މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ފުރައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ގުރޫޕުގައި 234 ޙައްޖުވެރިން ހިމެނެއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ މިއަދު ހަވީރު 15:14 ގައި ސަޢުދީ އެއަރލައިންސްގެ ފްލައިޓަކުންނެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން 20:49 ހާއިރުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ހަމަޖައްސާފައިވާއިރު، ބަސް ދަތުރުތައް ފެށީ މިއަދު ހެނދުނު 10:30 ގައެވެ.
ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިއަދު ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވާއިރު އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ.
ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުގައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!