށްލީ އިންޒާރެއް ދޭ ފަދަ ގޮތަކަށެވެ. އެ ވަގުތު ނޭވާ އެތެރެއަށް ހިފަހައްޓާލަމުން ޒުހޭރާ ރަޝީދުއަށް ބަލައިލިއެވެ.

" ޝަބްނަމް މާ މޮޅު ގޮތެއް ނިންމައިފިއޭ." ޒުހޭރާ ބުންޏެވެ.

އެ ވަގުތު ރަޝީދު ނުވިސްނޭފަދަ ގޮތަކަށް ޒުހޭރާއަށް ބަލައިލިއެވެ.

" ޗުއްޓީ ހަދާލާށާ އެއްކޮށް ބައްޕަގެ ރަށަށް ދާން ހިނގާށޯ. ހަސަން ވެސް އެ ރަށުގައި ހުންނާނެ އެއްނޫންތޯ. ދެން އަޅުގަނޑުމެން އަންނައިރު ހަސަން ވެސް ގޮވައިގެން އާދެވޭނެއެއްނު ." ޒުހޭރާ ވާހަކަ ދެއްކީ ނުހަނު ގަޔާވެގެންނެވެ.

ރަޝީދު ބުނާނެ އެއްޗަކާމެދު ވިސްނަން އިން ޝަބްނަމްއަށް ހިނިތުންވެލެވުނީ ރަޝީދުގެ މޫނުމަތިން ހިނިތުންވުން ފާޅުވުމުންނެވެ.

" އާނ ތިއީ މާ ރަނގަޅު ހިޔާލެކޭ. ދަރިފުޅު އަދި ބައްޕަގެ ރަށަކަށް ނުވެސް ދަމެއްނު. އެހެންވީމަ، އަވަހަށް ދަތުރު ހަދަމާ. " ރަޝީދު ބުނެލިއެވެ.

އުފާވި ވަރުން ޝަބްނަމް ތެދުވެގެން ގޮސް ޒުހޭރާގެ ކޮނޑުގައި ބައްދައިގަތެވެ.

މަރިޔަމްއާއި ހަސަން، ތިން ކުދިން ގޮވައިގެން ތުނޑީ ކޮޅަށް ދިޔައީ ފިނޮޅަށް މޫދަށް އެރިލާށެވެ. އޭރު ގަޑިން ހަވީރު ހަތަރެއް ޖަހަނީއެވެ. ސާޔާ އުރާލައިގެން ހަސަން ފިނޮޅުގައި އުޅޭ މަންޒަަރު ބަލަން މަރިޔަމް އިނީ ނުހަނު އުފާވެފައެވެ. ސާޔާގެ ދެ ފައިގައި ވެލި މޮޑެން ބޭންދުމާއެކު އެ ތުއްތު ދަރިފުޅަށް ވަރަށް މަޖާ ވެއްޖެއެވެ.

" މި އަންނަނީ ފެން ފުޅި ހިފައިގެން. ސާޔާގެ މޫނަށް ލޮނު ބުރައިފި ކަންނޭނގެ." މަރިޔަމް ބުނެލިއެވެ.

އޭނާ ދުވަމުން ގޮސް އެއްގަމަށް އަރާ، ރަނިކަ ގަސްދޮށުގައި ހުރި ކޮތަޅާ ދިމާލަށް ހިނގައިގަތެވެ. ފެންފުޅި ހިފައިގެން އެނބުރި މޫދާ ދިމާލަށް ދުއްވައިގަތް ވަގުތު އޭނާގެ ނަމުން މީހަކު ގޮވާލި އަޑަށް ބޭއިހްތިޔާރުގައި މަރިޔަމްއަށް ހުއްޓެވުނެވެ.

" އަހަންނަށް ފިލައިގެން ތި އުޅެނީ ފިރިމީހާ އައިސް ހުރީމަތަ؟" ފަހަތުގައި ހުރި ރިލްވާން ބުނެލިއެވެ.

