ކުރީ ދުވަހުގެ އަދަދާއި ގުޅޭ:

" ތިހެން އަހަންނަށް ނުބަލާ ކިތައް ދުވަސް ވަންދެން ހުރެވޭނެ؟" މަރިޔަމް އެހިއެވެ.

Ad
rt

އެއީ މީގެ ކުރިން ދުވަހަކު ވެސް ހަސަންއަށް އިވުނު އަޑެއް ނޫނެވެ. އެ އަޑުގައިވާ މޮޅިވެރިކަމާއި ހިތްދަތިކަން، ހަސަންގެ ހިތުގެ އެންމެ ފުނަށް ފޯރައިފިއެވެ.

" ސާޔާ ނިދިފައި އޮތިއްޔާ ބާއްވާފަ އާދޭ." މޮޅިވެރި އަޑަކުން ހަސަން ބުންޏެވެ.

ހަސަން އެހެން ބުނުމާއެކު މަރިޔަމް އަވަސް އަވަހަށް ގެއާ ދިމާލަށް ހިނގައިގަތެވެ. ހަސަންއަށް މަރިޔަމްއާ ދިމާލަށް ބަލައިލެވުނީ ދެނެވެ. ދުރަށް ހިނގާފައި ދާ މަރިޔަމްގެ ހިތަށް އަރާފައިބަމުން ދާ އެއްޗެހި ހަސަންއަށް އެނގޭ ކަހަލައެވެ. އޭނާގެ އަވަސް ހިނގުން ފެނި، މަރިޔަމް އެ ހުރީ ހަސަންއާ ވާހަކަ ދައްކަން ވަރަށް ބޭނުންވެފައިކަން ވެސް އެނގުނެވެ.

ކަންތައް ހިނގާ ދިޔަ ގޮތް ކިޔައިދޭން ބޭނުން ވިޔަސް، މަރިޔަމް ގަބޫލު ކުރާނީ ކޮން ގޮތަކަށް ކަމެއް ހަސަންއަކަށް ނޭނގެއެވެ. އޭނާއަށް މަރިޔަމް ކުރާ އިތުބާރު ފެނަށް ވެގެން ދާކަން ހަސަން ބޭނުމެއް ނޫނެވެ. މަޑުމަޑުން ހިނގާފައި ގޮސް ބިޔަކޮށް ހެދިފައި ހުރި ޖަނބުރޯލު ގަހުގައި އޭނާ ލެނގިލިއެވެ. ވަގުތަކީ މަރިޔަމް ވެސް އައިސް އޭނާގެ ފަހަތުގައި ހުއްޓުނު ވަގުތެވެ.

" އެ މީހުން އެ ދައްކަނީ ތެދު ވާހަކަތަކެއްތަ؟" މަރިޔަމްގެ އަޑަށް ހަސަން ދިޔައީ ސިހިގެންނެވެ.

ނަމަވެސް ހަސަން ފަސް އެނބުރި ބަލައެއް ނުލިއެވެ. އެހެން ކަމުން މަރިޔަމް ބޭނުންވީ ހަސަންއަށް ފަސޭހަ ގޮތެއް އިހްތިޔާރު ކުރާށެވެ.

" ހުރިހާ އެއްޗެއް ތެދަށް ސާފުކޮށް އަހަންނަށް ކިޔައިދީ." މަރިޔަމް ބުންޏެވެ.

ހަސަންއަށް ހިންދިރުވާލެވުނެވެ. ކިޔައިދޭށޭ ބުންޏަސް، ކިޔައިދިނުމުން މަރިޔަމްގެ ހިތަށް ތަދުވާނެ ވަރު ވެސް ހަސަންއަށް އެނގެއެވެ.

" އަހަރެން އެއްބަސް ވީ މަޖުބޫރު ކުރުވީމަ. އަހަންނަށް ރަޝީދު ކޮށްދީފައި ހުރި ކަންތައްތައް ބޮލުގައި އަޅުވާފައި އޭނަގެ ދަރިޔާ ކައިވެނި ކުރަން އޭނަ މަޖުބޫރު ކުރުވީ." ހަސަން ބުންޏެވެ.

އެ އަޑު އިވި މަރިޔަމްއަށް ހަސަންގެ ކުރިމައްޗަށް ނުގޮހެއް ނުހުރެވުނެވެ. ދެ ތިން ފިޔަވަޅު އަޅައި އޭނާ ގޮސް ހުއްޓުނީ ސީދާ ހަސަންގެ ކުރިމަތީގައެވެ.

