ދިވެހިރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މިކަމަށްޓަކައި މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން، މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކްސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދުގެ ބޭފުޅުންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ދައުލަތުގެ އެހެނިހެން އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިން ސަޢުދީ ޢަރ ޢަރަބިއްޔާއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ފުރިހަމަކުރެވޭނެއެވެ. އަދި ޙައްޖުވެރިންގެ ފޮށިތައް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާ ހަމައަށް ގެންގޮސްދޭނެއެވެ.
މި އިންތިޒާމުގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. މިއީ ޙައްޖުވެރިންގެ ދަތުރަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!