އެއާއެކު މަރިޔަމްގެ ހިތް ތެޅިގަތެވެ. ރިލްވާންގެ މޫނުމަތީގައި ހުރީ މީގެ ކުރިން އޭނާ ނުދެކޭ ފަދަ ރުޅިވެރިކަމެކެވެ. މަރިޔަމްއަށް އަނެއްކާ ވެސް ބަލައިލެވުނީ ހަސަންއަށެވެ. އޭރު ހަސަން ވެސް އިނީ އެ މީހުންނަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ފިނޮޅު އޮތީ ތަންކޮޅެއް ދުރުގައި ކަމުން އެހާ އަވަހަށް ހަސަންއަށް ނާދެވޭނެކަން މަރިޔަމްއަށް އެނގެއެވެ.

" މަށަށް ފާރަލަނީ ކީއްކުރަން. އަހަރެންގެ ދިރިއުޅުމުން ދުރަށް ދާށޭ ކިތައް ފަހަރު ބުނާނީ؟" މަރިޔަމް ބުނެލިއެވެ.

އެ ވަގުތު ރިލްވާން ހޭންފެށިއެވެ. އަދި މަރިޔަމްގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލީ ދަހިވެތި ބެލުމަކުންނެވެ.

" ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކަ އަޑު އެހިންތަ މަންޖެ؟ އަހަންނަށް ވެސް މި ހުރީ އެހެން ވެފަ. ދެން ފާރަވެސް ލެވޭނެތާ." ރިލްވާން ބުނެލީ ދުރަށް ބަލައިލަމުންނެވެ.

" ކެތްނުކުރެވިގެން އެހެރަ އަންނަނީ މިހާރު. " ރިލްވާން އެހެން ބުނުމާއެކު މަރިޔަމްއަށް ފަހަތަށް ބަލައިލެވުނެވެ.

އޭރު ސާޔާ އުރާލައިގެން ހަސަން އެއްގަމަށް އަރައިގެން އާދެއެވެ.

" ތިއީ ހާދަ ގޮތެއް ވެސް ނެތް މީހެކޭ. " ރުޅި އައިސް ރަތްވެ ހުރެ މަރިޔަމް ބުންޏެވެ.

އަދި ރިލްވާންއަށް ބެލުމެއް ނެތި މަރިޔަމް ހަސަންއާ ދިމާލަށް ދުއްވައިގަތެވެ. އޭރު ވެސް ނުބައި ޒާތަކަށް ހީލަހީލާ ރިލްވާން ހުއްޓެވެ.

" ނޫން ނޫން. ހަސަން އޭނަ ކައިރިއަށް ދާނެ ކަމެއް ނެތް. އޭނަ އަހަރެމެންނަށް އެ ފާރަ ލަނީއޭ." މަރިޔަމް ބުންޏެވެ.

ހަސަންއާ އަރާ ހަމަވުމަށްފަހު މަރިޔަމް އާދޭހުގެ ނަޒަރަކުން ހަސަންއަށް ބަލަން ފެށިއެވެ.

" ކީއްވެތަ ނުދާންވީ؟ އަނ. ސާޔާ އުރާލައިގެން ދޭ ހާނިމް މެން ކައިރިއަށް. އަހަރެން މި ދަނީ އޭނައާ ވާހަކަ ދައްކާފަ. ފާރަލައިގެން ނުވާނެދޯ." ހަސަން ބުނެލީ ވަރަށް ރުންކުރު ގޮތަކަށެވެ. އެހެންވެ އިންކާރު ކުރާކަށް މަރިޔަމްއަކަށް ނުކެރުނެވެ.

ސާޔާ އުރާލައިގެން މަރިޔަމް ދުރުގައި ހުރީ ހާސް ހިތަކައިގެންނެވެ. ހަސަންއާ ރިލްވާންއާ ދެމެދު ކުރިމަތިލުމެއް ހިނގައިފާނެތީ އޭނާ ހުރީ އިންތިހާއަށް ބިރުވެސް ގެންފައެވެ.