" އެއްބަސް ވީ އޭ؟ ރަޝީދުބެއަށް މަޖުބޫރު ކުރެވިދާނެ. އެކަމަކު ހަސަން އެއްބަސް ވީ ކީއްކުރަން؟ ހަސަން ހަމަ އަސްލު ވެސް އެ އަންހެން ކުއްޖާއާ ކައިވެނި ކުރަން ބޭނުންވީތަ؟" އެ ސުވާލު މަރިޔަމް ކޮށްލީ ނުހަނު ލަސްލަހުންނެވެ.

" މަރިޔަން." ހަސަންއަށް ބުނެވުނީ ބާރަށެވެ.

އެއާއެކު އޭނާ ބާރުބާރަށް މަރިޔަމްގެ ދެ ކޮނޑުގައި ހިފިއެވެ.

" ހީވޭތަ؟ ހީވޭތަ މަރިޔަން ފިޔަވައި އިތުރު އަންހެނަކާ ދިމާލަށް ލޮލުގެ ހިމަ ކޮޅުން ވެސް އަހަރެން ބަލައިލަފާނެހެން؟ ހީވޭތަ މަރިޔަން ނޫން މީހަކު އަހަރެން ބޭނުން ވާނެހެން. ހީވޭތަ އަހަންނަށް ތި ނޫން މީހަކު ދެކެ ލޯބި ވެވިދާނެހެން؟" އެހެން ބުނެ ލުތްކެއް ޖަހާފައި ހަސަން، މަރިޔަމްގެ ގައިން ދޫކޮށްލިއެވެ.

" ހިއެއް ނުކުރަން. ޔަގީން ކުރީ. ޔަގީން ވެއްޖެ. ޔަގީން ވެއްޖެ ހަސަންއަށް އަހަންނަށް ވުރެ އެހެން އަންހެނަކު މުހިއްމު ވެއްޖެކަން. ޔަގީން ވެއްޖެ މިއަދު ތިން ދަރިން ވިހޭ ފަހުން ހަސަންއަށް އަހަރެން ހުތުރު ވެއްޖެކަން. އަދި އަހަންނަށް ވަރަށް ބޮޑަށް ޔަގީން ވެއްޖެ މާލޭގައި ހަސަންއާ އެ ކުއްޖާއާ ދެމެދު ވަރަށް މާތް ގުޅުމެއް އުފެދިފައި އޮތްކަން." މަރިޔަމް ވާހަކަ ދެއްކީ ލަސްލަހުންނެވެ. އޭރު އޭނާގެ ދެ ލޮލުން ފޫދިގެން އަންނަ ފެންތަކުން ކޯތާފަތްމަތި ތެންމަމުން ދެއެވެ.

" މަރިޔަން." އަނެއްކާ ވެސް ކަންބޮޑުވެފައި ހުރި ރާގަކަށް ހަސަން ގޮވާލިއެވެ.

އެއާއެކު މަރިޔަމް މޫނު އަނބުރާލިއެވެ.

" ކުށްހީ ނުކުރޭ. ކޮން މާތް ގުޅުމެއް؟ އަހަރެން އޭނައާ އެއްވެސް ގުޅުމެއް ނުބާއްވަން." ހަސަން އަވަސް އަވަހަށް ބުންޏެވެ.

އެ ވަގުތު މަރިޔަމް މަލާމާތުގެ ރާގަކަށް އެއް މިޔަކަނުން ހީލިއެވެ. އަދި އެއް އަތުން ލޮލުން ފެންތައް ފުހެން ފެށިއެވެ.

" މިތާ އިނދެފަ، މާ ދުރުން ހަސަން ފެނިގެންތާ އޭނަ ގޮސް ހަސަންގެ އަތުގައި ހިފާނީ. ހަސަންގެ ގައިގައި އެހެން މީހަކަށް އަތް ލެވޭނީ ހަސަން މީގެ ކުރިން ވެސް އެ ކަމަށް ހުއްދަ ދެވިފައި އޮތީމަ. އޭނައާ ދުރުން އުޅުން ނަމަ މިއަދު އަދި އަހަރެންގެ ކުރިމަތީގައި އޭނައަށް އެ ބާރެއް ނުލިބުނީސް. " މަރިޔަމް ބުންޏެވެ.

އެއާއެކު ހަސަން ދިފާއުގައި ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް އެ ފުރުސަތު ނުދީ އަނެއްކާ ވެސް ވާހަކަ ދެއްކީ މަރިޔަމްއެވެ.