" އަހަރެން ރަށަށް އައުމުގެ ކުރިން ވެސް ރިލްވާންގެ ހަބަރު އަހަންނަށް ލިބިއްޖެ. އެކަމަކު އަހަރެން މަރިޔަންއަށް ވަރަށް އިތުބާރު ކުރަން. އެހެންވީމަ... އެހެންވީމަ ރިލްވާން ވެސް ތި ކަން އަވަހަށް ހުއްޓާލާ. ރިލްވާންގެ ސަބަބުން ރަށުތެރެއަށް މަރިޔަން ފަޟީހަތް ވެސް ވެއްޖެ. " ހަސަން ބުނެލިއެވެ.

އެއާއެކު ރިލްވާން ޖަހާލީ ހިނިގަނޑެކެވެ.

" މަރިޔަން ވެސް އަހަރެން ބޭނުން ވާތީ ދޯ މަށާ ވާހަކަ ދައްކާނީ. ދެން މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެގެން މާ ބޮޑު ގުޅުމެއް ނުބޭއްވޭނެ ދޯ." ރިލްވާން ބުންޏެވެ.

އެ ވަގުތު ހީލަމުން ހަސަން ރިލްވާންގެ ކޮނޑުގައި ޖަހާލިއެވެ.

" ކޮންމެވެސް އެހެން ކަމާ އުޅޭ." ހަސަން އެހެން ބުނެ އަވަސް އަވަހަށް ހިނގައިގަތީ މަރިޔަމްއާ ދިމާލަށެވެ. ހިތްހަމަ ނުޖެހިފައި ހުރެ، ރިލްވާން އައި ކޮޅަށް ހިނގައިގަތީ ނުހަނު ބާރަށެވެ.

ހަސަން އައިސް އަރާ ހަމަވުމާއެކު މަރިޔަމް ހުރީ ސުވާލު ކުރާހިތުން ކެތްމަދުވެފައެވެ.

" މާ ބޮޑު ކަމެއް ނުހިނގައޭ. އަހަރެން މި އައީ އެހެން ކަމަކާ އުޅޭށޭ ބުނެފަ. އަހަންނަށް އެނގޭކަން އެނގުނީމަ ބިރުގަންނާނެތާ. " ހަސަން ބުންޏެވެ.

އޭރު ވެސް މަރިޔަމް ހުރީ ނުހަނު ކަންބޮޑު ވެފައެވެ.

" ކީކޯތަަ ބުނީ ރިލްވާން؟" މަރިޔަމް އެހިއެވެ.

" އޭނަ އެއްޗެއް ނުބުނަނީސް އަހަރެން މި އައީ. ދެން އެކަމާ ކަންބޮޑު ނުވޭ." ހަސަން އެހެން ބުނެ މަރިޔަމްގެ ކޮނޑަށް އަތް ވައްޓާލިއެވެ. އަދި މޫދާ ދިމާލަށް އަވަހަށް އޭނާ ހިނގައިގަތެވެ.

އެހާ ފަސޭހައިން ރިލްވާން ދާނެހެން މަރިޔަމްއަކަށް ހިއެއް ނުވެއެވެ. އަދިވެސް ރިލްވާން މަރިޔަމްގެ ފަހަތުން ނުނެއްޓޭނެޔޭ އޭނާގެ ހިތަށް އެރިއެވެ.

ތިން ކުދިން ގާތް ކޮށްގެން ފިނޮޅުގައި ކުޅެން އިން މަރިޔަމްއަށް ބަލަހައްޓައިގެން ހަސަން އިނީ ފުން ވިސްނުމެއްގައެވެ.

" އަހަރެން އެ ޝަބްނަމްއަކާ ނީންނާނަން. ދެން މާލެ އެއް ވެސް ނުދާނަން. ރަޝީދު ކޮންމެ އެއްޗެއް ކިޔަސް ހެޔޮ. އަހަރެންގެ މި އުފާވެރި ދިރިއުޅުން ހަލާކެއް ނުކުރެވޭނެ. ޝަބްނަމްއަށް ކޮންމެ ގޮތެއް ވިޔަސް، އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް. ދެން އެނބުރި މާލެ އެއް ނުދާނަން." ހަސަން އޭނާގެ ޟަމީރާ ވާހަކަ ދެއްކިއެވެ.

ޖެހިގެން އައި ދުވަހެވެ. މަރިޔަމް އުޅުނީ އަވަދިނެތި ބަދިގޭގައެވެ. އަވި ގަދަ ކަމުން ކުދިންކޮޅު ވެސް ކުޅެން ތިބީ ގޭ ތެރޭގައެވެ. އޭރު ހަސަން ވީ މެންދުރު ނަމާދަށް ގޮހެވެ. އޭނާ އަންނަން ވާއިރަށް މެންދުރުގެ ކެއުން ތައްޔާރު ކުރުމަކީ މަރިޔަމް ކޮންމެހެން ވެސް ކުރަން ބޭނުންވާ ކަމެކެވެ.

" އައްސަލާމް އަލައިކުމް. " ބޭރުން އިވުނު އަޑަށްމަރިޔަމްއަށް ބޭރަށް ބޯދިއްކޮއްލެވުނެވެ.

އަތުގައި އޮތް އަތްދޯފޮތި ކޮޅުން ދެ އަތް ފުހެމުން އޭނާ ބޭރަށް ނިކުތެވެ. އެއާއެކު މަރިޔަމްއަށް ފެނުނީ ފެންޑާ ކައިރީ ތިބި ރަޝީދުމެންނެވެ. ރަޝީދު އާއި ޒުހޭރާގެ އިތުރުން ޝަބްނަމް ވެސް ހުއްޓެވެ. މަރިޔަމްގެ ނަޒަރު ފުރަތަމަ ވެސް ހުއްޓުނީ ޝަބްނަމްއަށެވެ. ހުޅެވި ހަނދެއްފަދަ ރީތި އެ އަންހެން ކުއްޖާ ފެނި، މަރިޔަމްއަށް އާޝޯހު ވެވުނެވެ.

" މަރިޔަމްދޯ މި އުޅެނީ. ކޮބާތަ ހަސަނު؟ މިއީ ހަސަނު ކައިިރިއަށް އައި ދަތުރެކޭ." ރަޝީދު ސުވާލު ކުރިއެވެ.

އެ އަޑަށް މަރިޔަމް ދިޔައީ ސިހިގެންނެވެ.

" ނަމާދަށް ގޮސް ވީ. ރަޝީދުބޭ އަންނަ ވާހަކަ ހަސަން ނުވެސް ބުނެ." މަރިޔަމް ބުނެލިއެވެ.

" އަހަރެމެން މިއައީ ހަސަން ކައިރީ ނުބުނެ. ދޯ ބައްޕާ؟." ހެވިލާފައި ޝަބްނަމް ބުންޏެވެ.

އެ ވަގުތު ރަޝީދު ބޯ ޖަހާލިއެވެ.

" ރަޝީދުބޭ. ގަސްދޮށަށް ވަރަށް ފިނި ވައިޖެހޭނެ. އިށީންދެލަން ވީއެއްނު. އަހަރެން މި އަންނަނީ ބޯލާނެ އެއްޗެއް ހިފައިގެން." މަރިޔަމް ބުނެލިއެވެ.

އެ ވަގުތު ރަޝީދުމެން އެންމެން ގަސްދޮށާ ދިމާލަށް ހިނގައިގަތުމާއެކު މަރިޔަމް ގޮސް ވަނީ ބަދިގެއަށެވެ.

" މާތްކަލާކޯ. ހާދަ ރީތި ކުއްޖެކޭ. ހީވަނީ ހަމަ ބިއްލޫރިކޮޅެއްހެން." މަރިޔަމްއަށް ހިތާ ހިތުން ބުނެލެވުނެވެ.