" އަހަންނަކީ މިވީ ހާ ތަނަށް ވެސް ހަސަންއާ ދުވަހަކު ވެސް މި ހެން ވާހަކަ ދެއްކި މީހެއް ނޫން. އެކަމަކު މިއަދު އަހަންނަށް ފުރުސަތު ދީ." މަރިޔަމް އެދުނެވެ.

ހަގީގަތުގައި ވެސް މަރިޔަމްގެ ހިތަށް ތަސައްލީއެއް ވެސް ލިބޭނީ އޭނާ ބޭނުން ހުރިހާ ވާހަކަތަކެއް ދައްކައިގެންނެވެ. ހިތުގައި ހުރި އުދާސްތައް ބޭރު ވެސް ކޮއްގެންނެވެ. އެހެން ހިތާ ހަސަން ވެސް އިތުރަށް ވާހަކަ ދައްކާކަށް ގަސްތެއް ނުކުރިއެވެ.

" މިއަދު ހަސަން އަހަރެންގެ އަގު ތި ވައްޓާލީ. އެ މީހުންގެ ކުރިމަތީގައި އަހަންނަކީ އެއްވެސް މީހެއް ނޫން. އަހަރެންގެ އެއްވެސް އަގެއް ނެތް. އާރެއް ބާރެއް ނެތް. މާ ދުރުން އައި ބަޔަކު އަހަރެންގެ ހައްގަކަށް އަރައިގަނެ، ބަލަބަލަ ހުއްޓާ ގެންދާހެން ހީވީ. އެތައް އަހަރުތަކެއް ވަންދެން އެކުގައި އުޅުނު ފިރިމީހާ އެ މީހުންގެ މީހަކަށް ހަދާލާއިރު އަހަރެން މި ޖެހެނީ ބަލަން ހުންނަން. ހަސަންއަށް ހީވޭތަ އަހަންނަށް ކެތްވާނެހެން؟ ހަސަންއަށް ހީވޭތަ ތި ދެ މީހުން އުޅޭ ގޮތް ބަލަން އަހަރެން ކުދިންކޮޅު ގޮވައިގެން މާލެ ދާނެހެން؟ " އެހެން ބުނުމާއެކު މަރިޔަމްއަށް ގިސްލެވިއްޖެއެވެ.

މި ފަހަރު ހަސަންއަކަށް މަޑަކުން ނުހުރެވުނެވެ. އޭނާ ގޮސް މަރިޔަމްގެ ގައިގައި ހިފާ، އޭނާއާ ގާތަށް ދަމާލިއެވެ. ހަސަންގެ ކޮނޑުގައި މަރިޔަމް ބޯ އަޅާލުމާއެކު ހަސަން ވާހަކަ ދައްކަން ފެށިއެވެ.

" ކިތަންމެ ޝަކުވާއެއް ކުރިޔަސް އަހަންނަށް އެނގޭ މަރިޔަން އަހަންނަށް އިތުބާރު ކުރާނެކަން. އަހަރެންގެ މަޖުބޫރީ މަރިޔަންއަށް އިހްސާސްވާނެކަން ވެސް އަހަންނަށް އެނގޭ. ހަނދާން ކުރާތި! ހަނދާން ކުރާތި އަހަރެން މަރިޔަންދެކެ ވާ ލޯތްބަށް ޝައްކު ނުކުރާތި. ތިއަށް ވުރެ ބޭނުންވާ، އަދި ތިއަށް ވުރެ ހިތް އެދޭ އިތުރު މީހަކު އަހަރެންގެ ނުހުންނާނެ." ހަސަން ބުންޏެވެ.

އެއާއެކު މަރިޔަމް ބޯ ހިއްލާލަމުން ހަސަންގެ މޫނަށް ބަލައިލިއެވެ.

" ދެން ކީއްވެ އެ މީހުންނަށް ބޭނުންހާ ގޮތަކަށް ހުރިހާ ކަމެއް ނިންމެންވީ؟ " މަރިޔަމް ސުވާލު ކުރީ އަސަރާ އެކުއެވެ.

" އަހަރެން މި އުޅެނީ އެ ކަމުން ސަލާމަތް ނުވެވިގެން." ހަސަން ބުންޏެވެ.

މަރިޔަމް ދުރަށް ޖެހިލަމުން ހަސަންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭރު ހަސަން ވެސް ހުރީ މަރިޔަމްއަށް ބަލާށެވެ.