" އަހަރެމެން މި އައީ ހަސަންއަށް ނޭނގި އޭ. ދޯ ބައްޕާ." މަރިޔަމްގެ ހިޔާލަށް އައީ މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ޝަބްނަމް ދޫކޮށްލި ޖުމްލައެވެ.

" އެ ކުއްޖާ ހާދަ ހެވިފައޭ ހުރީ. އަނެއްކާ ހަސަންއާ މާ ރައްޓެހީ ކަންނޭނގެ." މަރިޔަމްއަށް ބުނެލެވުނެވެ. ހެވިފައި ހުރެ އޭނާ ކަރައެއް ފަޅާލީ، ކަރާ ފަނި ތައްޔާރުކޮއްލުމަށެވެ.

" އެއީތަ ހަސަންގެ އަންހެނުން؟ އޭނައަށް ވުރެ އަހަރެން މާ ރީތި ދޯ. ހަސަން ކީއްވެތަ ދެން އޭނައާ ހެދި އެ އުޅެނީ؟" ޒުހޭރާގެ ކަންފަތާ މޫނު ގާތްކޮށްލަމުން ޝަބްނަމް ބުނެލީ މަޑުމަޑުންނެވެ.

" މަންމައަށް މަރިޔަމް ވަރަށް ލޯބި ގޮތެއް ހުރޭ." ޒުހޭރާ ބުންޏެވެ. އެއާއެު ޝަބްނަމް ލޯ އަޅާލިއެވެ.

" އަހަންނަށް ހީވަނީ ހަސަން އަދި މަރިޔަމް ކައިރީ އެއްވެސް ވާހަކައެއް ނުދައްކާހެން. ދެއްކި ނަމަ، އަހަރެމެން ފެނުނީމަ މަރިޔަމްއަށް ކޮންމެވެސް ކަހަލަ ބަދަލެއް އަންނާނެ." ރަޝީދު ބުންޏެވެ.

" އެ މަންޖެ ހީވަނީ ވަރަށް އުފަލުން ހުރިހެން. ފަހަރެއްގައި ވެދާނެއެއްނު ކައިވެންޏަށް ރުހެނީ ކަމަށް ވެސް. މާލެ ގޮސް އުފަލުގައި އުޅެވޭނެތާ." ޒުހޭރާ ބުންޏެވެ.

އެ ވާހަކަ ބުނުމާއެކު ޝަބްނަމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. މަރިޔަމްމެން މާލެ ގެންދިޔުމުގެ ހިޔާލު އޭނާ ދޫކޮށްލިތާ މިހާރު ކިތަންމެ ދުވަހެކެވެ.

ހިޔާލެއް ފިކުރެއް ނެތި ހަސަން އައިސް ގޭ ދޮށަށް އައުމާއެކު، ގަސްދޮށުގައި ތިބި ރަޝީދުމެން އޭނާއަށް ފެނުނެވެ. އެއާއެކު އޭނާގެ ދެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. ހައިރާންވެފައި އޭނާއަށް ހުރި ފިޔަވަޅުމަތީ ހުރެވުނީއެވެ.

ޝަބްނަމްއަށް ހަސަން ފެނުމާޢެކު ދުވެފައި ގޮސް ހަސަންގެ އަތުގައި ހިފިއެވެ. ލިބުނު ހައިރާންކަމާއެކު ހަސަންއަށް ޝަބްނަމްގެ މޫނަށް ބަލައިލެވުނެވެ. އޭރު ޝަބްނަމް ހުރީ އުފަލުން ފޮޅިފައެވެ. އޭނާ ހަސަންގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ދަމަމުން ކަހަލަ ގޮތަކަށެވެ. އެއާއެކު ތަބަކަކަށް ޖޫސްތަށިތައް ލައިގެން ބަދިގެއިން ނިކުތް މަރިޔަމްއަށް ވެސް އެ މަންޒަރު ފެނުނެވެ.

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)