" ކީއްވެ ފާޅުގައި އިންކާރު ނުކުރީ؟" މަރިޔަމް އެހިއެވެ.

" ރަޝީދު ކުރިމަތީގައި އެއްޗެއް ބުނަން ނުކެރުނީ. " ހަސަން ބުންޏެވެ.

އެއާއެކު މަރިޔަމް ފަހަތަށް ޖެހިލިއެވެ.

" ދޭ. އެހެންވިއްޔާ ހަސަން ދޭ އެ މީހުންނާއެކު. އަހަންނާ ކުދިން މިތާ ބައިތިއްބާ. އަހަރެމެންގެ ހާލަށް އަހަރެމެން ދޫކޮށްލާ. ރަޝީދަށްޓަކާ ހަސަންގެ ދެ އަތުން ހަސަންގެ ދިރިއުޅުން ތި ގުރުބާން ކުރަނީ. އަހަރެން ދުވަހަކު ވެސް ހަސަންއަށް މި އުއްމީދެއް ނުކުރަން. ދުވަހަކު ވެސް ނުކުރަން." މަރިޔަމް އެހެން ބުނެ ގެއާ ދިމާލަށް ބާރަށް ދުއްވައިގަތެވެ.

މަރިޔަމްއަށް ބަލަން ހުރެ ހަސަން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މަޑުމަޑުން ގޮސް އޭނާ އަށިމަތީ އިށީނދެ އިނދެ ވިސްނަން ފެށިއެވެ.

އަސްރު ނަމާދު ބަންގި ގޮވީ ވެސް ހަސަން އެތާ އިންދައެވެ. އޭރު ވެސް ގެއަށް ވަތް ގޮތަށް މަރިޔަމްއެއް ނުނިކުމެއެވެ.

މިސްކިތުން ހަސަން ފޭބުމާއެކު ފަހަތުން އައިސް ރަޝީދު އޭނާއާ އަރާ ހަމަކޮށްފިއެވެ. ރަޝީދު ފެނުމާއެކު ހަސަންގެ ހިތް ނުތަނަވަސް ވެއްޖެއެވެ. އޭނާގެ މޫނުމަތީގެ ޝުއޫރުތަކުން އޭނާ ހުރީ ހަސަންއާ ވާހަކަ ދައްކަން ބޭނުންވެފައިކަން ހަސަންއަށް އެނގުނެވެ.

" ކޮބާ؟ މަރިޔަމް ކީކޭ ބުނަނީ؟" ރަޝީދު އެހިއެވެ.

އެ ވަގުތު ހަސަން އިސްޖަހާލިއެވެ. މި ވަގުތުގެ ބޭނުން ހިފާނެ ގޮތަކާމެދު އޭނާ ވިސްނަން ފެށިއެވެ.

" މަރިޔަމް އެއްބަހެއް ނުވެ. " ހަސަން ބުނެލިއެވެ.

" ކޮންމެހެން ދޮށީ އަނބިމީހާގެ ރުހުމެއް ބޭނުމެއް ނުވާނެޔޭ. މިހާރު އެ ގޮތަށް ރުޅި އައިސް ހުއްޓަސް، ފަހުން ގަބޫލު ވެދާނެ. ކޮންމެ ގޮތެއް ވިޔަސް މަރިޔަނަކީ ވެސް އާއިލާއެއް އޮތް މީހެއް ނޫން. ދަރިންކޮޅު ގޮވައިގެން އެކަނި ނޫޅެވޭނެ ދޯ." ރަޝީދު ބުނެލީ ފަސޭހަކަމާއެކުގައެވެ.

އެ ހިސާބަށް އޭނާގެ ވާހަކަ ދިޔުމާއެކު ހަސަންގެ ކެތްތެރިކަން ކޮޅުން ލީ ކަހަލައެވެ. ކުރިއަށް ނެގި ފިޔަވަޅުމަތީ ހަސަން ހުއްޓުމާއެކު ރަޝީދުއަށް ވެސް ހުއްޓެން މަޖުބޫރު ވީ ކަހަލައެވެ. އޭނާ ހަސަންއާ ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

" ޝަބްނަމްއާ އިންނާކަށް އަހަރެން ގަސްތެއް ނުކުރަން. އަހަންނަށް މައާފްކުރޭ. އަހަންނަށް އެހެން މީހަކާ ކައިވެންޏެއް ނުކުރެވޭނެ." ހަސަން ބުނެލީ ބިރުން ހުރެއެވެ.

އެއާއެކު ރަޝީދުއަށް ދެ ބުމަ އުފުލައިލެވުނެވެ. އަދި ހުއްޓުންއަރާފައި އޭނާއަށް ހުރެވުނީ ހަސަންގެ މޫނަށް ބަލާށެވެ.

" އޭރު ބުނަން ނުކެރުނީ. އަހަރެން ގެ އަޅަން ރަޝީދު ދިން ފައިސާ، އަނބުރާ އަހަރެން ދޭނަން. އެކި ފަހަރުތަކަށް ބަހާލައިގެން އެ ލާރި ދައްކާނަން. " ހަސަން އަނެއްކާ ވެސް ބުނެލިއެވެ.

" އަހަންނަށް މުހިއްމުވަނީ ފައިސާއެއް ނޫން. އަހަރެންގެ ދަރިފުޅު. އަހަރެންގެ ދަރިފުޅުގެ އުފާވެރިކަން. އެ އުމުރުގެ ހުރިހާ ކުދިން މީހުންނާ އިނދެ ދަރިން ލިބޭ އިރު ވެސް ޝަބްނަމް އެ ހުންނަނީ މީހަކާ ނީނދެ. އޭނަ ގަޔާވާ ކަހަލަ މީހަކު ނުލިބިގެން. އެކަމަކު ހަސަން ފެނި، އެ ކުއްޖާގެ މުޅި ހަޔާތް ބަދަލު ވެއްޖެ. އުފާވެފައި އަހަރެމެންނާ ވެސް ކިހާ ވާހަކަ ދައްކާ. އެއީ މީގެ ކުރިން އޭނަ އުޅުނު ގޮތެއް ނޫނޭ." ރަޝީދު ކިޔައިދިނެވެ.

ރަޝީދުގެ މޫނަށް ބަލައިލަން ވެސް ހަސަން ހުރީ ލަދުން ކަހަލަ ގޮތަކަށެވެ.

" އެހެންވީމަ، މިއަދު އޭނަ ބޭނުންވާ ކޮންމެ ކަމެއް، ކޮންމެ ހާލެއްގައި ނަމަވެސް ފުއްދައިދޭން އަހަރެން ބޭނުން. މިއަދު އަހަރެން މި ހުރީ މުސްކުޅި ވެފައި. މާދަމާ އަހަރެމެން ލޯ މަރާލިއަސް އެ ދަރިފުޅު އުޅޭނީ އެކަނިމާއެކަނި. ހަސަނަކީ ވެސް ހަމަ އަހަރެން ފަދައިން ބައްޕައެއް. ބަފައިން ދަރިންނާމެދު ދެކޭނެ ކަންތައްތައް ހުދު ހަސަނަށް ވެސް އެނގޭނެ." ރަޝީދު ބުންޏެވެ.

" އަހަރެން މި ހުރީ މަރިޔަމްއާ ވާހަކަ ދައްކަން ވެސް ދާން ހަމަ ތައްޔާރަށް." އަނެއްކާ ވެސް ރަޝީދު ބުނެލިއެވެ.

އެ ވަގުތު ހަސަން ދިޔައީ ސިހިގެންނެވެ. އެއީ އެއްގޮތަކަށް ވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. މަރިޔަމްގެ ޖަވާބު އޮތީ އޭނާއަށް ލިބިފައެވެ. ނަމަވެސް އެ ކަން ރަޝީދުއަށް އަންގާކަށް ހަސަން ބޭނުމެއް ނޫނެވެ.

" ނޫން. މަރިޔަމްއާ ހަމައަށް އެއްވެސް މީހަކު ދާކަށް އަހަރެން ބޭނުމެއް ނޫން. ރަޝީދުބެ. އަދި އިރާދަކުރެއްވިއްޔާ ޝަބްނަމްއަށް ކައިވެނި ކުރާނެ ރަނގަޅު މީހަކު ލިބޭނެ. މީހެއްގެ ފިރިއަކާ ހެދި އުޅުމަކީ ދިރިއުޅުމެއް ހަލާކު ކުރުންކަން ޝަބްނަމްއަށް ކިޔަދިނުމަކީ ވަރަށް މުހިއްމުކަމެއް. އަހަރެންގެ ދިރިއުޅުން ހަލާކުވާކަށް އަހަރެން ބޭނުމެއް ނޫން." ހަަސަން ވަރަށް އުނދަގުލުން ބުނެލިއެވެ.

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)